ސްޕެނިޝް ލަލީގާގެ ރައީސް އަދި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަން (އާރްއެފްއީއެފް) ގެ ނައިބު ރައީސް ހަވިއޭ ތެބާސް، ރެއާލް މެޑްރިޑްގެ މެނޭޖްމަންޓާއި އެ ކްލަބުގެ ޓީވީ ޗެނަލް ހިންގާ އުސޫލުތައް ނާޒީ ވެރިކަމުގެ ޕްރޮޕެގެންޑާ ވަޒީރާ އަޅާކިޔުމާ ގުޅިގެން، އޭނާ ވަގުތުން މަގާމުން އިސްތިއުފާ ދިނުމަށް ރެއާލް މެޑްރިޑުން ގޮވާލައިފިއެވެ.

ރެއާލް މެޑްރިޑުން ނެރުނު ބަޔާނެއްގައި ބުނީ، އެ ކްލަބުގެ ހިންގުމުގެ ވައްޓަފާޅިއަކީ ނާޒީ ވެރިކަމުގެ ޕްރޮޕެގެންޑާ މިނިސްޓަރު ޖޯސެފް ގޮއެބެލްސް ބޭނުންކުރި އުކުޅުތަކާ އެއްފަދަ ކަމެއްގެ ގޮތުގައި އަދި ރެއާލް މެޑްރިޑް ޓީވީއަކީ އެ ސްޓްރެޓެޖީގެ ހަތިޔާރެއްގެ ގޮތުގައި ތެބާސް ސިފަކުރައްވާފައިވާ ކަމަށެވެ. ސްޕެއިންގެ ފުޓްބޯޅައިގެ އެންމެ އިސް ދެ މަގާމުގައި ހުންނެވި ބޭފުޅަކު މިފަދަ އަޅާކިޔުމެއް ގެންގުޅުއްވުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ އިންތިހާއަށް ސީރިއަސް މައްސަލައެއް ކަމަށް ރެއާލުން ބުނެފައިވެއެވެ. އަދި އޭނާ އެ އިޝާރާތް ކުރެއްވީ ނާޒީ ފިކުރަށް ނޫން ކަމަށް ވިދާޅުވެ ދެއްވި ތަފްސީލަކުން ވެސް މި ވާހަކަތަކުގެ އަހުލާގީ ގޮތުން ދަށުދަރަޖައިގެ، އިހާނެތިކަން ކުޑަނުވާ ކަމަށް ކްލަބުން ފާހަގަކުރިއެވެ.

Ad
rt

މި ވާހަކަތަކަކީ ރެއާލް މެޑްރިޑަށާއި، ކްލަބުގެ ރައީސަށާއި، ކްލަބުގެ މީޑިއާތަކަށް އަމާޒުކޮށް ތެބާސް ތަކުރާރުކޮށް ދެއްވަމުން ގެންދަވާ ހަމަލާތަކުގެ އިތުރު ބައެއްގެ ގޮތުގައި އެ ކްލަބުން ވަނީ ސިފަކޮށްފައެވެ. ކްލަބާ އެއްވެސް ގުޅުމެއް ނެތް ނޫސްވެރިން ކުރާ ސުވާލުތަކާއި ހިޔާލުތަކުގެ ބޭނުން ހިފައިގެން، ރެއާލްގެ އެއްވެސް ޒިންމާއެއް ނެތް ތިންވަނަ ފަރާތްތަކުގެ އަމަލުތައް ކްލަބުގެ ބޮލުގައި އަޅުވައި ތުހުމަތުތައް އަމާޒުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ރެއާލް މެޑްރިޑުން އިތުރަށް ފާހަގަކުރި ގޮތުގައި، ސްޕެއިންގެ ފުޓްބޯޅައަށް ބޮޑު ލޮޅުމެއް އަރާފައިވާ "ނެގްރެއިރާ މައްސަލަ" އާ ގުޅިގެން ރެއާލް މެޑްރިޑާއި އެ ކްލަބުގެ ޓީވީން އަޅަމުންދާ ގާނޫނީ ފިޔަވަޅުތަކާ މެދު ސުވާލު އުފެއްދުމަށް ތެބާސް މި ވާހަކަތައް ބޭނުންކުރެއްވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ތެބާސް އިސް މަގާމުތައް ފުރުއްވާ ދެ އިދާރާއިން ވެސް މި ސީރިއަސް މައްސަލައިގައި ފިޔަވަޅު ނޭޅުމުން، އެފްސީ ބާސެލޯނާއިން ރެފްރީންގެ ޓެކްނިކަލް ކޮމިޓީގެ ނައިބު ރައީސަށް އަހަރުތަކެއް ވަންދެން ފައިސާ ދިން މައްސަލަ ތަހުގީގުކޮށް، މުބާރާތްތަކުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް ރެއާލުން ޔޫއެފާއަށް ސީދާ މައްސަލަ ހުށަހަޅަން ޖެހުނު ކަމަށް ބަޔާނުގައިވެއެވެ.

