އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ރަސްމީކޮށް ހަވާލުވެ، އެ ޚިދުމަތްތައް ހިންގަން ފަށައިފިއެވެ.
އެމްޑަބްލިއުއެސްސީން މި ދެ ސިޓީގެ ފެނާއި ނަރުދަމާގެ އެންމެހައި ޚިދުމަތްތަކާ ރަސްމީކޮށް ހަވާލުވެފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުއެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ، މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކޯޕަރޭޓް ދާއިރާ އިޞްލާޙުކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ގެނެވުނު ބަދަލެއް ކަމަށެވެ. އެ ސިޔާސަތުގެ ދަށުން، އައްޑޫ ސިޓީ (ހުޅުދޫ އަދި މީދޫ ހިމެނޭހެން) އާއި ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތްތަކާ އެ ކުންފުނިން ރަސްމީކޮށް ހަވާލުވެ، މިހާރު ވަނީ އޮޕަރޭޝަނަލް ޚިދުމަތްތައް ފަށާފައެވެ.
ހުޅުދޫ އަދި މީދޫ ހިމެނޭހެން އައްޑޫ އަތޮޅާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތްތައް ބަދަލުކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. ފަހުމީ ވިދާޅުވި ގޮތުގައި، ދެ ސިޓީގެ ފެނާއި ނަރުދަމާއާ ގުޅުންހުރި އެންމެހައި އިންފްރާސްޓްރަކްޗަރާއި ވަސީލަތްތައް އެމްޑަބްލިއުއެސްސީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ފުރިހަމަކޮށް ނިންމާލައިފައެވެ.
މީގެ އިތުރުން، މި ނިޒާމުތައް އިތުރަށް ހަރުދަނާކޮށް، ދެ ސިޓީގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި، އިތުބާރުހުރި އަދި ފެންވަރު ރަނގަޅު ޚިދުމަތެއް ކަށަވަރުކޮށްދިނުމަށްޓަކައި ޚާއްޞަ ފަންނީ އެސެސްމަންޓްތަކެއް ހަދާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެ އެސެސްމަންޓްތަކަށް ބިނާކޮށް، ދެ ސިޓީގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށާއި، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމުގެ ޢަމަލީ މަސައްކަތްތައްވެސް މިހާރު ކުރިއަށްދާ ކަމަށް މެނޭޖިންގ ޑިރެކްޓަރު ފާހަގަކުރެއްވިއެވެ.
މި ބަދަލުތައް އައިސްފައިވަނީ ސަރުކާރުގެ ކޯޕަރޭޓް ދާއިރާ ހަރުދަނާކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިންނެވެ. އެގޮތުން، ރާއްޖޭގެ ރަށްރަށަށް ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓުގެ ޚިދުމަތް ދެމުން އައި ފެނަކަ ކޯޕަރޭޝަން އުވާލައި، ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ ޚިދުމަތް ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
މުޅި ރާއްޖޭގެ ކަރަންޓުގެ ޚިދުމަތާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހަވާލުވަމުންދާތީ، އަލަށް ހަވާލުވާ ރަށްރަށުގެ ހާލަތު ދެނެގަތުމަށް ސާވޭއެއްގެ މަސައްކަތްވެސް އެ ކުންފުނިން ދާދި ފަހުން ވަނީ ފަށައިފައެވެ. ދެކުނުގެ ދެ ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތާ އެމްޑަބްލިއުއެސްސީން ރަސްމީކޮށް ހަވާލުވިއިރު، އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތާވެސް ސްޓެލްކޯއިން ދާދިފަހުން ވަނީ ރަސްމީކޮށް ހަވާލުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!