"ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭފަރާތްތަކުން ފްލެޓަކަށް މަހަކު ޖުމްލަ ދައްކަން ޖެހެނީ 8500 ރުފިޔާކަމަށް ކަނޑައަޅައި، އެކަން ހާމަކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކޮށްފައިވާ ޢިއުލާނެއްގައި ވާގޮތުން ހިޔާ ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސްކުރަން ޖެހެނީ 25 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެންނެވެ.

Ad
rt

މި ފްލެޓްތަކަށް އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7,500 ރުފިޔާ އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާގޮތަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އެހެންކަމުން ހިޔާ ފްލެޓަކަށް މަހަކު ޖުމްލަ ދައްކަން ޖެހޭނީ 8500 ރުފިޔާއެވެ.

ފުލެޓު އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ މުއްދަތުގައި އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭއިރު، މި ފުލެޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނެގުމަށް ހަމަޖެހިފައި ނުވާކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

"ނަމަވެސް، އެއްވެސް ފަރާތަކުން ޑައުންޕޭމަންޓުގެ ގޮތުގައި ފައިސާ ދައްކަން ބޭނުންވާނަމަ އެ ފަރާތްތަކަށް އެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. އަދި، ޑައުންޕޭމަންޓުގެ ގޮތުގައި ދައްކާ ފައިސާ ފުލެޓުގެ ޖުމްލަ އަގުން އުނިކޮށް، މަހުކުލި މިއަގާއި އެއްގޮތަށް ކުޑަކުރެވޭނެއެވެ. އަދި މީގެއިތުރުން، ފުލެޓަށް ފައިސާ ދައްކަން ކަނޑައެޅިފައިވާ މުއްދަތު ކުޑަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތުވެސް ދެވޭނެކަމުގައި ދަންނަވަމެވެ."

އެޗްޑީސީން ބުނެފައި ވެއެވެ.

ރައްޔިތުންނަށް ވީހާވެސް ހަލުވިކަމާއި ފަސޭހަކަމާއެކު މަޢުލޫމާތު ފޯރުކޮށްދިނުމަށް ހިޔާ މަޝްރޫޢުއަށް ހާއްސަ ރަސްމީ 'ވައިބަރ ޗެނަލް' އެއް ތަޢާރުފުކުރުމަށް ނިންމާފައިވާއިރު، މި "ވައިބަރ ޗެނަލް" ވެގެންދާނީ ހިޔާ
މަޝްރޫޢުއާއި ގުޅޭ އެންމެހާ މަޢުލޫމާތެއް، ރައްޔިތުންނަށް އެއްތަނަކުން ފަސޭހަކަމާއެކު ލިބޭ ވަސީލަތަކަށް ކަމަށް އެކުންފުނިން ބުނެއެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި ހިޔާ މަޝްރޫޢުގެދަށުން ތަރައްޤީކޮށްފައިވާ 6,720 ފުލެޓަކީ ނިސްބަތުން ގިނަ އަދަދެއްގެ ފުލެޓު ހިމެނޭ ހައުސިންގ މަޝްރޫޢުއެއްކަމުން، ސަރުކާރާއި ގުޅިގެން އެކުންފުނިން މަސައްކަތްކުރަމުން މިދަނީ އެ މަޝްރޫއުގެދަށުން ކުރަންޖެހޭ ކަންތައްތައް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ކަމަށެވެ.

އެ މަޝްރޫޢުގައި ހިމެނޭ ފްލެޓްތަކުގެ ތެރެއިން މިހާތަނަށް ގުރު ނަގާފައި ވަނީ 5،603 ފްލެޓެވެ.