ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމުގައި ހުންނެވި މުޙައްމަދު އަފީފު ހުސައިން އެ މަޤާމުން ވަކިކޮށްފިއެވެ.

އަފީފު އެ މަޤާމުން ވަކިކޮށްފައިވާ ކަން ކަށަވަރުކޮށްދެމުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުންނާއި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން މއ. ވޭސްސައިޑް، 304 ފްލެޓް، މުޙައްމަދު އަފީފު ހުސެއިން ވަކިކޮށްފައިވާ ކަމަށެވެ.

Ad
rt

އޭނާ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް އައްޔަންކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ.

އަފީފު ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން މި ވަކިކުރީ، އެ ކުންފުނީގެ ހިންގުމަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ފެނަކައިގެ ދަށުން ކުރަމުންދިޔަ އެންމެހައި މަސައްކަތްތައް ސްޓެލްކޯއަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

މީގެއިތުރުން، އެ މަސައްކަތްތައް އެއްކޮށް ބަދަލުކޮށް ނިމުމުން ފެނަކަ އުވާލުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މި ނިންމުމާ އެއްގޮތަށް ފެނަކައިގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ވެސް އަންނަނީ ހިނގަމުންނެވެ.

އެ ބަދަލުތަކުގެ ތެރެއިން، ރާއްޖޭގެ އުތުރާއި ދެކުނުގެ ގިނަ ރަށްތަކުގައި ފެނަކައިގެ ދަށުން ދެމުން އައި އަސާސީ ޚިދުމަތްތައް މިހާރު ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ. އަދި ބާކީ ހުރި ރަށްތަކުގެ މަސައްކަތްތަކާ ވެސް އެ ކުންފުނިން ދަނީ ހަވާލުވަމުންނެވެ.

އަފީފް ފެނަކަ އެމްޑީކަމަށް ޢައްޔަނުކުރެއްވުމުގެ ކުރީން ހުންނެވީ އެމްޓީސީސީގެ ޗެއާމަންގެ މަގާމުގަ އެވެ. އޭގެ ކުރިން ސްޓެލްކޯ އާއި ފެނަކައިގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ. އަފީފް ވަނީ ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައެވެ.

އަފީފަކީ ޝަރީއާގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ސިންގަޕޫރު މެނޭޖްމަންޓް ޔުނިވާސިޓީން ބޯޑް އެގްޒެކެޓިވް ސެޓްފިކެޓް އިން ޑައިރެކްޓާޝިޕް ފުރިހަމަކުރައްވާފައެވެ. އަދި އޭނާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި މެނޭޖްމަންޓްގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކުރައްވާފައިވެއެވެ. މީގެ އިތުރުން އޭނާ އަކީ ބެލެންސްޑް ސްކޯކާޑް އަދި ރިސްކް މެނޭޖްމަންޓް ފަދަ ފަންނީ ދާއިރާތަކުން ސަނަދު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.