ހއ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ (އެމްއޭސީސީއެސް) ގުޅިގެން އެރަށުގައި ގަހަނާ ހަދަން ދަސްކޮށްދޭ ކޯހެއް ފަށައިފިއެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ހައްވާ ފަޒުނާ ވިދާޅުވީ މި ކޯހަކީ އެރަށުގެ ކަނބަލުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ ކޯހެއް ކަމަށެވެ.
އެގޮތުން މި ނޮވެމްބަރ މަހުގެ 25 ވަނަ ދުވަހު ފަށާފައިވާ މި ކޯހަކީ 5 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ކޯހެއް ކަމަށް އެ ކޮމިޓީއިން ވިދާޅުވިއެވެ. މި ކޯހުގައި ޖުމްލަ 17 ބޭފުޅުން ވަނީ ބައިވެރިވެފައެވެ.
މާލޭގައި މި މަސައްކަތުގައި ޖަޖުރިބާކާރު ހުނަރުވެރި 3 ކަނބަލަކު ކިޔަވާދެއްވާ މި ކޯހުގައި މިނާ އަދި ގޮށްފަދަ ތަކެތިން ގަހަނާ ހަދާނެ ގޮތާއި އެތަކެތި މާކެޓް ކުރާނެ ގޮތްތައް ކިޔަވާދެއްވުމަށް ހަމަޖެހިފައި ވެއެވެ. މި ކޯހުގެ ތެރެއިން ތައްޔާރު ކުރަމުންދާ ތަކެތީގެ ތެރޭގައި ހިމެނެނީ ކަރުގައި އަޅާ ފަށާއި އަތުގައި އަދި ފައިގައި އަޅާ ތަކެތީގެ އިތުރުން ކަންފަތުލާ އެއްޗެހި ކަމަށް އެ ކޮމީޓިއިން ވަނީ ފާހަގަ ކުރައްވާފައެވެ.
މިފަދަ ކޯހެއް ކުރިއަށް ގެންދިއުމުގެ މަގްސަދަކީ އަންހެން ކަނބަލުން ގޭގައި ތިބެގެން އާމްދަނީ ހޯދާނެ ގޮތެއް ދަސްކޮށްދިނުން ކަމަށް އެކޮމީއިން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިހާތަނަށް މި ކޯސް ހިންގުމުގައި ކުރިމަތިވެފައިވާ ދަތިކަމެއްގެ ގޮތުގައި އެފަރާތުން ފާހަގަ ކޮށްފައިވަނީ ކޯސް ކުރިއަށް ގެންދިއުމަށް ލިބިފައިވާ ހޯލް ކުޑަ ވުމުން ދިމާވާ ދަތިތަކެވެ.
މިކޯސް ކުރިއަށް ގެންދިއުމަށް އެކޮމީޓިގެ މެމްބަރުން ދެއްވާ އެއްބާރުލުމުގެ އިތުރުން ރަށުގެ އަންހެން ކަނބަލުން އަދި ރަށު ކައުންސިލުން ވެދެއްވާ އެހީތެރިކަން ފާހަގަ ކޮށް އެކޮމީޓިގެ ފަރާތުން ވަނީ އެފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!