ތ. ވޭމަންޑޫގައި ޒަމާނީ ވަސީލަތްތަކާ އެކު 50 އެނދުގެ ހޮސްޕިޓަލެއް ތަރައްގީކުރުމަށް، ކުވެއިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) އާއެކު ދިވެހި ސަރުކާރުން ގާތްގަނޑަކަށް 9.7 މިލިއަން އެމެރިކާ ޑޮލަރު (ތިން މިލިއަން ކުވެއިތު ދީނާރު) ގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ ދަށުން ވޭމަންޑޫގައި ގާއިމުކުރަނީ ފުރިހަމަ ވަސީލަތްތައް އެކުލެވޭ ޒަމާނީ ހޮސްޕިޓަލެއް ކަމަށެވެ. އަދި މި ހޮސްޕިޓަލް ތަރައްގީކުރުމުން ތ. އަތޮޅުގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފަސޭހަކަމާ އެކު ލިބިގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޒަރީރެވެ. އަދި ކުވެއިތު ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ އެކްޓިން ޑިރެކްޓާ ޖެނެރަލް، މިސްޓާ ރަޝައިދު އޭ. އަލް-ބަދަރެވެ.
މިއީ ކުވެއިތު ފަންޑުގެ އެހީގައި ރާއްޖޭގައި ހިންގާ 15 ވަނަ ލޯނު މަޝްރޫއެވެ. މީގެ އިތުރުން، މި އެއްބަސްވުމަކީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް އެ ފަންޑުން އިންވެސްޓްކުރި ފުރަތަމަ ފަހަރު ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ބޭއްވި އިހުތިރާމުގެ ބައްދަލުވުމުގައި، 2027 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ކަނޑައަޅާފައިވާ އަހަރީ ލޯނު ލިމިޓް 10 މިލިއަން ޑޮލަރުން 40 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ނިންމާފައިވާކަން ކުވެއިތު ފަންޑުން ވަނީ ކަށަވަރުކޮށްދީފައެވެ. މި ނިންމުން ނިންމާފައިވަނީ އޭއައިއައިބީގެ 2026 ވަނަ އަހަރުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި ކުރިއަށްދިޔަ މަޝްވަރާތަކަށް ފަހުގައެވެ.
މީގެ އިތުރުން، ތިލަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަށް އެއްބާރުލުން ދިނުމަށް ޝައުގުވެރިކަން ހުރިކަން ވެސް އެ ބައްދަލުވުމުގައި ކުވެއިތު ފަންޑުން ވަނީ ފާޅުކޮށްފައެވެ. މި ކަންކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ތަރައްގީގެ ބައިވެރިކަން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!