މީގެއިތުރުން، ސްޕެއިންގެ ރެފްރީންގެ ނިޒާމަށާއި ފެޑެރޭޝަންގެ ހިންގުމާއި، ސުޕަވިޝަން އަދި އަދަބު ދިނުމުގެ ނިޒާމަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެނެސް، އެ ދުވަސްވަރު ޒިންމާދާރު މަގާމުތަކުގައި ތިބި ފަރާތްތައް ބަދަލުކުރުމަށް ވެސް ރެއާލް މެޑްރިޑުން ވަނީ ޑިމާންޑްކޮށްފައެވެ. ރެފްރީންގެ ކޮމިޓީ ހިމެނޭ ފެޑެރޭޝަންގެ ނައިބު ރައީސް އަދި ލަލީގާގެ ރައީސްގެ ހައިސިއްޔަތުން، މި މައްސަލަތައް ހައްލުކޮށް ސްޕެއިންގެ ފުޓްބޯޅަ އިސްލާހު ކުރުމުގެ ބަދަލުގައި ރެއާލް މެޑްރިޑް ބަދުނާމު ކުރަން ތެބާސް މަސައްކަތް ކުރެއްވުމަކީ ފާހަގަކޮށްލެވޭ ކަމެއް ކަމަށް ކްލަބުން ބުންޏެވެ.

ތެބާސްގެ އަމަލުތަކުން ފެންނަނީ މަގާމުގެ މަސްއޫލިއްޔަތާ ހިލާފު، ވަކިފަރާތަކަށް ޖެހުމާއި އިހުތިރާމް ކުޑަކުރުން ކަމަށާއި، މިއީ ސްޕެއިންގެ ފުޓްބޯޅައަށް އޮތް ބޮޑު މުސީބާތެއް ކަމަށް ރެއާލް މެޑްރިޑުން ސިފަކުރިއެވެ. އިހުތިރާމާއި ނަޒާހަތްތެރިކަމުގެ އުސޫލުތައް ދަމަހައްޓާ ޔޫރަޕްގެ އެއްވެސް ކުޅިވަރު އިދާރާއަކުން މިފަދަ އަމަލުތައް ބަލައިނުގަންނާނެ ކަމަށާއި، އެހެންކަމުން ތެބާސް ވަގުތުން އިސްތިއުފާ ދިނުމަށް އެ ކްލަބުން ވަނީ ގޮވާލައިފައެވެ. އަދި ކްލަބުގެ ހައްގުތަކާއި އަގު ހިމާޔަތްކުރުމަށާއި، ނެގްރެއިރާ މައްސަލަ ފުރިހަމައަށް ސާފުކޮށް ސްޕެއިންގެ ފުޓްބޯޅަ އިސްލާހުކުރުމަށް ކުރާ މަސައްކަތުގައި ދެމިއޮންނާނެ ކަމަށް ރެއާލް މެޑްރިޑުން ބުނެފައިވެއެވެ.