މޫސުމީ ބަދަލުތަކާ އެކު، ތާރީޚުގައި ވެސް ރެކޯޑުކުރެވޭ އެންމެ ވަރުގަދަ އެލްނީނޯ އިވެންޓްތަކުގެ ތެރޭގައި ހިމެނޭ ފަދަ ވަރުގަދަ އެލްނީނޯއެއް އުފެދި، އޭގެ އެންމެ މައްޗަށް ނުވަތަ ޕީކަށް ޑިސެމްބަރު 2026 ގައި ދާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ލަފާކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ މެޓް އޮފީހުން ދާދިފަހުން ނެރުނު ރާއްޖޭގެ މޫސުމާ ބެހޭ އަދާހަމަ، އެލްނީނޯ ބުލެޓިން ގައެވެ.
މެޓް އޮފީހުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސެޕްޓެމްބަރު 2026 ގައި މި އެލްނީނޯ އިތުރަށް ވަރުގަދަވެފައިވާއިރު، ނީނޯ-3.4 އިންޑެކްސް ވަނީ +2.1 ޑިގްރީ ސެލްސިއަސް އަށް އުފުލިފައެވެ. ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެމްއޯ) އާ ހަވާލާދީ އެ އިދާރާއިން ބުނީ، މީގެ ސަބަބުން ދުނިޔޭގެ ފިނިހޫނުމިން މަތިވެ، ވާރޭވެހޭ މިންވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އެކި ސަރަހައްދުތަކުގައި ވާރޭ ނުވެހި ހަނަފަސްވުމާއި، ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ނުރައްކާ ބޮޑުވާނެ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
އެލްނީނޯގެ އިތުރުން، އިންޑިއަން އޯޝަން ޑައިޕޯލް (އައިއޯޑީ) ގެ ހާލަތަށް ބަލާއިރު، އޮކްޓޯބަރު 11 ގެ ނިޔަލަށް އައިއޯޑީ އިންޑެކްސް ވަނީ +0.88 ޑިގްރީ ސެލްސިއަސް އަށް އަރައިފައެވެ. އަދި ޖެހިޖެހިގެން ފަސް ހަފުތާ ވަންދެން މި އިންޑެކްސް +0.4 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގައި ހިފެހެއްޓިފައިވާ ކަމަށާއި، މިއީ ޕޮޒިޓިވް އައިއޯޑީ އިވެންޓެއް އުފެދެމުންދާ ކަމުގެ ހެއްކެއް ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
ރާއްޖޭގެ ފިނިހޫނުމިނަށް ބަލާއިރު، ޖަނަވަރީ މަހުން ފެށިގެން ސެޕްޓެމްބަރު 2026 އާ ހަމައަށް ހުރީ އާންމުކޮށް ހުންނަ ވަރަށް ވުރެ މަތީގައެވެ. ވަކިން ހާއްސަކޮށް، ސެޕްޓެމްބަރު މަހު ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގެ ކަނޑުގެ ފިނިހޫނުމިން އާދައިގެ މިންވަރަށް ވުރެ 1.0 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އަދި ބައެއް ސަރަހައްދުތަކުގައި 2.0 ޑިގްރީ ސެލްސިއަސް އަށް ވުރެ ވެސް މައްޗަށް ގޮސްފައިވެއެވެ. އަހަރުގެ މިހާތަނަށް އެންމެ ބޮޑަށް ހޫނުވި މަހަކީ ޖުލައި މަހެވެ. އެގޮތުން އެންމެ ބޮޑު ބަދަލެއް ރެކޯޑުކުރެވުނު ހަނިމާދޫގެ ފިނިހޫނުމިން ޖުލައި މަހު ވަނީ އާދައިގެ މިންވަރަށް ވުރެ ގާތްގަނޑަކަށް 2.0 ޑިގްރީ ސެލްސިއަސް މައްޗަށް ގޮސްފައެވެ. މީގެއިތުރުން ހުޅުލޭގައި ވެސް ޖުލައި މަހުން ސެޕްޓެމްބަރަށް ފިނިހޫނުމިން ހުރީ 1.0 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގައެވެ.
ވާރޭވެހުމުގެ މިންވަރަށް ބަލާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މެދުގައި ބޮޑެތި ތަފާތުތަކެއް ވަނީ ފާހަގަކުރެވިފައެވެ. އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑުކުރެވުނީ ސެޕްޓެމްބަރު މަހު ގަމަށް (+287 މިލިމީޓަރު) އަދި މޭ މަހު ހަނިމާދޫއަށެވެ (+243 މިލިމީޓަރު). މިއާ ހިލާފަށް، ޖަނަވަރީ މަހު ކާޑެއްދޫއަށް ވެހުނު ވާރޭގެ މިންވަރު ވަރަށް ބޮޑަށް މަދުވި އިރު (-155 މިލިމީޓަރު)، ޖުލައި މަހު ހަނިމާދޫއަށް ވެހުނު ވާރޭ ވެސް ވަނީ އާދަޔާ ހިލާފަށް ދަށްވެފައެވެ (-173 މިލިމީޓަރު).
މި މޫސުމީ ހާލަތާ ގުޅިގެން މެޓް އޮފީހުން ވަނީ ކަމާބެހޭ ދާއިރާތަކަށް އިރުޝާދުތަކެއް ވެސް ދީފައެވެ. އެގޮތުން، ކަނޑުގެ ފިނިހޫނުމިން މަތިވަމުންދާތީ ފަރުތަކުގެ މުރަކަތަކަށް ނޭދެވޭ އަސަރުކޮށް، ބްލީޗިންގ ކުރިމަތިވުމުގެ ފުރުސަތު އޮތުމުން ކަނޑުގެ ހާލަތު ގަވާއިދުން މޮނީޓަރުކުރުމަށް މަސްވެރިކަމާއި ކަނޑުގެ ތިމާވެއްޓާ ބެހޭ ދާއިރާތަކަށް ވަނީ އަންގައިފައެވެ.
ހަމައެއާއެކު، އާދަޔާ ހިލާފަށް ހޫނުގަދަވުމުގެ ސަބަބުން 'ހީޓް ސްޓްރެސް' ކުރިމަތިވުމުގެ ނުރައްކާ ބޮޑުވާތީ، ޚާއްސަކޮށް ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ސިއްހީ ދާއިރާއިން އިރުޝާދު ދިނުމަށް ވެސް ވަނީ އެދިފައެވެ. އަދި ބައެއް ސަރަހައްދުތަކަށް ކުއްލިއަކަށް ގަދައަށް ވާރޭވެހި ފެންބޮޑުވުމާއި، އަނެއްބައި ސަރަހައްދުތަކުގައި ވާރޭ ނުވެހި ހަނަފަސްވުން ފަދަ ހާލަތްތަކަށް ދުރާލައި ތައްޔާރުވެ ތިބުމަށް ކާރިސާތަކާ ބެހޭ ދާއިރާއަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!