ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫގައި ކްލަބް އީގަލްސް އާއި ދިއްދޫ ބައްދަލުކުރި ފޯރިގަދަ މެޗު، ފަހު ވަގުތު އީގަލްސް އިން ޖެހި ލަނޑާއެކު 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

މިއަދު ހަވީރު ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނަގައި ކުރިހޯދީ ކްލަބް އީގަލްސް އިންނެވެ. އެ ޓީމުން މި ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށެވެ.

Ad
rt

މެޗުގެ 42 ވަނަ މިނިޓުގައި އީގަލްސް އަށް މި ލީޑު ނަގައިދިނީ ޖައިލަމް އެވެ. އޭނާ މި ލަނޑު ޖެހީ އެ ޓީމުގެ އާމިރު ޝުއައިބު ދިން ޕާހަކުން، މުޅިން ހުސްކޮށް ހުރެ ދިއްދޫގެ ގޯލްކީޕަރު ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. މިއާއެކު ފުރަތަމަ ހާފު ނިމުނީ 1-0 އިން އީގަލްސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން މެޗުގެ 52 ވަނަ މިނިޓުގައި ދިއްދޫން ވަނީ ލިބުނު ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަކޮށްފައެވެ. މި ޕެނަލްޓީއަކީ ދިއްދޫގެ ގާނާ ފޯވާޑް ގިޑިއެން ޓެޓޭ ނަގައިދިން ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، އީގަލްސްގެ ކީޕަރު ދިއްދޫގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ދިއްދޫގެ ބިދޭސީ ކުޅުންތެރިޔާ ފިލިކްސް އެވެ.

މެޗުގެ ފޯރި އިތުރަށް ގަދަވެގެންދިޔައީ 66 ވަނަ މިނިޓުގައި ދިއްދޫގެ ޓެޓޭ ހުއްޓުވަން އުޅުމުގެ ތެރޭގައި އީގަލްސްގެ އިޝްފާގް ކުރި ފައުލަކާ ގުޅިގެން، އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ. މިއާއެކު މެޗުގެ ބާކީ ބައި އީގަލްސް އިން ފުރިހަމަކުރަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި، މެޗުގެ 73 ވަނަ މިނިޓުގައި ދިއްދޫން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގާފައެވެ. އެ ޓީމުގެ ސަނާއު ނަސީރު ދިން ޕާހަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ގާނާގެ ފޯވާޑް ޓެޓޭ އެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ އީގަލްސް އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ މިނިޓަކަށް ވެފައި ވަނިކޮށެވެ. މެޗުގެ 89 ވަނަ މިނިޓުގައި އީގަލްސް އަށް މި އަގުހުރި ލަނޑު ޖަހައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިއެވެ.

ދިއްދޫ ދަނޑުގައި އޮކްޓޯބަރު 10 ވަނަ ދުހު ނިއުއާއިއެކު ކުޅުނު މެޗުވެސް ނިމުނީ މި ނަތީޖާއިން 2-2 އިން އެއްވަރުވެގެންނެވެ. އެ މެޗުގައި ނިއުއަށް ނަތީޖާ ހަމަހަމަކުރެވުނީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ 10 މިނިޓު ނިމި، އިތުރަށް ކުޅުނު 11 ވަނަ މިނިޓުގައެވެ.

މިއަދުގެ މެޗަކީ މި ފަހަރުގެ ލީގުގައި ދިއްދޫން ކުޅުނު ފަސް ވަނަ މެޗެވެ. ލީގުގެ ފުރަތަމަ މެޗުގައި 1-0 އިން ބުރު ސްޕޯޓްސް ކްލަބް ބަލިކުރި ނަމަވެސް، ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ވިކްޓްރީ ސްޕޯޓްސް ކްލަބް އަތުން ބަލިވީ 4-3 އިންނެވެ. އަދި ތިންވަނަ މެޗުގައި ބިސް ބުރު ސްޕޯޓްސް ކްލަބް އަތުން އެ ޓީމު ބަލިވީ ހަނި ގޮތަކަށް 1-0 އިންނެވެ. ހަތަރުވަނަ މެޗު ވަނީ 2-2 އިން ނިއުއާއި އެއްވެރު ވެފައެވެ.

ދިއްދޫގެ ކުރިއަށް އޮތް ހަ ވަނަ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެ ރަށުގައެވެ. އެގޮތުން ހަ ވަނަ މެޗުގައި އޮކްޓޯބަރު 21 ގައި ޓީސީ ސްޕޯޓްސް ކްލަބާއި ދެކޮޅަށް ނުކުންނައިރު، ހަތްވަނަ މެޗުގައި ނޮވެމްބަރު 23 ގައި މާޒިޔާއާ ދެކޮޅަށް އަދި އަށްވަނަ މެޗުގައި ނޮވެމްބަރު 27 ގައި އޮޑި ސްޕޯޓްސްއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ނުކުންނާނެއެވެ. ލީގުގެ ފަހު މެޗުގައި ޑިސެމްބަރު 4 ގައި އަމިއްލަ ދަނޑުގައި ކުޅޭނީ ގައްދޫއާ ދެކޮޅަށެވެ.