ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވަކި ޤައުމަކަށް ބަރޯސާ ނުވާނެކަމަށާއި އަދި ވަކި ޤައުމަކާ ދުރަށްވެސް ނުދާނެކަމަށް ފޮރިން ސެކެރެޓަރީ، އަބްދުލް ޤަފޫރު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސް އިން ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ފޮރިން ސެކެރެޓަރީ ވިދާޅުވީ މި ސަރުކާރުން ޗައިނާއާ އޮންނަ ގުޅުންވެސް ހީނަރުވެފައި ނުވާކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ފައިދާތައް ރައްޔިތުންނަށް އެންމެ އެކަށޭނެ ގޮތެއްގައި ފޯރުކޮށްދެއްވުމަށްކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުންވެސް، ފޮރިން ސެކެރެޓަރީ ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމުން، ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެ ބާކީވެފައި އޮންނަ އޮތުމަށް ނިމުން އައިސްފައިވާކަމަށެވެ. އެގޮތުން ވިލާތު އިއްތިޙާދާއި، އައޯރާ އަދި ކޮމަންވެލްތުން ރާއްޖެ ބަލައިގެންފައިވާކަމަށް ވިދާޅުވިއެވެ.
ފޮރިން ސެކެރެޓަރީ ޤަފޫރު މިހެން ވިދާޅުވީ ރާއްޖެއާ ޗައިނާއާ ދެމެދު އޮންނަ ގުޅުން ހީނަރުވެފައިވާކަމަށް އެތައް ފަރާތަކުން ބުނަމުން ދަނިކޮށެވެ. އަދި ޗައިނާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަކަށް ޗައިނާގެ ސަފީރު ރައްދުދެއްވާފައިވެސް ވަނިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!