ޔުއެފާ ނޭޝަންސް ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުގައި ކްރޮއޭޝިއާގެ މައްޗަށް 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައި، ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅޭ އިންގްލެންޑުން ވަރުގަދަ ކުޅުމެއް ދައްކައިފިއެވެ.

ކްރޮއޭޝިއާގެ ރިޔޭކާގައި ކުޅުނު މި މެޗުގައި ކެޕްޓަން ހެރީ ކޭން އަދި ބުކާޔޯ ސަކާ ކުރެ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު، މިއީ އެ ޓީމުން ނޭޝަންސް ލީގު ގްރޫޕްގައި ކުޅުނު ތިން މެޗުގެ ތެރެއިން ހޯދި ދެވަނަ މޮޅެވެ. މިއީ ޓުޗެލް އެ ޓީމާ ހަވާލުވި ފަހުން އިންގްލެންޑުން ހޯދި އެންމެ ބޮޑު މޮޅު ވެސް މެއެވެ.

Ad
rt

މި މެޗުގައި ބަޔާން މިއުނިކްގެ ފޯވާޑް ހެރީ ކޭން ކާމިޔާބުކުރި ދެ ލަނޑާއެކު، އިންގްލެންޑް ގައުމީ ޓީމަށް ރަށުން ބޭރުގައި ކުޅުނު ޖެހިޖެހިގެން ހަވަނަ މެޗުގައި އޭނާ ވަނީ ލަނޑު ޖަހައިފައެވެ. އަދި އޭނާ ގައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ ރެކޯޑް 89 އަށް އަރައިފައެވެ. ކޭންގެ އިތުރުން އާސެނަލްގެ ވިންގާ ސަކާ ވެސް ދެ ލަނޑު ޖެހިއިރު، ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމް ވަނީ ލަނޑެއް ޖެހުމުގެ އިތުރުން ތިން އެސިސްޓް ހަދައި މޮޅު ކުޅުމެއް ދައްކައިފައެވެ. މީގެ އިތުރުން އެންތަނީ ގޯޑަން އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މޯގަން ރޮޖާސް ވެސް ލަނޑު ޖެހިއިރު، މިއީ ގޯޑަން އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނު ހަތަރު މެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ.

ސްޓޭޑިއަން އެޗްއެންކޭ ރިޔޭކާގައި ކުޅުނު މި މެޗު ފަށައިގެން އަށްވަނަ މިނެޓުގައި އިންގްލެންޑުން ވަނީ ލީޑު ނަގައިފައެވެ. ގައުމީ ޓީމަށް ފުރަތަމަ ފަހަރަށް ފުރަތަމަ އެގާރައިގައި ކުޅުނު ބޯންމައުތުގެ މިޑްފީލްޑަރު އެލެކްސް ސްކޮޓް ދިން ބޯޅައަކުން ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތުގައި، ކްރޮއޭޝިއާގެ ދިފާއީ ފާރު ފޫއަޅުވާލުމަށްފަހު 10 ޔާޑު ދުރުން މި ލަނޑު ޖެހީ ކޭން އެވެ. އޭގެ ފަހުން 21 ވަނަ މިނެޓުގައި 27 ޕާހަށް ފަހު ގޯޑަން ފޮނުވާލި ހުރަހަކުން ބެލިންހަމް ވަނީ ދެވަނަ ލަނޑު ޖަހައިފައެވެ. އަދި 39 ވަނަ މިނެޓުގައި ޖަރެލް ކުއަންސާ ނަގައިދިން ހުރަހަކުން ގޯޑަން ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ލީޑު ފުޅާކުރިއިރު، ފުރަތަމަ ހާފު ނިމެން ދަނިކޮށް ބެލިންހަމް ދިން ބޯޅައަކުން ސަކާ ވަނީ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ދެވަނަ ހާފުގައި ވެސް ފެނިގެންދިޔައީ އިންގްލެންޑްގެ ފުރިހަމަ ކޮންޓްރޯލެވެ. މެޗުގެ 53 ވަނަ މިނެޓުގައި އެންޑަސަން ނަގައިދިން ބޯޅައަކުން ކޭން އޭނާގެ ދެވަނަ ލަނޑު ޖެހިއިރު، 68 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ ޑިފެންސުން ހެދި ގޯހެއްގެ ފައިދާ ނަގައި ކޭން ދިން ޕާހަކުން ސަކާ ވަނީ ޓީމުގެ ހަވަނަ ލަނޑު ޖަހައިފައެވެ. އޭގެ ފަހުން މެޗުގެ 87 ވަނަ މިނެޓުގައި، ބެލިންހަމް ދިން ބޯޅައަކުން ކީޕަރު ޑޮމިނިކް ލިވަކޮވިޗް ކައިރިން ނައްޓާލުމަށްފަހު އިންގްލެންޑްގެ ހަތްވަނަ ލަނޑު ޖަހައި ނަތީޖާ ފުރިހަމަކޮށްދިނީ ބަދަލު ކުޅުންތެރިޔާ މޯގަން ރޮޖާސް އެވެ.

މި މެޗު ކުޅެން ޖެހުނީ ގިނަ އަދަދެއްގެ އާންމު ސަޕޯޓަރުން ނުވައްދާ "ބިހައިންޑް ކްލޯޒްޑް ޑޯސް" އުސޫލުންނެވެ. އެއީ 2025 ވަނަ އަހަރު ފްރާންސާ ދެކޮޅަށް ކްރޮއޭޝިއާ ކުޅުނު މެޗެއްގައި އެ ގައުމުގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އަޅާފައިވާ ފިޔަވަޅެއްގެ ސަބަބުންނެވެ. އެހެންކަމުން ދަނޑަށް ވަނުމުގެ ހުއްދަ ދިނީ އެ ސަރަހައްދުގެ ސްކޫލްތަކުގެ ގާތްގަނޑަކަށް 6،000 ކުދިންނާއި އިންގްލެންޑްގެ 100 ސަޕޯޓަރުންނަށެވެ. މެޗުގެ ކުރިން، ހަފުތާގެ ކުރީކޮޅު އެޑްރިއަޓިކް ކަނޑަށް އެރި އިންގްލެންޑްގެ ކުޅުންތެރިން ހިތްހަމަޖައްސާލުމުން، ޓީމު "ޗުއްޓީ މޯޑަކަށް" ނުދިއުމަށް ކޯޗު ޓުޗެލް އިންޒާރު ދީފައި ވީނަމަވެސް، ކުޅުންތެރިން ވަނީ ދަނޑުމަތީގައި މޮޅު ކުޅުމެއް ދައްކައިފައެވެ.

މިދިޔަ ޖޫން މަހު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އިންގްލެންޑުން ކްރޮއޭޝިއާގެ މައްޗަށް 4-2 އިން ކުރިހޯދި ނަމަވެސް، މި ފަހަރުގެ މެޗު ފެނިގެންދިޔައީ މާ ބޮޑަށް ވެސް އެއްކޮޅަށް ބުރަވެގެން ދިޔަ މެޗެއްގެ ގޮތުގައެވެ. އަންނަ މާޗު މަހު އޮންނަ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދުމަށް ގްރޫޕުގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނުމަށް މަސައްކަތްކުރަމުން އަންނަ އިންގްލެންޑް ދެން ނުކުންނާނީ އަންގާރަ ދުވަހު ވެމްބްލީގައެވެ. އެ މެޗުގައި އެ ޓީމު ބައްދަލުކުރާނީ އެންމެ ފަހުން އަންގާރަ ދުވަހު 2-0 އިން ބަލިކުރި ޗެކް ރިޕަބްލިކާ ދެކޮޅަށެވެ.