އަންހެން ކުދިންނާއި ޒުވާން އަންހެނުން ބާރުވެރިކުރުވައި، އެ ކުދިންނަކީ މުސްތަގުބަލުގެ ލީޑަރުންނަށް ހެދުމަށްޓަކައި ސަރުކާރުން ފުރުސަތުތައް ފަހިކޮށްދީ ސިޔާސަތުތައް ކުރިއަރުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހާ ގުޅުވައިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެން ކުދިންގެ ހައްގުތައް ކުރިއެރުވުމަށާއި ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ބައިވެރިވާ ކަމަށެވެ. އަދި އެކަމަށް އޮތް އަޒުމު ރާއްޖެއިން އަލުން ކަށަވަރުކުރާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad
rt

ރައީސް ވިދާޅުވީ އަންހެން ކުދިންނާއި ޒުވާން އަންހެނުންގެ ފުރިހަމަ ގާބިލުކަން ހާމަކުރުމަށް މަގުފަހިކޮށްދޭނެ ސިޔާސަތުތައް ކުރިއެރުވުމަށް މި ސަރުކާރުން ފުރިހަމައަށް އަހައްމިއްޔަތުކަން ދޭ ކަމަށެވެ. އެގޮތުން، އެ ކުދިން ބާރުވެރިކުރުވުމަށް ބޭނުންވާ ފުރުސަތުތައް އުފައްދައި ދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ރައްކާތެރި އަދި އެއްބާރުލުން ލިބޭ ފަހި މާހައުލެއްގެ ތެރެއިން، އަންހެން ކުދިންނަކީ މުސްތަގުބަލުގެ ލީޑަރުންގެ ގޮތުގައި ތައްޔާރުކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގައުމީ ތަރައްގީގައި މާނަހުރި ގޮތެއްގައި ބައިވެރިވުމުގެ ފުރުސަތު އެ ކުދިންނަށް ފަހިކޮށްދިނުމަކީ ސަރުކާރުން ކަށަވަރުކޮށްދޭނެ ކަމެއް ކަމުގައިވެސް ބަޔާންކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިފަދަ އުންމީދުތައް ހާސިލުކުރުމަށްޓަކައި މުޅި މުޖުތަމައުގެ އެއްބާރުލުމާއި ބައިވެރިވުން ބޭނުންވާ ކަމަށެވެ. އެގޮތުން، މި މަސައްކަތް ފެށެންވާނީ އާއިލާތަކާއި މުޖުތަމައުގެ ތެރެއިން ކަމަށާއި، މިކަމުގައި ކަމާގުޅުންހުރި އެންމެހައި ފަރާތްތަކެއްގެ ހިއްސާ އޮންނަންޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒުގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، މިއަދު އަޅުގަނޑުމެންގެ އަންހެން ދަރިންނަށްޓަކައި ކުރެވޭ އިންވެސްޓްމަންޓަކީ، އެންމެންނަށް ހަމަހަމަކަން ލިބިދޭ، އެންމެންގެ ބައިވެރިވުން އޮންނަ، އަދި ފާގަތި މުސްތަގުބަލަކަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ.