ސާއިދު އަހުމަދުގެ 2 ކިޑްނީ ފެއިލްވެ ކިޑްނީ އެއް ހަދިޔާ ކޮށްދޭން ފަރާތެއް ހޯދުމަށް “ވޮއިސް އޮފް މޯލްޑިވްސްގެ ކްލަބްހައުސް” ގައި މީރޭ ޚާއްސަ އިވެންޓެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
މިއީ ރާއްޖޭގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ އަދި ފުޓްބޯޅަ ކޮމެންޓްރޭޓަރ ސާއިދު އަހުމަދުއަށް ކިޑުނީއެއް ލިބޭތޯ މަސައްކަތް ކުރުމަށް ތިނަދޫ ޒުވާނުންތަކެއް އިސްނަގައިގެން ކުރިޔަށް ގެންދާ ޚާއްޞަ ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދާ އިވެންޓްއެކެވެ.
ކްލަބް ހައުސްގެ ކްލަބެއް ކަމުގައިވާ ވޮއިސް އޮފް މޯލްޑިވްސްގެ މި ފޯރަމްގައި ސާއިދު އޭނާ ތަހައްމަލު ކުރަމުން އަންނަ ވޭނާއި ތަޖުރިބާ ހިއްސާކުރާނެ އެވެ. އެގޮތުން ޕެނަލިސްޓުންގެ ގޮތުގައި ޑޮކްޓަރެއްގެ އިތުރުން ޑައިލެސިސް ނަރުހެއްވެސް ބައިވެރިވާނެ އެވެ. އަދި މީގެ ކުރިން ކިޑްނީ ހަދިޔާ ކޮށްފައިވާ މީހުންގެ ތަޖުރިބާވެސް މިރޭގެ ފޯރަމުގައި ހިއްސާކުރާނެ ކަމަށް މަޢުލޫމާތުލިބިފައިވެ އެވެ.
"ލެޓްސް ހެލްޕް ސާއިދް" ގެ ނަމުގައި ކުރިއަށްގެންދާ ރޫމް ކުރިއަށް ގެންދާނީ މިރޭ 20:30 އިން ފެށިގެން 21:30 އަށް ވޮއިސް އޮފް މޯލްޑިވްސް ކްލަބުގަ އެވެ.
މި އެވެންޓަކީ ސާއިދުއަށް ކިޑްނީއެއް ހަދިޔާކުރާނެ ފަރާތެއްގެ އިތުރުން އެހެނިހެން ގޮތްގޮތުންވެސް ސާއިދުއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން އެކްލަބްއިން ކުރިޔަށް ގެންދާ ޚާއްސަ ފޯރަމެއް ކަމަށެވެ.
ތިނަދޫއަށް އުފަން ސާއިދުގެ ކިޑްނީ ފެއިލްވެފައިވާކަން 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެނގުނީ ޔޫރިން އިންފެކްޝަނެއް އުފެދި އޭޑީކޭ ހޮސްޕިޓަލަށް ގޮސް ދެއްކުމުން ލޭގެ ޕްރެޝަރު މަތިކަމަށް އަންގާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް އޮބްޒަވޭޝަނުގައި ދެތިން ގަޑިއިރަކު ބާއްވައި ހެދި ޓެސްޓްތަކަކުންނެވެ. އޭރު ދެ ކިޑްނީ ފެއިލްވެ، އެ މަސައްކަތްކުރަނީ އެންމެ 13 އިންސައްތައަށެވެ.
ކިޑްނީ ފެއިލްވި ފަހުން ކޮންމެ ހަފްތާއަކު ވެސް ދެ ދުވަހުން އެއް ދުވަހު ސާއިދު އަންނަނީ ޑައިލަސިސް ހަދަމުންނެވެ. މިހާރު އައިޖީއެމްއެޗުން އޭނާ ޑައިލަސިސް ހަދަމުން އަންނައިރު ސާއިދު ވަނީ އެ ހޮސްޕިޓަލުގެ ޑައިލަސިސް ޑިޕާޓްމަންޓްގެ ފަރާތުން ބަހައްޓާއި ގާތްކަމާއި ހިތްހެޔޮކަމާއި އަޅާލުމަށް ޝުކުރު އަދާކޮށްފަ އެވެ.
ސަންއެފްއެމުން 2009 ގައި ނޫސްވެރިކަމުގެ ދާއިރާ އަށް ނުކުތް ސާއިދު ޕީއެސްއެމްއާ ގުޅުނީ 2015 ގަ އެވެ. ފުޓްބޯޅަ ކޮމެންޓްރީ ދިނުމުގެ އިތުރުން އޭނާ އަންނަނީ ކުޅިވަރު ޕްރޮގްރާމްތައް ޕްރޮޑިއުސްކޮށް ޕްރެޒެންޓް ވެސް ކުރަމުންނެވެ.
ސާއިދަށް މީގެ ކުރިން ވެސް ވަނީ ސިއްހީ މައްސަލައެއް ކުރިމަތިވެފަ އެވެ. އެގޮތުން 2015 ގައި މައިނާ ސްޓްރޯކެއް ޖެހުނެވެ. އޭގެ ފަހުން އޭނާ އަންނަނީ ބޭސް ބޭނުންކުރަމުންނެވެ.
ސާއިދުގެ މޮބައިލް ނަމްބަރު: 7998981
މާލީ އެހީތެރިވުމަށް: 7701175423101 (ރުފިޔާ އެކައުންޓް)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!