ގދ. ތިނަދޫ ސިޓީގައި ސައިކަލަކަށް ފޮއްޓެއް އަރުވައިގެން ދުއްވާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެ، ދެ މީހުންނާއެކު ސައިކަލު ބަނދަރު މޫދަށް ވެއްޓޭ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ތިނަދޫ ޑީ.އެމް.އެން ކެފޭ ކުރިމަތިން ބަނދަރާ ދިމާލަށް ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް މޫދަށް ވެއްޓިފައިވާ ކަމުގެ މައުލޫމާތު ރިޕޯޓުކޮށްފައިވަނީ 2026 އޮކްޓޫބަރު 13 ވަނަ ދުވަހުގެ ހަވީރު 17:28 އެހައިކަންހާއިރު ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭގޮތުން ފުލުހުން ބުނީ، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެކަން ހިނގީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެންނެވެ. އެވަގުތު ސައިކަލު ދުއްވަން އިން މީހާއާއި ފަހަތުގައި އިން މީހާއާއެކު އެ އެކީގައި މޫދަށް ވެއްޓުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާގައި ސައިކަލުގައި ތިބި ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. މީގެއިތުރުން، ސައިކަލު ދުއްވަން އިން މީހާއަކީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށް ވެސް ފުލުހުންގެ މައުލޫމާތުގައި ފާހަގަކޮށްފައިވެއެވެ.
މޫދަށް ވެއްޓުނު ސައިކަލު ނެގުމަށްޓަކައި ފުލުހުންނާއި އާންމުން ގުޅިގެން ވަގުތުން ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން ކުރެވުނު މަސައްކަތުން، އެ ދުވަހުގެ ހަވީރު 17:47 އެހައިކަންހާއިރު ސައިކަލު ވަނީ މޫދުން ނަގާފައެވެ. އަދި އެ އުޅަނދު މިހާރު ވަނީ ވެރިފަރާތާ ހަވާލުކޮށްފައެވެ.
މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި، އެއްގަމު އުޅަނދު ދުއްވާއިރު ދުއްވާ ފަރާތާއި މަގު ބޭނުންކުރާ އެހެނިހެން ފަރާތްތަކުގެ ރައްކާތެރިކަމަށް އިސްކަންދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގާނޫނާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އުޅަނދުގެ ބެލެންސް ނުގެއްލޭނެހެންނާއި އުޅަނދު ދުއްވާ ފަރާތަށާއި ފަހަތުގައި އިންނަ ފަރާތަށް ދަތިނުވާނެހެން ރައްކާތެރިކަމާއެކު މުދާ އުފުލުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!