ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫގައި ކުޅުނު ފޯރިގަދަ މެޗުގައި ރާއްޖޭގެ އެންމެ ދުވަސްވީ އަދި ސަޕޯޓަރުން އެންމެ ގިނަ އެއް ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެއްވަރުކޮށް، ދިއްދޫ ސްޕޯޓްސް ކްލަބުން ތާރީޚީ ޕޮއިންޓެއް ހޯދައިފިއެވެ.
ރާއްޖޭގެ އުތުރުގައި އެންމެ ވަރުގަދަ އެއް ކްލަބާ ދެކޮޅަށް ކުޅެ ދިއްދޫން މި ހޯދި ނަތީޖާއާއެކު އެ ޓީމު ވަނީ ތާރީޚުން އައު ޖާގައެއް ކަށަވަރުކޮށްފައެވެ.
އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ދިއްދޫން ފެށުން ވަރުގަދަކުރި މި މެޗުގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗު ފަށައިގެން 10 ވަނަ މިނިޓުގައި އުފާލް ޢަބްދުﷲ އެވެ. މިއީ ދިއްދޫ ޓީމުގެ ކުޅުންތެރިއަކު ނަގައިދިން ހިތްގައިމު ހުރަހަކުން ބޮލުން ޖަހައި އޭނާ ގޯލުގެ ތެރެއަށް ވައްދައިލި ލަނޑެކެވެ. އޭގެ ދެ މިނިޓު ފަހުން، މެޗުގެ 12 ވަނަ މިނިޓުގައި ދިއްދޫން ވަނީ ލީޑު ފުޅާކޮށްފައެވެ. އެ ލަނޑަކީ އުފާލް ދިން ބޯޅައެއް ކީޕަރު ކައިރިން ނައްޓާލުމަށްފަހު، ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ދިއްދޫގެ ޖޯޒީ ނަންބަރު 26، ގާނާގެ ފޯވާޑް ގިޑިއެން ޓެޓޭ ޖަހައިދިން ލަނޑެކެވެ. ޓެޓޭ އަކީ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކްލަބް ބަލިކޮށް ދިއްދޫ އަށް ތާރީޚީ މޮޅު ހޯދައިދިން ލަނޑު ވެސް ޖެހި ކުޅުންތެރިޔާއެވެ.
ދެ ލަނޑުގެ ފަހަތުގައި އޮތް ނިއު ރޭޑިއަންޓުން މެޗުގެ ތެރެއަށް އެނބުރި އައުމަށް ކުރި މަސައްކަތުން، އެ ޓީމަށް ފަރަގު ކުޑަކޮށްދިން ލަނޑު މެޗުގެ 33 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ޢަލީ އަޝްފާޤް (ދަގަނޑޭ) އެވެ. ދިއްދޫން މޮޅަކާ ދިމާއަށް ދަނިކޮށް، ނިއު ރޭޑިއަންޓަށް ނަތީޖާ ހަމަހަމަކުރެވުނީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ 10 މިނިޓު ނިމި، އިތުރަށް ކުޅުނު 11 ވަނަ މިނިޓުގައެވެ.

މިއަދުގެ މެޗަކީ މި ފަހަރުގެ ލީގުގައި ދިއްދޫން ކުޅުނު ހަތަރު ވަނަ މެޗެވެ. ލީގުގެ ފުރަތަމަ މެޗުގައި 1-0 އިން ބުރު ސްޕޯޓްސް ކްލަބް ބަލިކުރި ނަމަވެސް، ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ވިކްޓްރީ ސްޕޯޓްސް ކްލަބް އަތުން ބަލިވީ 4-3 އިންނެވެ. އަދި ތިންވަނަ މެޗުގައި ބިސް ބުރު ސްޕޯޓްސް ކްލަބް އަތުން އެ ޓީމު ބަލިވީ ހަނި ގޮތަކަށް 1-0 އިންނެވެ.
ދިއްދޫގެ ކުރިއަށް އޮތް ފަސް ވަނަ މެޗާއި ހަ ވަނަ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެ ރަށުގައެވެ. އެގޮތުން ފަސް ވަނަ މެޗުގައި އޮކްޓޯބަރު 16 ގައި ކްލަބް އީގަލްސްއާ ދެކޮޅަށް ނުކުންނައިރު، ހަ ވަނަ މެޗުގައި އޮކްޓޯބަރު 21 ގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއެވެ. އެއަށްފަހު ހަތްވަނަ މެޗުގައި ނޮވެމްބަރު 23 ގައި މާޒިޔާއާ ދެކޮޅަށް އަދި އަށްވަނަ މެޗުގައި ނޮވެމްބަރު 27 ގައި އޮޑި ސްޕޯޓްސްއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ނުކުންނާނެއެވެ. ލީގުގެ ފަހު މެޗުގައި ޑިސެމްބަރު 4 ގައި އަމިއްލަ ދަނޑުގައި ކުޅޭނީ ގައްދޫއާ ދެކޮޅަށެވެ.
ދިއްދޫއަކީ އަތޮޅުތެރޭގެ ޓީމުތަކަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ދިނުމުގެ ފުރަތަމަ މަރުހަލާގައި ކުރިއަށްދިޔަ ބީއޭއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހއ. އަތޮޅުގެ ޗެމްޕިއަން ޓީމެވެ. ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ޒޯން 1 ގެ ރަނަރަޕް މަގާމު ހޯދުމަށްފަހު، އެ ޓީމު ވަނީ އެއްވެސް މެޗަކުން ބަލިނުވެ ނޯތު ރީޖަނަލް ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި ދިވެހި ޕްރިމިއާ ލީގުން ދިއްދޫ ޖާގަ ހޯދީ އަނެއް ތިން ރީޖަންގެ ޗެމްޕިއަނުން ބަލިކޮށް، ފުރިހަމަ ރެކޯޑަކާ އެކުގައެވެ.
ދިއްދޫ ވަނީ ''އެފްއޭއެމް އެވޯޑްސް 2026'' ގައި ފާއިތުވި ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ރީޖަނަލް ދެވަނަ ކްލަބުގެ އެވޯޑް ހޯދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!