ދުނިޔޭގެ އެކި ގައުމުތަކުގެ ސަރުކާރުތަކުން ދަރަނި ނެގުމަށް ކުރަންޖެހޭ ހޭދަ ބޮޑުވެ، މާލީ ފިއްތުންތައް އިންތިހާއަށް އިތުރުވަމުންދާ ކަމުގެ އިންޒާރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ދީފިއެވެ. އަދި 2030 ވަނަ އަހަރާ ހަމައަށް ދާއިރު މުޅި ދުނިޔޭގެ ޖުމްލަ ދަރަނި، ދުނިޔޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ނުވަތަ ޖީޑީޕީގެ 100 އިންސައްތައަށް ވުރެ މައްޗަށް އަރާނެ ކަމަށް ލަފާކުރެވޭތީ، ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމަށް އިތުބާރު ހުރި ފިޔަވަޅުތަކެއް އެޅުމަށް ވެސް އެ ޖަމާއަތުން ވަނީ ބާރުއަޅައިފައެވެ.
އައިއެމްއެފްގެ ބްލޮގް ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ހަތް ގައުމު (ޖީ7) ގެ ސަރުކާރުތަކުން ވިއްކާ 10 އަހަރުގެ ބޮންޑުތަކުގެ އެވްރެޖް ޔީލްޑް ވަނީ މި އަހަރުގެ ފެބްރުއަރީ މަހާއި ސެޕްޓެމްބަރު މަހާ ދެމެދު އެއް ޕަސެންޓް ޕޮއިންޓަށް ވުރެ މައްޗަށް އުފުލިފައެވެ. މިއީ ވޭތުވެދިޔަ ގާތްގަނޑަކަށް 20 އަހަރު ދުވަހުގެ ތެރޭގައި މި ރޭޓް މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މިގޮތަށް ރޭޓުތައް އުފުލެން މެދުވެރިވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ތެލުގެ އަގަށް އައި ލޮޅުމާއި، އިންފްލޭޝަން ދެމިއޮތުމާއި، އިންވެސްޓްމަންޓްތަކަށް އޮތް ޑިމާންޑް އިތުރުވުމުގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅިގެން ކުރިއެރުން ލިބޭނެ ކަމަށް ކުރެވޭ އުންމީދުތައް ހިމެނެއެވެ.
މީގެއިތުރުން ބޮޑެތި އަދަދުތަކުން ދަރަނި އިތުރުވުމާއި، ހަރަދުތަކުގެ ފިއްތުންތަކާއި، ސަރުކާރުތަކުން ގިނަ އަދަދަކަށް ބޮންޑު ވިއްކަން ޖެހޭނެ ކަމަށް ބެލެވުމަކީ ވެސް ޔީލްޑް މައްޗަށް ދިއުމަށް މެދުވެރިވާ ކަންކަމެވެ. އަދި ބޮޑެތި އިގްތިސާދުތަކުގެ ދަރަނީގެ ހަރަދުތައް އުފުލުމަކީ އެހެން ގައުމުތަކުގެ ދަރަނީގެ ހާލަތު ވެސް އިތުރަށް ގޯސްވެގެން ހިނގައިދާނެ ސަބަބެއް ކަމަށް އައިއެމްއެފުން ފާހަގަކުރެއެވެ. ސަރުކާރުތަކުން މާލީ އެހީތެރިކަން ހޯދުމަށް ކުރަންޖެހޭ އެވްރެޖް އިންޓްރެސްޓް ހަރަދު 2021 ވަނަ އަހަރު ހުރި 2.3 އިންސައްތައިން 2031 ވަނަ އަހަރާ ހަމައަށް ދާއިރު 3.7 އިންސައްތައަށް އަރާނެ ކަމަށް މިހާރު ވަނީ ލަފާކުރެވިފައެވެ.
ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު ކަމަށްވާ އެމެރިކާގައި ދަރަންޏަށް ދައްކަންޖެހޭ އިންޓްރެސްޓްގެ މިންވަރު، ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން ޖީޑީޕީގެ ގާތްގަނޑަކަށް 2.8 އިންސައްތައިގައި ހުރި ނަމަވެސް، 2031 ވަނަ އަހަރު އެ އަދަދު 5.7 އިންސައްތައަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއީ އެ ގައުމުގެ ސޯޝަލް ސެކިއުރިޓީއަށް ހިނގާނެ ކަމަށް އަންދާޒާކުރެވޭ ހަރަދާ ގާތްގަނޑަކަށް އެއްވަރުގެ އަދަދެކެވެ. މީގެއިތުރުން، އާމްދަނީ ދަށް ގައުމުތަކުގައި ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީގެ 15 އިންސައްތައަށް ވުރެ ބޮޑު ބައެއް މިހާރު ވެސް ހޭދަކުރަން ޖެހިފައިވަނީ ދަރަނީގެ އިންޓްރެސްޓް ދެއްކުމަށެވެ.
ދަރަނި އަދާކުރުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން، ތަރައްގީގެ އިންވެސްޓްމަންޓްތަކަށާއި އިޖުތިމާއީ ކަންކަމަށް ކުރާ ހޭދަތަކަށް އޮތް ފުރުސަތު ހަނިވެގެންދާނެ ކަމަށް އައިއެމްއެފުން ބުނެފައިވެއެވެ. އަދި އިގްތިސާދީ ހީނަރުކަމުގެ ހާލަތްތަކުގައި ސަރުކާރުތަކުން ފިޔަވަޅު އެޅުމަށް އޮންނަ ގާބިލުކަން ވެސް މީގެ ސަބަބުން ކުޑަވެގެންދާނެއެވެ. އިންޓްރެސްޓް ހަރަދުތައް ނުހިމަނައި ބަލާއިރު، ދުނިޔޭގެ ޕްރައިމަރީ ޑެފިސިޓް 2026 ވަނަ އަހަރު ޖީޑީޕީގެ ގާތްގަނޑަކަށް 3.3 އިންސައްތައަށް އަރާނެ ކަމަށް ބެލެވޭއިރު، ދަރަނީގެ ނިސްބަތް ހަމަހަމަކޮށް ހިފެހެއްޓުމަށްޓަކައި އެ އަދަދު ގާތްގަނޑަކަށް 2.6 އިންސައްތައަށް ކުޑަކުރަން ޖެހޭނެ ކަމަށް އެ ޖަމާއަތުން ބުނެއެވެ.
ސަރުކާރުތަކުން ކުރު މުއްދަތުގެ ދަރަނި ނަގާ މިންވަރު އިތުރުވުމަކީ، މަރުކަޒީ ބޭންކުތަކުން މަތިކުރާ ޕޮލިސީ ރޭޓްތަކުގެ އަސަރު ސަރުކާރުތަކުގެ މާލީ ހަރަދުތަކަށް އަވަހަށް ފޯރުމަށް މަގުފަހިވާ ކަމެކެވެ. އެހެންކަމުން ކުރިއަރާފައިވާ ގައުމުތަކުން އިތުބާރު ހުރި މާލީ ޕްލޭންތައް އެކުލަވާލުމަށާއި، އަރަމުން އަންނަ އިގްތިސާދުތަކުން ދަރަނި ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށް އައިއެމްއެފުން ވަނީ ގޮވާލައިފައެވެ. އަދި ފިޔަވަޅުތައް އެޅުން ލަސްވެއްޖެނަމަ، ފަހުން ގެންނަންޖެހޭ ބަދަލުތައް މާ ބޮޑުވެގެންދާނެ ކަމުގެ އިންޒާރު ވެސް އެ ފަންޑުން ވަނީ ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!