މާލޭ ސިޓީގެ މަގުތަކާއި އާންމުތަންތަން ދިއްލައި، އަލިކޮށް ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓަރުކަމުގެ މަގާމުވެސް ފުރުއްވާފައިވާ ޑރ. މުޢިއްޒު މިހެން ވިދާޅުވީ، މާލޭ ސިޓީގެ އިއްޒުއްދީންމަގު، އަމީނީ މަގު ދެކުނަށް، މަގުބައްތިތައް ނުދިއްލޭތާ 3 ދުވަސްވެފައިވާކަން ފާހަގަކުރަށްވަމުން، އެކަމުގެ ކަންބޮޑުވުން ފާޅުކުރަށްވައި ކުރެއްވި ޓްވީޓެއްގަ އެވެ.

Ad
rt

އެކަން ފާހަގަކުރަށްވައި ޑރ. މުޢިއްޒު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލަކީ މާލޭގެ މަގުތަކާއި އާންމު ތަންތަން ދިއްލާ އަލިކޮށް ބެލެހެއްޓުމުގެ ޒިންމާ އަދާކުރަން އޮންނަ މުއައްސަސާ ކަމަށެވެ.

އެހެންކަމުން މާލޭގެ މަގުތަކާއި އާންމުތަންތަން އަލިކޮށް ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ގެންދަވަނީ މާލޭގެ ރައްޔިތުންނަށް ފުރިހަމަ ތަސައްވުރަކާއެކު، މާލޭގެ މޭޔަރުކަމަށް ކެމްޕޭން ކުރަށްވަމުންނެވެ.

ޑރ. މުޢިއްޒުގެ ތަޢުލީމީ ޤާބިލްކަމާއި، ތަޖުރިބާގެ އަލީގައި އެމަގާމަށް އެންމެ އެކަށޭނަ ކެންޑީޑޭޓަކީ އޭނާކަމަށް ފާހަގަކޮށް، އިދިކޮޅު އެމްޑީޕީގެ އިސް ސަފުގައި މަސައްކަތްކުރި ބައެއް ފަރާތްތަކުން ވެސް ޑރ. މުޢިއްޒަށް ތާއީދު ކުރާކަން ދަނީ ހާމަކުރަމުންނެވެ.