އިންޑިއާއިން ދިވެހިރާއްޖެއަށް ދޫކޮށްފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށް (ރޯލްއޯވަރ ކޮށް) ދިނުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައެވެ. ހައި ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ، މި ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނީ ދިވެހި ސަރުކާރާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާއިން ދެމިއޮތްކަން ހާމަކުރުމުގެ ގޮތުން، ދިވެހި ސަރުކާރުން އެދިފައިވާ އެދުމުގެ މަތިން ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ދެމެދު ސޮއިކުރި 'ފްރޭމްވޯކް އޮން ކަރަންސީ ސްވަޕް އެރޭންޖްމަންޓް ފޯ ސާކް ކަންޓްރީސް' ގެ ދަށުން ހަމަޖައްސައިދިން އެހީއެކެވެ. މީގެ ފުރަތަމަ ޑްރޯޑައުންގެ ގޮތުގައިވާ 30 ބިލިއަން ރުޕީސް ދިވެހި ސަރުކާރަށް ދޫކޮށްފައިވަނީ 2026 ވަނަ އަހަރުގެ އެޕްރީލް މަހުގެ 23 ގައެވެ.

Ad
rt

އިންޑިއާގެ ހައި ކޮމިޝަނުން ފާހަގަކުރި ގޮތުގައި، 2024 އިން 2027 އަށް އެކުލަވާލެވިފައިވާ މި ފްރޭމްވޯކްގެ ދަށުން ދެ ގައުމުގެ ދެމެދުގައި ހަމަޖެހިފައިވާ އިންޑިއަން ރުޕީސް ކަރަންސީ ސްވަޕް އެއްބަސްވުމުގައި އިންޓްރެސްޓް ރޭޓާއި އެހެނިހެން ޝަރުތުތަކަށް ބޮޑެތި ލުއިތަކެއް ވަނީ ދީފައެވެ. އަދި 2012 ވަނަ އަހަރު މި ފްރޭމްވޯކް އެރޭންޖްމަންޓް ތައާރަފުކުރި ފަހުން، އިންޑިއާގެ ސެންޓްރަލް ބޭންކު މެދުވެރިކޮށް ޖުމްލަ 1.1 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ސްވަޕް އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ރާއްޖޭގެ މާލީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި 250 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރުގެ ދިގު މުއްދަތުގެ ދެ ޓްރެޜަރީ ބޮންޑަކަށް އިންޑިއާއިން ސަބްސްކްރައިބް ކޮށްފައިވާ ކަމަށް ހައި ކޮމިޝަނުން ބުނެފައިވެއެވެ. އަދި އިންޑިއާއިން ސަބްސްކްރައިބް ކުރި 150 މިލިއަން ޑޮލަރުގެ ތިން ޓީ-ބިލެއް ރާއްޖެއިން ދައްކައި ޚަލާސްކޮށްފައިވާއިރު، އެ ބިލްތަކަށް އެރި އިންޓްރެސްޓްގެ ގޮތުގައި 42.8 މިލިއަން ޑޮލަރު ދައްކައިދީފައިވަނީ އިންޑިއާ ސަރުކާރުންނެވެ. ހައި ކޮމިޝަނުން ބުނީ މި ކަރަންސީ ސްވަޕް ފެސިލިޓީއާއި، ޓީ-ބޮންޑުތަކާއި ޓީ-ބިލްތަކަކީ ރާއްޖޭގެ މާލީ ހަމަޖެހުން ދެމެހެއްޓުމުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ވަސީލަތްތަކެއް ކަމަށެވެ.

ހައި ކޮމިޝަނުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ސިޔާސަތާއި 'ވިޝަން މަހާސާގަރު' (މިއުޗުއަލް އެންޑް ހޮލިސްޓިކް އެޑްވާންސްމަންޓް ފޯ ސެކިއުރިޓީ އެންޑް ގްރޯތު އެކްރޮސް ރީޖަންސް) ގެ ދަށުން ރާއްޖެއަށް ދެވިފައިވަނީ ޚާއްސަ މަގާމެއް ކަމަށެވެ. އަދި އިތުބާރު ހިފޭ އެކުވެރި ގައުމެއްގެ ގޮތުގައި އޮވެ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ރައީސް ޑރ. މުޢިއްޒު އޮކްޓޫބަރު 2024 ގައި އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެއްބަސްވި 'ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނާޝިޕް' ގެ ތަސައްވުރު ތަންފީޒުކުރުމުގައި އިންޑިއާ ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ނިންމުމާ ގުޅިގެން ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ކަރަންސީ ސްވަޕް އެއްބަސްވުމުގެ ދަށުން ނެގި ފުރަތަމަ 30 ބިލިއަން ރުޕީސްގެ މުއްދަތު އިތުރުކޮށްދިނުމަށް ނިންމެވި ކަމަށްޓަކައި އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރަށާއި އިންޑިއާ ސަރުކާރަށް އިޚްލާޞްތެރި ޝުކުރު އަދާކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، މި ނިންމުމުން ދައްކުވައިދެނީ ދެ ގައުމުގެ ދެމެދުގައި އޮތް އިހުތިރާމާއި އެކުވެރިކަމުގެ ޒަމާންވީ ބަދަހި ގުޅުން ކަމަށެވެ.

މީގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، އިންޑިއާ ހިމެނޭހެން މުހިންމު ބައިލެޓަރަލް ބައިވެރިންނާ އެކު އޮތް ގުޅުން ރާއްޖެއިން ވަރުގަދަކުރަމުން އަންނަ ކަމަށާއި އެ ގުޅުންތައް އިތުރަށް ބަދަހިކުރުމުގައި ރާއްޖެ ސާބިތުވެ އޮތް ކަމަށް އިރުތިޝާމް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށާއި ދިވެހި ރައްޔިތުންގެ ލާބައާއި މަންފާ ރައްކާތެރިކުރުމަށް ރައީސް މުޢިއްޒު ދައްކަވަމުން ގެންދަވާ ލީޑަޝިޕަށް ވެސް ޚާރިޖީ ވަޒީރު ވަނީ ތައުރީފު ކުރައްވާފައެވެ.