ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ބްރެޑްލީ ބާކޯލާ ކާމިޔާބުކުރި ހެޓްރިކާއެކު، 6-3 ގެ ނަތީޖާއަކުން އޮސްޓްރިއާގެ ލާސްކް (LASK) ބަލިކޮށް ލިވަޕޫލުން މުބާރާތުގައި ސައްތައިން ސައްތަ ރެކޯޑު ދަމަހައްޓައިފިއެވެ.
މިދިޔަ އޯގަސްޓް މަހު ޕީއެސްޖީން 123 މިލިއަން ޕައުންޑްގެ އަގަކަށް ލިވަޕޫލާ ގުޅުނު ފަހުން އެކަށީގެންވާ ކުޅުމެއް ނުދެއްކި ފާޑުކިޔުންތައް އަމާޒުވެފައިވާ ފްރާންސްގެ ފޯވާޑް ބާކޯލާ، އޭނާ އެ ކްލަބަށް ކުޅެދިން 7 ވަނަ މެޗުގައި މި ހެޓްރިކާއެކު ވަނީ ފުރަތަމަ ފަހަރަށް ލަނޑު ޖަހައިފައެވެ. އޮސްޓްރިއާގެ ރައިފައިސެން އެރީނާގައި ކުޅުނު މި މެޗުގެ 22 ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ ކޯސްޓަސް ސިމިކާސް ނަގައިދިން ކޯނަރަކުން ރޮނާލްޑް އަރައުހޯ ބޮލުން ޖެހި ލަނޑުންނެވެ. އޭގެ 96 ސިކުންތު ފަހުން ރިއޯ އެންގުމޯހާ ތަނަވަސްކޮށްދިން ފުރުސަތަކުން ބާކޯލާ ލިވަޕޫލްގެ ދެވަނަ ލަނޑު ޖެހިއިރު، 37 ވަނަ މިނެޓުގައި ފްލޯރިއަން ވާޓްޒް ދިން ބޯޅައަކުން އޭނާ ވަނީ ލީޑު ފުޅާކޮށްދީފައެވެ.
ދެވަނަ ހާފު ފެށިގެން 51 ވަނަ މިނެޓުގައި ޖެރެމީ ފްރިމްޕޮންގް ލިވަޕޫލްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރިއެވެ. މެޗުގެ 63 ވަނަ މިނެޓުގައި ލާސްކްގެ ރޮބަޓް ލުބިޗިޗް ލަނޑެއް ޖަހާފައިވަނިކޮށް، 66 ވަނަ މިނެޓުގައި ފްރިމްޕޮންގް ދިން ބޯޅައަކުން ބާކޯލާ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އޭގެ ފަހުން 72 ވަނަ މިނެޓުގައި ޒުވާން ކުޅުންތެރިޔާ ލުވިސް ކޫމާސް ވަނީ ޗެމްޕިއަންސް ލީގުގައި އޭނާގެ ފުރަތަމަ ލަނޑު ޖަހައި ނަތީޖާ 6-1 އަށް ބަދަލުކޮށްފައެވެ. ނަމަވެސް މެޗުގެ ފަހުކޮޅު ލިވަޕޫލްގެ ދިފާއީ ފޫއެޅުމުގެ ފައިދާ ނަގައި، ލާސްކްގެ ފްލޯރިއަން ފްލެކާ ވަނީ 74 އަދި 77 ވަނަ މިނެޓުގައި ދެ ލަނޑު ޖަހައި ފަރަގު ކުޑަކޮށްފައެވެ.
މިއީ ވޭތުވެދިޔަ އާދީއްތަ ދުވަހު މެންޗެސްޓާ ސިޓީ އަތުން 3-0 އިން ބަލިވި މެޗަށްފަހު، ކޯޗު އެންޑޯނީ އިރައޯލާގެ ޓީމަށް ލިބުނު މުހިންމު ހިތްވަރެކެވެ. އަލެކްސެންޑާ އިސާކް، ކޯޑީ ގަކްޕޯ އަދި ޑޮމިނިކް ސޮބޮސްލާއި ފަދަ މުހިންމު ކުޅުންތެރިން އަނިޔާގެ ސަބަބުން ނުކުޅެވުނު މި މެޗުގައި، ކެޕްޓަން ވާޖިލް ވެން ޑައިކާއި އެލެކްސިސް މެކް އަލިސްޓާއަށް ވަނީ އަރާމުކުރަން ފުރުސަތު ދީފައެވެ.
ފެޔަނޫޑުން ފަހަތުން އަރައި ކޯމޯ ބަލިކޮށްފި
މުބާރާތުގައި ކުޅުނު އަނެއް މެޗުގައި، ޑަޗް ލީގުގެ އެއްވަނައިގައި އޮތް ފެޔަނޫޑުން ވަނީ އަމިއްލަ ދަނޑުގައި ފަހަތުން އަރައި 3-2 އިން އިޓަލީގެ ކޯމޯ ބަލިކޮށްފައެވެ.
މެޗުގެ 18 ވަނަ މިނެޓުގައި އަސާން ދިއާއޯގެ ލަނޑުން ކޯމޯ ކުރިހޯދާފައިވަނިކޮށް، އޭގެ ދެ މިނެޓު ފަހުން ގިވައި ޒެކިއެލް ވަނީ ފެޔަނޫޑަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ދެވަނަ ހާފު ފެށިގެން އަލްޖީރިއާގެ ވިންގާ އަނީސް ހަޖް މޫސާ ޖެހި ލަނޑުން ފެޔަނޫޑުން ލީޑު ނެގިއިރު، 82 ވަނަ މިނެޓުގައި އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި އެ ޓީމަށް މޮޅު ކަށަވަރުކޮށްދީފައެވެ. ކޯމޯގެ ފަހު ލަނޑު އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ ޓަސޯސް ދޫވިކާސްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!