ފަހަކަށް އައިސް ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދެމުންދިޔަ ނަމަވެސް، 2027 ވަނަ އަހަރުގެ ކުރީކޮޅު އެ ގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތް ކުރިއަށްދާނީ ތާވަލާ އެއްގޮތަށް ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތްތަކުން ހުކުރު ދުވަހު ބުނެފިއެވެ.
ސަރަހައްދީ ގޮތުން ސަލާމަތީ ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި ވެސް މުބާރާތުގެ ތައްޔާރީތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އެ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
ސައުދީގެ އިންތިޒާމު ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނީ، އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އާ ގާތުން ގުޅިގެން މަސައްކަތްތައް ކުރިއަށްގެންދާ ކަމަށެވެ. އަދި 2027 ވަނަ އަހަރުގެ ޖެނުއަރީ 7 އިން ފެބުރުއަރީ 5 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ސްޓޭޑިއަމްތަކާއި، ވަސީލަތްތަކާއި އެހެނިހެން އެހީތެރި ޚިދުމަތްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ ފާސްކޮށްފައިވާ ތާވަލާ އެއްގޮތަށް ކަމަށް އެ ކޮމިޓީން ބުންޏެވެ. "އަޅުގަނޑުމެންގެ އަމާޒަކީ ބައިވެރިވާ ޓީމުތަކަށާއި، ސަޕޯޓަރުންނަށް އަދި މީޑިއާތަކަށް ދުނިޔޭގެ ފެންވަރުގެ މުބާރާތެއްގެ ތަޖުރިބާ ފޯރުކޮށްދިނުމާއި، ފުޓްބޯޅައިގެ ޒަރީއާއިން މުޅި ބައްރު އެއްބައިވަންތަކުރުން،" ސައުދީ އިންތިޒާމު ކޮމިޓީން ބުނެފައިވެއެވެ.
މި މުބާރާތާ މެދު ސުވާލު އުފެދެން ފެށީ އީރާނުގެ ވާގިވެރިކަން އޮންނަ ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީއަށް އަމާޒުކޮށް ދޭން ފެށި ހަމަލާތަކާ ގުޅިގެންނެވެ. ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވަންދެން ރިޔާޒުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށާއި، ސައުދީގެ ތެޔޮ ކުންފުނި އަރާމްކޯގެ މައި މަރުކަޒުގެ އިތުރުން ވައިގެ ދަތުރުފަތުރާއި، ތެލާއި އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާތަކުގައި ބޭރު ގައުމުތަކުގެ މީހުން ހިމެނޭހެން މަދުވެގެން 19 މީހުން ވަނީ މަރުވެފައެވެ. މީގެއިތުރުން ސައުދީ ސިވިލް ޑިފެންސުން ސަލާމަތީ އިންޒާރެއް ނެރުމާ ގުޅިގެން، ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭ އަލް ނަސްރާއި އުޒްބެކިސްތާނުގެ ނެފްތުޗީ ފަރްގާނާ ބައްދަލުކުރަން އޮތް އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗު ވެސް ހޯމަ ދުވަހު ރިޔާޒުގައި ވަނީ ފަސްކޮށްފައެވެ.
ހަމަލާތަކާ ގުޅިގެން ދެކުނު ކޮރެއާގެ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަނުން ވަނީ ސަލާމަތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޔޫނިއަންގެ ވެރިޔާ ލީ ކުން-ހޯ ވިދާޅުވީ، މެދުއިރުމަތީގެ އަސްކަރީ ނުތަނަވަސްކަމާއި ސަލާމަތީ ގޮތުން ހުރި ނުރައްކާތަކަކީ ފަސޭހައިން ދޫކޮށްލެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އަދި އޭޝިއަން ކަޕްގައި ވާދަކުރާ އެ ގައުމުގެ ގައުމީ ޓީމާއި ހުރިހާ ކުޅުންތެރިންގެ ސަލާމަތަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ލީ އިތުރަށް ވިދާޅުވީ، ކުޅުންތެރިންނާއި ސަޕޯޓަރުންގެ ފުރާނައަށް ވުރެ އެއްވެސް މުބާރާތެއްގެ އަގު ބޮޑު ނުވާނެ ކަމަށާއި، އެކަށީގެންވާ ވަރަށް ރައްކާތެރިކަން ކަށަވަރު ނުކުރެވޭނަމަ މުބާރާތް ބޭއްވުމާ މެދު ވެސް އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ. 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅުނު ދެކުނު ކޮރެއާއިން މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި ޖެނުއަރީ 10 ގައި ޔަމަނާ ދެކޮޅަށް ނުކުންނާނީ ސަލާމަތީ ކަންކަން ކަށަވަރުވުމުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި އޭއެފްސީގެ ރައީސް ޝައިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާ ޒިއުރިކްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، ހާލަތު އޮތް ގޮތުން ބޭނުންވެއްޖެ ހިނދެއްގައި އޭޝިއަން ކަޕް އެއް އަހަރަށް ފަސްކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެގޮތުން ގޮތެއް ނިންމުމަށް ނޮވެމްބަރު މަހުގެ ނިޔަލަށް އިންތިޒާރު ކުރެވިދާނެ ކަމަށާއި، މި ސަރަހައްދުގެ ހާލަތު ވަރަށް އަވަހަށް ރަނގަޅު ނުވަތަ ގޯސް ދިމާއަކަށް ވެސް ބަދަލުވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ނިންމުމެއް ނިންމަން ޖެހިއްޖެ ނަމަ އަޅުގަނޑުމެން އެކަން ކުރާނަން، އެކަމަކު ބޭނުންވެއްޖެ ހާލަތެއްގައި 2028 ވަނަ އަހަރަށް މުބާރާތް ފަސްކުރެވިދާނެ،" ޝައިޚް ސަލްމާން ވިދާޅުވިއެވެ.
މި އަހަރު ސައުދީ އަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ބައެއް އެހެން ކުޅިވަރު ހަރަކާތްތަކަށް ވެސް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އަންހެނުންގެ ޓެނިސް ސީޒަން ނިންމާ މުބާރާތް ކަމަށްވާ ޑަބްލިއުޓީއޭ ފައިނަލްސް ރިޔާޒުން އެމެރިކާގެ ކެލިފޯނިއާގެ އިންޑިއަން ވެލްސްއަށް ވަނީ ބަދަލުކޮށްފައެވެ. މީގެއިތުރުން، 2028 ވަނަ އަހަރުގެ ލޮސް އެންޖެލިސް އޮލިމްޕިކްސްގެ ކޮލިފައިން ބީއެމްއެކްސް ސައިކްލިން މުބާރާތެއް ވެސް ސައުދީގައި ބޭއްވުން ކެންސަލްކޮށްފައިވާ ކަމަށް އިންޓަނޭޝަނަލް ސައިކްލިން ޔޫނިއަނުން ހުކުރު ދުވަހު ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!