ބޯހިޔާވަހިކަމާގުޅޭ ގޮތުން ހއ ތިން މެންބަރުންގެ ތިން ގަރާރެއް މަޖިލީހަށް ހުށައަޅައިފިއެވެ.

ގަރާރުތައް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އާއި ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު އަދި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ. ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވައުދެއްކަން މި ތިން ގަރާރުގައިވެސް ފާހަގަކޮށްފައިވެއެވެ.

Ad
rt

މި ތިން ގަރާރަށް ބަހުސް ކުރުމަށް މިއަދު (އާދީއްތަ ދުވަހު) އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށްވަނީ އެޖެންޑާ ކޮށްފައެވެ.

ގުޅީފަޅުން ބިން ގަނެފައިވާ ފަރާތްތަކުގެ ހައްޤުގައި ގަރާރެއް

ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާފައިވާ ޤަރާރަކީ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށާއި ގުޅީފަޅުން ބިން ގަނެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖެއްސުމާގުޅޭ ގޮތުން ހުށަހަޅާ ޤަރާރެކެވެ.

މިއީ، މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންގޮސްފައިވާ "ވެށިފަހި މާލެ" ޕްރޮގްރާމްގެ ދަށުން މާލެއިން ކުދި ބިންކޮޅު ދޫކޮށްލާފައިވާ ފަރާތްތަކަށާއި، ގުޅީ ފަޅުން ގޯތި ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ތެރެއިން ބައެއް ފަރާތްތަކަށް އަދިވެސް ބޯހިޔާވަހިކަން ލިބިފައިނުވާތީ، މި މައްސަލައަކީ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ ސަމާލުކަމަށް ގެންނަންޖެހޭ މައްސަލައެއްކަމަށް ފެނިގެން، މިކަމަށް ޤާނޫނީ ޙައްލެއް ހޯދުމަށްޓަކައި ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނައުމުގެ މަޤްޞަދުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރެކެވެ.

އަލަތު ކައިވެންޏާ އެކު ރަށްރަށުން ގޯތި ދިނުމަށް ގޮވާލާ ގަރާރެއް

ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ ޤަރާރަކީ ގެދޮރު ނެތް ފަރާތްތަކަށާއި، އަލަށް ޒަވާޖީ ޙަޔާތެއް ފަށާ ދިވެހިރައްޔިތުންނަށް ގޯތި ދެވޭވަރުގެ ޖާގަ އޮތް ރަށްރަށުން ގޯތި ދޫކުރުމާގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރެކެވެ.

މިއީ، ގެދޮރު ނެތް ފަރާތްތަކަށާއި، އަލަށް ޒަވާޖީ ޙަޔާތެއް ފަށާ ދިވެހިރައްޔިތުންނަށް ގޯތި ދެވޭވަރުގެ ޖާގަ އޮތް ރަށްރަށުން ގޯތި ދޫނުކުރެވި އޮތުމުގެ ސަބަބުން ދިވެހިރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޯހިޔާވަހިކަމުގެ ޙައްޤުން މަޙުރޫމުވެ، އެކަމުގެ ސަބަބުން ގިނަ ޢާއިލާތަކެއް ބިކަވެ، ޙާލުގައި ޖެހެމުންދާތީ، މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެންނަންޖެހޭފެންނާތީ، ހުށަހަޅާ ޤަރާރެކެވެ.

ވަކިރަށެއް ތަފާތު ކުރުމެއް ނެތި ލުއި ލޯނު ދިނުމަށްގޮވާލާ ގަރާރެއް

ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވާފައިވާ ޤަރާރަކީ ދިވެހިރައްޔިތުންނަށް މާލެއާއި ރަށްރަށުން ފްލެޓް ދޫކުރުމާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރެކެވެ.

މިއީ، ދިރިއުޅުން އެއްތަނުން އަނެއްތަނަށް ބަދަލުކުރާ ފަރާތްތަކަށް މާލެއާއި ރަށްރަށުން ފްލެޓު ދޫކުރުމުގެ މަސައްކަތް ހަލުވިކުރުމާ ގުޅޭގޮތުން، ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިލްތިމާސްކޮށް އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ މަޤްޞަދުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރެކެވެ.