ހއ. ބާރަށު ކަނޑޫފަލެއްގައި މަރުވެފައި ހުރި ގާތްގަނޑަކަށް 1،000 މަސް ނަގައި ރައްކާތެރިކަމާއެކު ވަޅުލައިފިއެވެ.
މި މަސައްކަތަކީ ބާރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) އަދި އެ ރަށު ސިއްޙީ މަރުކަޒާއި އާންމު ރައްޔިތުން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މިއީ އެ ރަށުގެ އެންމެ ކަނޑޫފަލަކުން ނެގުނު އަދަދު ކަމަށާއި، އަދިވެސް އިތުރު ކަނޑޫފާތައް ސާފުނުކުރެވި އޮތް ކަމަށް ކައުންސިލުން މައުލޫމާތު ދެއްވައެވެ. މި މަސައްކަތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މި މައްސަލައާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ޢަލީ ޝަމީމް "ތިލަދުން" އަށް ވިދާޅުވީ، މިގޮތަށް މަސްތައް މަރުވާން ދިމާވަނީ މޫސުމީ ބަދަލުތަކާ ގުޅިގެން ކަނޑޫފާތަކުގެ ފެންގަނޑު ހިނދުމުގެ ސަބަބުން ކަމަށެވެ. މިއީ ކައުންސިލާއި ރަށުގެ ރައްޔިތުންގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއްކަމަށް ވެސް ރައީސް ހާމަކުރެއްވިއެވެ.
މީގެއިތުރުން، ބާރަށު ކަނޑޫފާތަކަކީ އެންވަޔަރަންމަންޓް މިނިސްޓްރީން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކަކަށް ވީ ނަމަވެސް، މިފަދަ ކަންކަން ހައްލުކުރުމަށް މިނިސްޓްރީގެ ފަރާތުން މިހާތަނަށް އެކަށީގެންވާ ސަމާލުކަމެއް ލިބިފައިނުވާކަމަށް ވެސް ކައުންސިލުން މައުލޫމާތުދެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!