މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިމިދިޔަ ސެޕްޓެމްބަރު މަހު އެކަނިވެސް 178،197 ފްރައިޓް ޓަނުގެ މުދާ ކްލިއާ ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޕީއެލުން ހާމަކުރި ގޮތުގައި މި މުއްދަތުގައި ކްލިއާކުރި މުދަލުގެ ތެރޭގައި އެންމެ ގިނައީ ބިހާއި ފިޔާއެވެ.

Ad
rt

އެމްޕީއެލުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ކްލިއާކުރި ކާބޯތަކެތީގެ ތެރޭގައި 77،595 ކޭސް ބިހާއި 41،122 ބަސްތާ ފިޔާ ހިމެނެއެވެ. މީގެ އިތުރުން އަވަހަށް ހަލާކުވާ ޒާތުގެ މުދަލުގެ ތެރެއިން 39،582 ކޭސް ކަރަޔާއި، 23،610 ބަސްތާ އަލުވީގެ އިތުރުން 17،102 ކޭސް ޓޮމާޓޯ ވެސް ވަނީ ކްލިއާކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮންޓެއިނަރު އުފުލާ ބޯޓުފަހަރާއި މުދާ އުފުލާ އާންމު ބޯޓުފަހަރުން ވެސް ވަނީ މުދާ ކްލިއާ ކޮށްފައެވެ. އެގޮތުން ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން ގެނައި 5،673 ކޮންސައިންމަންޓާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 1،667 ކޮންސައިންމަންޓް ނުވަތަ ވިއްކުމުން ފައިސާ ދައްކާ ގޮތަށް ބަހައްޓާ މުދާ ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ކޮންޓެއިނަރުގެ ހަރަކާތްތަކަށް ބަލާއިރު، އަންލޯޑެޑް ޓީއީޔޫގެ އަދަދަކީ 7،139 އެވެ. އަދި ލޯޑެޑް ޓީއީޔޫގެ އަދަދަކީ 7،386 ކަމަށްވާއިރު، ތްރޫޕުޓް ޓީއީޔޫގެ ޖުމްލަ އަދަދަކީ 14،525 ކަމަށް އެމްޕީއެލްގެ ހިސާބުތަކުން ދައްކައެވެ.

މާލޭ ވިޔަފާރި ބަނދަރަށް މިދިޔަ މަހު އައި ބޯޓުފަހަރުގެ އަދަދަށް ބަލާއިރު، ކޮންޓެއިނަރު އުފުލާ 14 ބޯޓަކާއި، އާންމު މުދާ އުފުލާ 26 ބޯޓެއް ވަނީ އައިސްފައެވެ. އަދި އޮޕަރޭޝަންތައް ނިންމުމަށްފަހު ފުރި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ ކޮންޓެއިނަރު އުފުލާ 3 ބޯޓާއި އާންމު މުދާ އުފުލާ 6 ބޯޓެވެ.

ރާއްޖޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސް ހަލުވިކަމާއެކު ކުރަމުން އަންނައިރު، ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު މި ބަނދަރު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފެށުމެވެ. މި ބަދަލާއެކު އެމްޕީއެލްގެ އޮޕަރޭޝަންތައް އިތުރަށް އަވަސްވެ، ހަރުދަނާ ވެގެންދާނެއެވެ.