ހއ. މޮޅަދޫގެ އާބާދީއަށް ދީނީ މަޢުލޫމާތު ލިބިފައިވާ މިންވަރު ވަޒަން ކުރުމަށާއި، ދީނީ މަޢުލޫމާތު ހޯދުމަށް ބާރު އެޅުމުގެ ގޮތުން "މޮޅަދޫ ކައުންސިލް ރޯދަ ކުއިޒް 1443" ގެ ނަމުގައި ކުއިޒެއް ބޭއްވުމަށް އެ ރަށު ކުއުންސިލުން ނިންމައިފިއެވެ.
މި ކުއިޒް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ރަމަޟާން މަހުގެ 9 ވަނަ ދުވަހުން ފެށިއިގެން ރަމަޟާން މަހުގެ ނިޔަލަށް އެ ކައުންސިލްގެ ފޭސްބުކް ޕޭޖާއި ކައުންސިލްގެ ރަސްމީ ވައިބަރ ގުރޫޕް މެދުވެރިކޮށް އޮންލައިންކޮށެވެ.
ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކޮންމެ ރަސްމީ ދުވަހަކު ހެނދުނު 11:00 ގެ ކުރިން އެއް ސުވާލު އެ އިދާރާގެ ފޭސްބުކް ޕޭޖްގައި ޝާއިއު ކުރުމަށް ހަމަޖެހިފައިވާއިރު، އެ ސުވާލަށް ޖަވާބު ފޮނުވަން ޖެހެނީ ސުވާލާއިއެކު ފޭސްބުކު ޕޭޖާއި އެ ކައުންސިލްގެ ރަސްމީ ވައިބަރ ގުރޫޕު ގައި އެޓޭޗްކުރެވިފައިވާ ގޫގުލް ފޯރމް މެދުވެރި ކޮށެވެ. ކޮންމެ ސުވާލެއްގެ ޖަވާބު ވެސް ސުވާލު ޝާއިޢު ކުރާ ދުވަހުގެ ރޭ 23:59 ގެ ކުރިން ފޮނުވަން ޖެހެއެވެ.
މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު އެ ކައުންސިލްގެ މެންބަރުންނާއި އިދާރީ މުވައްޒަފުން ފިޔަވައި މޮޅަދޫގެ ކޮންމެ ރައްޔިތަކަށް ވެސް ވަނީ ހުޅުވާލާފައެވެ.
މި މުބާރާތުގެ އެއްވަނައަށް އަންނަ ފަރާތަކަށް 1000 (އެއްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ އެންމެ ގިނަ ސުވާލަށް ރަނގަޅު ޖަވާބު ދެއްވާފައިވާ ފަރާތްތައް އެއްފަރާތަށްވުރެ ގިނަ ވެއްޖެނަމަ، އެއްވަނައަށް ދާ ފަރާތް ހޮވުމަށް ހަމަޖެހިފައި ވަނީ ޤުރުއަތު ލައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!