އާ ސިޓީ ކައުންސިލަށް 6 މަސް ފުރުމާއި ދިމާކޮށް، ބަދަލުތަކާއެކު މާލެ ސިޓީ ކައުންސިލް ރީބްރޭންޑް ކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ރޭ ގައި ވަނީ އެ ކައުންސިލްގެ 4 ވަނަ ދައުރަށް 6 މަސް ފުރުމުގެ ރަސްމިއްޔާތު ބާއްވާފައެވެ.

Ad
rt

މި ރަސްމިއްޔާތުގައި މާލޭ ސިޓީ ކައުންސިލް ރީ ބްރޭންޑް ކުރުމުގައި ކައުންސިލްގެ އާ ލޯގޯ އިފްތިތާހްކުރުމާ، ދިދަ ތަޢާރަފްކުރުމާ އަދި ކައުންސިލްގެ ޔުނިފޯމް ވަނީ ތައާރަފްކޮށްފައެވެ.

މީގެއިތުރުން މި ރަސްމިއްޔާތުގައި މާލޭގެ ލޭންޑް ޔޫސް ޕްލޭންގެ ޑްރާފްޓް ހުށަހަޅާފައިވާއިރު،‎ ‏ސިޓީ ކައުންސިލްގެ މަސައްކަތްތަކުގައި ބޭނުންކުރުމަށާ އެކިއެކި މުނާސަބާތަކުގައި ބޭނުންކުރުމަށް ސިޓީ ކައުންސިލްގެ ރަސްމީ ލަވަ ވެސް ވަނީ އިފްތިތާޙް ކޮށްފައެވެ.

އަދި ސިޓީކައުންސިލުން ނެރޭ މަޖައްލާ "އަތަމަނަ" ވެސް ވަނީ އިފްތިތާހްކޮށްފައެވެ. މާލެ ސިޓީ ކައުންސިލުން ވިދާޅުވި ގޮތުގައި، އެ ‏ސިޓީ ކައުންސިލްގެ ޚަބަރުތައް ވީހާވެސް ފުޅާ ދާއިރާއެއްގައި ރައްޔިތުންނާ ހަމައަށް އެކިއެކި ވަޞީލަތްތައް ބޭނުންކޮށްގެން ގެނެސްދިނުމަކީ ސިޓީ ކައުންސިލްގެ އަމާޒެއް ކަމަށެވެ. މި މަޖައްލާއަކީ އެކަން ހާޞިލްކުރުމަށް ނެރުނު މަޖައްލާއެއް ކަމަށް ވެސް ވިދާޅުވިއެވެ.

ރޭ އިފްތިތާހްކުރި އެ ކައުންސިލްގެ އާ ލޯގޯ އިން ރަމްޒު ކޮށްދެނީ މާލެ ސިޓީގައި ހިމެނޭ ހަ އަވަށެވެ. ލޯގޯގެ މެދުން މާލޭގެ ހަތަރު އަވަށް ކަމަށްވާ ހެންވޭރު، މާފަންނު، ގަލޮޅު އަދި މައްޗަންގޮޅި ރަމްޒުކޮށްދޭއިރު، އަދި ދެފަރާތުން ރަމްޒުކޮށްދެނީ ވިލިމާލެ އާއި ހުޅުމާލެ އެވެ.