ހއ. ހޯރަފުށީ ކައުންސިލުން އިންތިޒާމް ކުރި "ހޯރަފުށީ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް 2026"ގެ ޗެމްޕިއަންކަން، 22 ސްޕޯޓްސް ކްލަބް ހޯދައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމް، 22 ސްޕޯޓްސް ކްލަބަށް އެ ކައުންސިލުން 60،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވެއެވެ.
މީގެއިތުރުން މި މުބާރާތުގެ ރަނަރަޕް މަޤާމު ހޯދި ދަންމަރު ޔުނައިޓެޑަށް އެ ކައުންސިލުން ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.
ހޯރަފުށީ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް 2026ގެ ޗެމްޕިއަން 22 ސްޕޯޓްސް، ފޮޓޯ: ހޯރަފުށީ ކައުންސިލް
13 ސެޕްޓެމްބަރ 2026ގައި ފެށި، މި މުބާރާތުގެ ތިންވަނަ ޓީމަކަށް ހޮވިފައިވަނީ އެފްސީ ފްރިގޭޓަރ އެވެ. އަދި މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ އެފްސީ ފްރިގޭޓަރ ޔަންގްއެވެ.
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (ކިންގް އޮފް ދަ ޓޯނަމެންޓް) ގެ މަޤާމު ހޯދާފައިވަނީ 22 ސްޕޯޓްސް ކްލަބްގެ ޖާޒީ ނަންބަރު 11، ޙަސަން އަޒޫމް ޢަލީ އެވެ. އެންމެ މޮޅު ކޯޗަކަށް 22 ސްޕޯޓްސް ކްލަބްގެ ކޯޗު ޙުސައިން އާމިރު ހޮވުނުއިރު، އެންމެ މޮޅު ކީޕަރަކަށް ހޮވިފައިވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 54، އިސްމާޢީލް ޝިހާމް އެވެ.
ހޯރަފުށީ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް 2026ގެ ރަނަރަޕް ދަންމަރު ޔުނައިޓެޑް، ފޮޓޯ: ހޯރަފުށީ ކައުންސިލް
މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ދަންމަރު ސްޕޯޓްސް ކްލަބްގެ ޖާޒީ ނަންބަރު 22 އިސްލާމް އިބްރާހީމް އަޙްމަދު ހޯދިއިރު، އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހޯރަ 22 ގެ ޖާޒީނަންބަރު 11 އިބްރާހީމް އައިޝަމް ޢަލީއެވެ.
މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނިފައިވާ ކުޅުންތެރިންނަކީ 22 ސްޕޯޓްސް ކްލަބްގެ ޙަސަން އިރުޝާދު، ހުޝާމް ޙަސަން، ޙުސައިން ޝިނާން، އަދި އިބްރާހީމް މަޖީދުއެވެ. މީގެއިތުރުން ދަންމަރު ޔުނައިޓެޑްގެ ޢަލީ ޒިޔާދު މުޙައްމަދު، ޢަލީ އިމްރާން މުޙައްމަދު އަދި މުޙައްމަދު ނާފިޒްހިމެނެއެވެ. އަދި ދަންމަރު ސްޕޯޓްސް ކްލަބްގެ އިބްރާހީމް ވިޝާޙްގެ އިތުރުން ހޯރަ 22 ގެ މައިސަމް އަޙްމަދު ވެސް ޑްރީމް ޓީމުގައި ހިމެނިފައެވެ.
މުބާރާތުގެ ޑްރީމް ޓީމް، ފޮޓޯ: ހޯރަފުށީ ކައުންސިލް
ހޯރަފުށީ ކައުންސިލުން މައުލޫމާތުދިން ގޮތުގައި މި މުބާރާތަކީ ކުޅިވަރުގެ ރޫޙް އާލާކޮށް، އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިކޮށް، ފުޓްބޯޅައިން ހުނަރުވެރި ކުޅުންތެރިން އުފެއްދުމާއި ޒުވާނުންގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުމުގެ މަޤްޞަދުގައި ބޭއްވި މުބާރާތެކެވެ. މީގެއިތުރުން، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް ބޭނުންވާ ކަސްރަތު ލިއްބައިދިނުމަކީ ވެސް މި މުބާރާތުގެ އެއް އަމާޒެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!