ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕަށް ކޮލިފައިވާ އުސޫލު މުޅިން ބަދަލުކޮށް، އޭޝިއާ ސަރަޙައްދުގައި މުޅިން އައު މުބާރާތެއްގެ ގޮތުގައި "ނޭޝަންސް ލީގު" ތަޢާރަފުކުރުމަށް އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ރާވަމުން އަންނަކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މިފަދަ މުބާރާތެއް ބޭއްވުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، 2030 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު މި މުބާރާތް ބޭއްވުމަށް ހުށަހަޅާފައިވާ ޑްރާފްޓް ޕްލޭންގެ މަޢުލޫމާތު ކުޅިވަރު ޚަބަރު ފަތުރާ އީއެސްޕީއެން ލިބިފައިވާކަމަށް އެ ނޫހުން ވަނީ ބުނެފައެވެ. މި ޕްލޭން އަންގާރަ ދުވަހު މެންބަރު އެސޯސިއޭޝަންތަކަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

Ad
rt

އޭއެފްސީގެ މި ހުށަހެޅުމުގައިވާ ގޮތުން މެންބަރު ޤައުމުތައް ބަހާލެވޭނީ ތިން ޓިއަރ (ފަންތި) އަށެވެ. އެގޮތުން ފުރަތަމަ ދެ ޓިއަރުގެ ކޮންމެ ޓިއަރެއްގައި 18 ޤައުމު ހިމެނޭއިރު، ތިންވަނަ ޓިއަރުގައި ހިމެނޭ 11 ޤައުމު ވާދަކުރާނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ސަރަޙައްދީ ނުވަތަ ޒޯންތަކަށް ބަހާލައިގެން މެޗުތައް ނުކުޅެން ނިންމީ ޒޯންތަކުގައި ހިމެނޭ ޤައުމުތަކުގެ އަދަދު އެއްވަރު ނުވުމާއި ފެންވަރުގެ ފަރަގު ބޮޑުވުމުން ކަމަށް އޭއެފްސީން ބުނެފައިވެއެވެ. އޭގެ ބަދަލުގައި، ގުރުއަތުލުމުގައި ޕޮޓްތައް ބޭނުންކޮށް، ޚާއްޞަ އަލްގޮރިދަމެއްގެ އެހީގައި ފެންވަރު ހަމަހަމަ ތާވަލެއް އެކުލަވާލާނެއެވެ. ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފައިންއާ ވަކިން މި މުބާރާތް ބޭއްވުމުގެ ވިސްނުން ދޫކޮށްލީ ޚަރަދު ބޮޑުވުމާއި މެޗުތައް ކުޅޭނެ ތާރީޚުތައް ނެތުމުގެ ސަބަބުންނެވެ.

ވޯލްޑް ކަޕާ ގުޅުވައިގެން ބާއްވާ ފުރަތަމަ މުބާރާތް އޮންނާނީ 2032-33 ގައެވެ. މި މުބާރާތުގައި ޓީމުތަކުން އަމިއްލަ ދަނޑުގައްޔާއި ރަށުން ބޭރުގައި ކޮންމެ ގޮތަކުން ވެސް ހަ މެޗު (ޖުމްލަ 12 މެޗު) ކުޅޭނެއެވެ. ފުރަތަމަ ޓިއަރުގެ ގަދަ ހަ ޤައުމަށް ވޯލްޑް ކަޕުން ސީދާ ޖާގަ ލިބޭނެއެވެ. އަދި ފުރަތަމަ ޓިއަރުގެ ހަތްވަނައިން ފެށިގެން ދިހަވަނައާ ދެމެދު ނިންމާ ޓީމުތަކުން ކޮންފެޑެރޭޝަނަށް ބާކީ އޮތް ދެ ޖާގައަށް ރައުންޑް-ރޮބިން ޕްލޭއޮފެއް ކުޅޭއިރު، އޭގެ ތެރެއިން އެންމެ ކުރި ހޯދާ ދެ ޓީމަށް ވޯލްޑް ކަޕްގެ ޖާގަ ލިބި، ތިންވަނަ ޓީމު ދާނީ އިންޓަރކޮންޓިނެންޓަލް ޕްލޭއޮފަށެވެ. މިއީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ބޭނުންކުރި ގޮތާ ވަރަށް ބޮޑަށް ތަފާތު ގޮތެކެވެ. ކުރީގެ ފޯމެޓުގައި 18 ޤައުމު ތިން ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމު ސީދާ ކޮލިފައިވެ، ތިންވަނަ އަދި ހަތަރުވަނަ ޓީމު ދަނީ ހަތަރުވަނަ ބުރުގެ ޕްލޭއޮފަށެވެ.

