ހދ.ކުމުންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) ގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ކަނބަލުންގެ ފުޓްސަލް ލީގުގެ ފައިނަލުން ޓީމް ސީއެސް ވިމެންސްއާއި ޓީމް ސަންދިޔާ ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގައި ފަސް ޓީމް ވާދަ ކޮށްފައިވާއިރު، މުބާރާތް ރާވާލެވިފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލަށް ދާ ގޮތަށެވެ.
ލީގުބުރުގައި ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނަ ޓީމް ގޮތުގައި މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި ވަނީ ސީއެސް ވިމެންސްއެވެ. އެ ޓީމަށް ވަނީ ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައެވެ.
މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ސަންދިޔާ ޓީމުން ހޯދާފައި ވަނީ ލީގު ބުރުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗު އެއްވަރުވެ، އެއްމެޗުން ބަލިވެ، ލިބުނު ހަތް ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ ދެވަނަ ޓީމްގެ ގޮތުގައެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ 18 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ކުމުންދޫ ފުޓްސަލް ދަނޑުގައެވެ.
މި މުބާރާތުގެ މެޗުތައް ކުމުންދޫ ޔޫތް ސްޕޯރޓްސްގެ ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ތިލަދުން" އޮންލައިން ނޫހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!