އެފްރިކަން ކަޕް އޮފް ނޭޝަންސް (އޭއެފްސީއޯއެން) ގެ ކޮއަލިފައިންގްގައި ސައުތު ސޫދާނާ ދެކޮޅަށް މިސްރުން ކުޅޭ މެޗުގައި ކެޕްޓަން މުހައްމަދު ސަލާހު ނުކުޅޭނެ ކަމަށާއި، އޭނާއަށް ރެސްޓު ދޭން ނިންމާފައިވާ ކަމަށް މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަން (އީއެފްއޭ) އިން ހޮނިހިރު ދުވަހު ބުނެފިއެވެ.

މިސްރުން މިގޮތަށް ނިންމީ އެ މެޗު ކުޅޭ ދަނޑުގައި އާޓިފިޝަލް ޓާފު އަޅާފައިވުމުން ކުޅުންތެރިންނަށް އަނިޔާވުމުގެ ފުރުސަތު ބޮޑުވުމާ ގުޅިގެންނެވެ.

Ad
rt

އީއެފްއޭ އިން ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނީ، ކޯޗު ހުސާމް ހަސަންގެ އިރުޝާދުގެ ދަށުން މަސައްކަތްކުރާ ގައުމީ ޓީމުގެ ޓެކްނިކަލް ސްޓާފުން، ސެޕްޓެމްބަރު 29 ވަނަ ދުވަހު ސައުތު ސޫދާނާ ދެކޮޅަށް ކުޅޭ މެޗަށް ސަލާހަށް ރެސްޓު ދޭން ނިންމީ ދަނޑުގެ ފެންވަރުގެ ސަބަބުން ކަމަށެވެ. އަދި އަންގޯލާ މެޗުގެ ކުރިން ވެސް، ސައުތު ސޫދާން މެޗުގައި ސަލާހު ނުކުޅޭނެ ކަމަށް ޓެކްނިކަލް ސްޓާފުންނާއި އޭނާއާ ދެމެދު އެއްބަސްވެވިފައިވާ ކަމަށާއި، މި ގޮތަށް ނިންމީ ކުޅުންތެރިޔާ ރައްކާތެރިކުރުމުގެ މުހިންމު ބޭނުމުގައި ކަމަށް އީއެފްއޭ އިން ބުނެފައިވެއެވެ.

އަންގާރަ ދުވަހު ސައުތު ސޫދާނާއި މިސްރު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫބާ ސްޓޭޑިއަމްގައެވެ. އެ ސްޓޭޑިއަމްގައި އަޅާފައިވަނީ އާޓިފިޝަލް ޓާފެކެވެ. ގުދުރަތީ ވިނަޔަށް ވުރެ އާޓިފިޝަލް ޓާފުގައި ކުޅުމަކީ ކުޅުންތެރިންނަށް އަނިޔާވުމުގެ ނުރައްކާ މާ ބޮޑަށް އޮންނަ ކަމެކެވެ.

އޭއެފްސީއޯއެން ކޮއަލިފައިންގްގެ ފުރަތަމަ މެޗުގައި ކައިރޯ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ހުކުރު ދުވަހު އަންގޯލާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ދެ ފަހަރަށް އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އަދި ވޭތުވެދިޔަ މަހު ލިވަޕޫލް ދޫކޮށް ތުރުކީގެ ޓްރެބްޒޮންސްޕޯއަށް ބަދަލުވި ސަލާހު ވަނީ އަންގޯލާ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. ނަމަވެސް، ދެވަނަ ހާފުގެ މެދުތެރެއިން ކޯޗު ހުސާމް ހަސަން ވަނީ އޭނާ ބަދަލުކޮށްފައެވެ.

މިސްރުގެ ގައުމީ ޓީމަށް ސަލާހު މިހާތަނަށް 68 ގޯލު ޖަހައިދީފައިވާއިރު، އޭނާ ހުރީ އެ ގައުމުގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު އޮތް މިހާރުގެ ކޯޗު ހުސާމް ހަސަންގެ ރެކޯޑާ އެންމެ ގޯލެއް ފަހަތުގައެވެ. ހަސަން ވަނީ މިސްރު ގައުމީ ޓީމަށް 69 ގޯލު ޖަހައިދީފައެވެ.

އޭއެފްސީއޯއެން 2027 ގެ ކޮއަލިފައިންގް ގްރޫޕް ބީގައި މިސްރުގެ އިތުރުން ހިމެނެނީ އަންގޯލާ، ސައުތު ސޫދާން އަދި މަލާވީއެވެ. 24 ޓީމު ވާދަކުރާ 2027 ވަނަ އަހަރުގެ އޭއެފްސީއޯއެން މުބާރާތް ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވަނީ ކެންޔާ، އުގެންޑާ އަދި တަންޒާނިއާގައެވެ. ރެކޯޑު އަދަދަކަށް ހަތް ފަހަރު އެފްރިކާގެ މުބާރާތް ކާމިޔާބުކޮށްފައިވާ މިސްރަކީ އެ މުބާރާތުގެ އެންމެ ކާމިޔާބު ގައުމު ކަމުގައިވީ ނަމަވެސް، 2010 ވަނަ އަހަރުގެ ފަހުން އެ ގައުމަށް އެ މުބާރާތުގެ ތަށި ނެގިފައެއް ނުވެއެވެ.