އޭޝިއަން ކަޕަށް ޚާއްޞަކޮށްގެން ބާއްވާ މުބާރާތްތަކުގެ ތެރެއިން ފުރަތަމަ މުބާރާތް ކުރިއަށްދާނީ 2030 ވަނަ އަހަރުއެވެ. މި ޕްލޭނާއެކު 2031 ވަނަ އަހަރު ބާއްވަން އޮތް އޭޝިއަން ކަޕް ވަނީ 2032 އަށް ބަދަލުކުރުމަށް ހަމަޖެހިފައެވެ. މި ބުރުގައި ޓީމުތަކުން އަމިއްލަ ދަނޑުގައި ތިން މެޗު އަދި ރަށުން ބޭރުގައި ތިން މެޗު ކުޅޭނެއެވެ. މި މުބާރާތުން އޭޝިއަން ކަޕަށް ކޮލިފައިވާނީ ފުރަތަމަ ޓިއަރުގެ ހުރިހާ ޤައުމަކާއި، ދެވަނަ ޓިއަރުގެ އެންމެ ކުރި ހޯދާ ހަ ޤައުމެވެ.

ކޮންމެ މުބާރާތަކާ ގުޅިފައި އޮތް ނަމަވެސް، މި އައު ފޯމެޓުގެ ދަށުން ޗެމްޕިއަން ޓީމު ކަނޑައަޅާނީ ފުރަތަމަ ބުރުގެ ގަދަ އަށް ޤައުމު ވާދަކުރާ ނޮކްއައުޓް ބުރަކުންނެވެ. ކުއާޓާ ފައިނަލް މެޗުތައް ހޯމް އެންޑް އަވޭ އުސޫލުން ކުޅުމަށްފަހު، ސެމީ ފައިނަލާއި ފައިނަލް މެޗު ކުޅޭނީ އެއް މަރުކަޒެއްގައެވެ. މީގެއިތުރުން، ކޮންމެ ދެ އަހަރަކުން ބާއްވާ މި މުބާރާތް ނިމުމުން، ޓިއަރުތަކުގެ މެދުގައި ރެލިގޭޝަނާއި ޕްރޮމޯޝަން އޮންނާނެއެވެ. ކޮންމެ ޓިއަރެއްގެ ވެސް އެންމެ ކުރީގައިވާ ދެ ޓީމު އޮޓޮމެޓިކުން ޕްރޮމޯޓްވާއިރު، އެންމެ ފުލަށްދާ ދެ ޓީމު ރެލިގޭޓްވާނެއެވެ. އަދި މަތީ ޓިއަރުގެ ދެން ތިބި އެންމެ ދަށް ހަތަރު ޓީމާއި، ދަށު ޓިއަރުގެ ދެން ތިބި އެންމެ މޮޅު ހަތަރު ޓީމުގެ މެދުގައި ޕްލޭއޮފް ކުޅެގެން ޓިއަރު ބަދަލުވުމުގެ ފުރުޞަތު އޮންނާނެއެވެ.

މި ބަދަލުތަކަށް މަގުފަހިކުރުމުގެ ގޮތުން، 2028-29 ގައި ޕައިލެޓް މުބާރާތެއް ބޭއްވުމަށް އޭއެފްސީން ވަނީ ހުށަހަޅާފައެވެ. މި ޕައިލެޓް މުބާރާތުގައި ފުރަތަމަ ރަސްމީ މުބާރާތަށް ޓިއަރުތައް ކަނޑައަޅާނީ ފީފާ ރޭންކިންއަށް ބެލުމުގެ ބަދަލުގައި، ޕްރިލިމިނަރީ ޖޮއިންޓް ކޮލިފައިންގެ ނަތީޖާތަކަށް ބަލައިގެންނެވެ. ޕައިލެޓް މުބާރާތުގައި ވޯލްޑް ކަޕް ކޮލިފައިން މިހާރު ވެސް އޮންނަ ފަދައިން ފުރަތަމަ ޓިއަރުގައި ހަ ޓީމުގެ ތިން ގްރޫޕް ހިމެނޭނެ ކަމަށާއި، ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމު 2030 ގެ ވޯލްޑް ކަޕަށް ދާނެ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް، 2026 ގެ ފޯމެޓާ ޚިލާފަށް، ދެން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމު ވާދަކުރާނީ ހުށަހަޅާފައިވާ އައު މޮޑެލްގެ ޕްލޭއޮފެއްގައެވެ. އޭގެ ތެރެއިން އެންމެ މޮޅު ދެ ޓީމު ވޯލްޑް ކަޕަށް އަދި ތިންވަނަ ޓީމު އިންޓަރކޮންޓިނެންޓަލް ޕްލޭއޮފަށް ދާނެއެވެ. އަދި 2030 ގެ ފުރަތަމަ ރަސްމީ ނޭޝަންސް ލީގަށް ޓިއަރުތައް އެކުލަވާލުމަށްޓަކައި މި ޕައިލެޓް މުބާރާތުގައި ވެސް ޕްރޮމޯޝަނާއި ރެލިގޭޝަންގެ އުސޫލު ބޭނުންކުރާނެއެވެ.