މާލެ ސަރަޙައްދުގެ ކަނޑު އަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރުމުގެ ޢަމަލީ ދިރާސާގެ މަސައްކަތް އެމްޑަބްލިއުއެސްސީއިން ފަށައިފިއެވެ.

މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ކުރިއަށްގެންދާ ފުރަތަމަ މަޝްރޫޢު ކަމަށްވާއިރު، މިހާރު ކުރިއަށްދަނީ މި މަސައްކަތް ރާއްޖޭގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިދާނެތޯ ބެލުމަށްޓަކައި ސައިޓުގައި ހަދަންޖެހޭ ޢަމަލީ ދިރާސާތަކާއި ފެން ތަޙުލީލުކުރުމުގެ މަރުހަލާއެވެ.

Ad
rt

ރާއްޖޭގައި މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ނޯވޭގެ ފްލޯޝަން ކުންފުނިންނެވެ. މިހާރު ކުރިއަށްދާ ފީސިބިލިޓީ ސްޓަޑީގެ ތެރެއިން އެ ކުންފުނީގެ ޓެކްނިކަލް ޓީމުން ވަނީ ކަނޑުގެ 500 މީޓަރު އަޑިން ފެނުގެ ސާމްޕަލް ނަގައިގެން ދިރާސާކުރަން ފަށާފައެވެ.

ފުރަތަމަ މަރުހަލާގެ ތަޙުލީލުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ކަނޑުގެ އަޑިން ނަގާފައިވާ ފެނަކީ އާދަޔާ ޚިލާފަށް ސާފު ފެނެއްކަން ދެނެގަނެވިފައިވާ ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެއެވެ. އަދި ލެބޯޓްރީ ތަޙުލީލުތަކުން ކަށަވަރުކުރެވޭ ގޮތުގައި، މިއީ ފެން އުފެއްދުމަށް ބޭނުންކުރެވޭނެ އެންމެ މަތީ ފެންވަރުގެ ޤުދުރަތީ ފެނުގެ މަންސަތަކުގެ ތެރޭގައި ހިމެނޭނެ ވަސީލަތެކެވެ.

ފްލޯޝަން ކުންފުނީގެ މި އީޖާދީ ޓެކްނޮލޮޖީއަކީ ކަނޑުގެ ތަބީޢީ ހައިޑްރޯސްޓެޓިކް ޕްރެޝަރު ބޭނުންކޮށްގެން ރިވާސް އޮސްމޯސިސް ނިޒާމަކުން ފެން އުފެއްދުމަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. މި ޓެކްނޮލޮޖީގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު 40 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ އަދަދަކަށް ދަށްކުރެވެއެވެ. މީގެއިތުރުން ކެމިކަލް ބޭނުންކުރަންޖެހޭ މިންވަރު މަދުކުރެވި، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ނުހަނު ބޮޑަށް ކުޑަކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިހާތަނަށް ހެދި ދިރާސާތަކުން ދައްކާ ގޮތުގައި މިފަދަ ޕްލާންޓެއް ޤާއިމުކުރުމަށް އެންމެ އެކަށޭނަ ސަރަޙައްދަކީ ގިރާވަރުފަޅާ ދިމާލު ބޭރު ކަނޑެވެ. މި ދިރާސާތަކުން ލިބޭ ނަތީޖާތަކުގެ އަލީގައި، މިއީ ޓެކްނިކަލް ގޮތުންނާއި ވިޔަފާރީގެ ގޮތުން ރާއްޖެއަށް އެކަށީގެންވާ ޓެކްނޮލޮޖީއެއްތޯ އެމްޑަބްލިޔުއެސްސީއިން ވަޒަންކުރާނެއެވެ.

އެމްޑަބްލިޔުއެސްސީއިން ފާހަގަކުރި ގޮތުގައި މި މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިއްޖެނަމަ، މިއީ ރާއްޖެއަށް އުފެއްދުންތެރި، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ފެނުގެ ޢުމްރާނީ ވަޞީލަތްތަކެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން ގެންގުޅޭ ތަޞައްވުރަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެއިތުރުން 2040 ވަނަ އަހަރަށް ތަރައްޤީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރަށް ވާގިވެރިވުމުގެ ގޮތުން ކުރެވޭނެ އަގުހުރި މަސައްކަތެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.