ބޮޑެތި ޕާރުސަލްތައް ލިބިގަތުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، މޯލްޑިވްސް ޕޯސްޓްގެ ހެޑް އޮފީހުގެ ގްރައުންޑް ފްލޯގައި ހާއްސަ ޕިކްޕޯސްޓް ސްޓޭޝަނެއް މިއަދު ހުޅުވައިފި އެވެ.
މޯލްޑިވްސް ޕޯސްޓްގެ މައި އިދާރާގައި މިއަދު ހުޅުވި މި ޕިކްޕޯސްޓް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދެވެ.
ޕޯސްޓް އޮފީހުން ބުނި ގޮތުގައި މި ސްޓޭޝަނަކީ އެ ކުންފުނީގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާކޮށް، ތަރައްގީކޮށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ގާއިމުކުރެވުނު ތަނެކެވެ. އަދި މިއީ ޑެލިވަރީ ނިޒާމު ޒަމާނީ ފެންވަރަށް ބަދަލުކޮށް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ބައެއް ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެ އެވެ.
އީކޮމާސްގެ ސަބަބުން ޕޯސްޓް ނިޒާމުގެ ތެރެއަށް ވަންނަ މެއިލް އިތުރުވެ، މެއިލްގެ ލޭންޑްސްކޭޕަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް ޕޯސްޓް އޮފީހުން ބުންޏެވެ. އެ ބަދަލުތަކާ އެކު، ބޮޑެތި ޕާރުސަލްތައް ވެސް ޕިކްޕޯސްޓްގެ ޑެލިވަރީ ނިޒާމުގެ ތެރެއިން ލިބޭނެ މަގު ފަހިކޮށްދިނުމަށް ގިނަ ބަޔަކު އެދިފައިވާ ކަމަށާއި، މި ހިދުމަތަކީ އެ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެޅި މުހިންމު ފިޔަވަޅެއް ކަމަށް އެ އޮފީހުން ބުނެ އެވެ.
އެ އޮފީހުން ބުނި ގޮތުގައި މި ބަދަލާއެކު ބޮޑެތި ޕާރުސަލްތައް ލިބުމުގައި ހިދުމަތް ހޯދާ ފަރާތްތަކަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ އެވެ. މީގެ އިތުރުން، ހިދުމަތް ހޯދުމަށް ކުރަންޖެހޭ ތަޖުރިބާގެ ފެންވަރު މަތިވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ޕޯސްޓްގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗާ ތަރައްގީކުރަން ކުރެވޭ މިފަދަ މަސައްކަތްތަކުގެ މައިގަނޑު އަމާޒަކީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމާ އެކު، ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ހިދުމަތްތައް ފަރުމާކޮށް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ފަހި މާހައުލެއް ގާއިމްކޮށް، ލީޑިން ޓްރޭޑް ފެސިލިޓޭޓަރެއްގެ ގޮތުގައި މޯލްޑިވްސް ޕޯސްޓުން އަދާކުރަމުންދާ ދައުރު އިތުރަށް ފުޅާކުރުމަކީ ވެސް މި މަސައްކަތުގެ ބޭނުމެއް ކަމަށް އެ އޮފީހުން ބުނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!