އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުރިއަށްދާ ދަނޑިވަޅުގައި، ސެޓެލައިޓް އިންޓަނެޓް ޚިދުމަތްދޭ ސްޓާލިންކާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، އިންޓަނެޓްގެ ޚިދުމަތް އިތުރަށް ހިފެހެއްޓުމަށް ތައްޔާރުވަމުންދާކަމަށް އީރާނުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.
އީރާނުގެ ސަރުކާރުން އަޅާފައިވާ ހަރުކަށި ފިލްޓަރިންގއާއި ހުރަސްތަކާ ނުލައި ޚިދުމަތް ލިބޭ އީލޮން މަސްކްގެ ސްޓާލިންކަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅައި އެ ޤައުމުގައި ވަނީ މަނާކޮށްފައެވެ. ސެޓެލައިޓް މެދުވެރިކޮށް އިންޓަނެޓް ބޭނުންކުރުމާއި، ސްޓާލިންކް ޓާމިނަލްތައް ގެންގުޅެ ވިއްކުމަކީ ބޮޑެތި ޖޫރިމަނާތަކާއި ޖަލު ޙުކުމް އަންނަ ކުށެކެވެ. މިއަހަރުގެ ފެބުރުވަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ޙަމަލާދޭން ފެށިފަހުން އެ ޤައުމުގެ 90 މިލިއަން ރައްޔިތުން ވަނީ ދެ ފަހަރެއްގެ މަތިން ދިގު މުއްދަތަކަށް އިންޓަނެޓް ކަނޑާލުމުގެ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. އެއީ ޖެނުއަރީ މަހުގެ މުޒާހަރާތަކާ ގުޅިގެން ތިން ހަފުތާއަށް އަދި ހަނގުރާމަ ފެށުމާއެކު 88 ދުވަހަށެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސައިބަރސްޕޭސް ކައުންސިލްގެ ސެކްރެޓަރީ މުޙައްމަދު އަމީން އަޤާމީރީ ވިދާޅުވީ ސްޓާލިންކަކީ ދުޝްމަނުން ބޭނުންކުރާ ހަނގުރާމައިގެ ހަތިޔާރެއް ކަމަށެވެ. އަދި އެއީ ދުޝްމަނުން ކޮމާންޑް އެންޑް ކޮންޓްރޯލް ކުރުމަށާއި، ޖާސޫސުކުރުމަށާއި މަޢުލޫމާތު އެއްކުރުމަށް ބޭނުންކުރާ ވަސީލަތެއް ކަމަށާއި، އެ ޓާމިނަލްތައް ހުއްޓުވުމަށް ޚާއްޞަ ނިޒާމުތަކެއް އެ ޤައުމުގައި ޤާއިމުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އީރާނުގައި ސްޓާލިންކް ބޭނުންކޮށްފިނަމަ ހަ މަހާއި ދެ އަހަރާ ދެމެދުގެ ޖަލު ޙުކުމެއް އަންނައިރު، އެ ތަކެތި އެތެރެކޮށް ވިޔަފާރިކޮށްފިނަމަ ފަސް އަހަރުގެ ޖަލު ޙުކުމެއް ކަނޑައެޅެއެވެ. އަދި ޖާސޫސީ ނުވަތަ ޤައުމީ ސަލާމަތާ ގުޅުވައި ދަޢުވާ އުފުލައިފިނަމަ މަރުގެ އަދަބުވެސް ކަނޑައެޅިދާނެއެވެ.
ޓެހެރާނުގެ ޓެލެކޮމިއުނިކޭޝަން މާހިރަކު ބުނެފައިވަނީ، ސްޓާލިންކް ހުއްޓުވުމަށް އީރާނުން އެކި ގޮތްގޮތަށް ސިގްނަލް ޖޭމްކުރާ ވަސީލަތްތަކާއި، ޖީޕީއެސް ލޮކޭޝަން އޮޅުވާލުމުގެ އުކުޅުތައް ބޭނުންކުރަމުންދާ ކަމަށެވެ. މީގެއިތުރުން ޑްރޯން އަދި ޕެޓްރޯލްތައް މެދުވެރިކޮށް އެ ތަކެތި ހޯދައި، ވިއްކާ ތަންތަން ފާސްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވިދާޅުވެފައިވާ ގޮތުގައި 2021 އާއި 2022 އާ ދެމެދު އީރާނުގެ ސަރުކާރާ ދެކޮޅު މުޒާހަރާތަކަށް އެހީވުމަށް އެތައް ހާސް ސްޓާލިންކް ޑިވައިސްތަކެއް ވަނީ އީރާނަށް ވަގަށް އެތެރެކޮށްފައެވެ.
އީރާނުގެ ޑެޕިއުޓީ ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު ޙާފިޡް ޙަކާމީ އިންޒާރު ދެއްވާފައިވަނީ ސްޓާލިންކް ފުޅާވެއްޖެނަމަ އެއީ އީރާނުގެ ސައިބަރސްޕޭސް ކޮންޓްރޯލްކުރުމަށް އެޅޭ އެންމެ ފަހު މޮހޮރު ކަމަށެވެ. އެއީ އެ ނިޒާމަކީ އެއްވެސް ވަރަކަށް އީރާނުގެ އެތެރޭގެ ނެޓްވަރކަށް ބަރޯސާވާ އެއްޗަކަށް ނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުގެ ތަރުޖަމާނު ފާތިމާ މުހާޖިރާނީ ވިދާޅުވީ، ސައިބަރ ޙަމަލާތަކުން ޤައުމީ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ބައެއް ޙާލަތްތަކުގައި އިންޓަނެޓްގެ ސްޕީޑް ދަށްކުރަން ކަމާބެހޭ ފަރާތްތަކަށް މަޖުބޫރުވާ ކަމަށެވެ.
އިންޓަނެޓްގެ ޚިދުމަތް ހަނިކޮށްފައި އޮތް ނަމަވެސް، އީރާނުގެ ގިނަ ރައްޔިތުން ވީޕީއެން ބޭނުންކޮށްގެން ދުނިޔޭގެ ޚިދުމަތްތަކަށް ވަންނަން މަސައްކަތް ކުރެއެވެ. ނަމަވެސް ހަނގުރާމަ ވަރުގަދަވެއްޖެނަމަ ކުރިއަށް އޮތް ތަނުގައި އިންޓަނެޓްގެ ޚިދުމަތް އިތުރަށް ހިފަހައްޓާނެ ކަމުގެ އިންޒާރު ސަރުކާރުން ވަނީ ދީފައެވެ.
މަސްދަރު: އަލްޖަޒީރާ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!