އިނގިރޭސި ޕްރިމިއާ ލީގުގެ މާލީ ގަވާއިދުތަކާ ޚިލާފުވި 114 މައްސަލައެއްގައި މެންޗެސްޓާ ސިޓީ ކުށްވެރިވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށް، އެ ކްލަބުގެ ކުށެއް ނެތްކަން ސާބިތުކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް މެންޗެސްޓާ ސިޓީގެ ޗެއާމަން ޚަލްދޫން އަލް މުބާރަކް ވިދާޅުވެއްޖެއެވެ.
ސިޓީގެ ސަޕޯޓަރުންނަށް ފޮނުއްވި އާމު ސިޓީއެއްގައި މުބާރަކް ވަނީ މައްސަލައިގެ ގާނޫނީ މަރުހަލާތައް އަދި ނުނިމޭކަން ފާހަގަކުރައްވައި، ކްލަބުގެ ކުށެއް ނެތްކަން ސާބިތުކޮށްދިނުމަށް ކުރާ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވެފައެވެ.
ހޮނިހިރު ދުވަހު އާންމުކުރެއްވި ސިޓީގައި އަލް މުބާރަކް ވިދާޅުވީ، ހުކުރު ދުވަހު މީޑިއާތަކުގައި އާންމުވި ރިޕޯޓުތަކާ ގުޅިގެން ގިނަ ސަޕޯޓަރުންތަކެއް އާއިލާއާއި ރައްޓެހިންނާއި ކޮލީގުންގެ ސުވާލުތަކަށް ޖަވާބުދޭން ޖެހުނު ފަދައިން، އޭނާއަށްވެސް އެކަމާ ކުރިމަތިލައްވަން ޖެހުނު ކަމަށެވެ. އަދި ޕްރިމިއާ ލީގުގެ މަރުހަލާގައި އަދިވެސް ކުރިއަށް ބޮޑު ރާސްތާއެއް އޮތް ކަމަށާއި، މައްސަލަ ފެށުނުއިރު ސިޓީގެ ކުށެއް ނެތްކަން ސާބިތުކޮށްދިނުމަށް އޮތް ޔަގީންކަމާއި އަޒުމަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށް އާއިލާއަށްވެސް ވިދާޅުވި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ގާނޫނީ މަރުހަލާގެ ސިއްރު ހިފެހެއްޓުމުގެ ގަވާއިދުތަކުގެ ސަބަބުން މި މައްސަލައާ ގުޅޭގޮތުން ވާހަކަދެއްކެވުމުގައި ހުރަސްތަކެއް ހުރިކަން ފާހަގަކުރައްވަމުން، އަލް މުބާރަކް ވިދާޅުވީ ސަޕޯޓަރުންނަށް ފޮނުއްވި ސިޓީއަކީވެސް ގާނޫނީ ގޮތުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު އާންމުކުރި ސިޓީއެއް ކަމަށެވެ. އަދި ހުކުރު ދުވަހާއި 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކްލަބުން ނެރުނު ބަޔާންތަކަށް ސަމާލުކަން ދިނުމަށް އެދިވަޑައިގަންނަވަމުން، އެ ބަޔާންތަކުގައިވާ ކޮންމެ ބަހަކީވެސް ތެދު ކަމަށް އޭނާ ވިދާޅުވިއެވެ.
ސިޓީން 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޕްރިމިއާ ލީގަށް ގިނަ އަދަދެއްގެ މައުލޫމާތާއި ސާބިތު ހެކި ފޯރުކޮށްދީފައިވަނިކޮށް، ކްލަބާ ދެކޮޅަށް އެފަދަ ތުހުމަތުތަކެއް ކުރުމުން ހައިރާންކަން ލިބުނު ކަމަށެވެ. އަދި މި މައްސަލަ މިނިވަން ކޮމިޝަނަކުން ބަލައި، ކްލަބުގެ ދިފާއުގައި ހުރި އިންކާރު ނުކުރެވޭނެ ހެކިތަކަށް އިންސާފުވެރިކަމާއެކު ރިއާޔަތްކުރުމަށް ކްލަބުން މަރުހަބާ ކިޔާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ހުކުރު ދުވަހުވެސް ސިޓީން ވަނީ އެ ބަޔާން ތަކުރާރުކޮށްފައެވެ.
ސަޕޯޓަރުންގެ ކެތްތެރިކަމަށް އެދިވަޑައިގަންނަވަމުން އަލް މުބާރަކް ވިދާޅުވީ، ބައެއް ފަރާތްތަކުން އަވަސްވެގަނެގެން އަމިއްލައަށް ގޮތްތައް ނިންމައި އެކި ވާހަކަތައް ދެއްކި ނަމަވެސް، އެއްވެސް ކަމެއް ބަދަލުނުވާ ކަމަށެވެ.
"އަޅުގަނޑުމެން ވަނީ އެކުގައި ކުރިންވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައި ކާމިޔާބީ ހޯދާފައި،" އޭނާ ވިދާޅުވިއެވެ. އަދި ކްލަބުގެ ކުރިއެރުމަށް ހުރަސްއަޅަން ބޭނުންވާ ގިނަ ބަޔަކު އަދިވެސް ތިބި ކަމަށާއި، ނަމަވެސް އެ ފަރާތްތަކަށް އެ ފުރުސަތު ނުދެއްވާނެ ކަމަށްވެސް އަލް މުބާރަކް ވިދާޅުވިއެވެ.
އިނގިރޭސި ފުޓްބޯޅައިގައި ގިނަ ދުވަސްތަކެއް ވަންދެން ދެމިގެންގޮސްފައިވާ މި މައްސަލައިގައި ސިޓީން އެއްވެސް ގަވާއިދަކާ ޚިލާފުވިކަމަށް އަބަދުވެސް އިންކާރު ކުރެއެވެ. އަދި މިނިވަން ޕެނަލްގެ ނިންމުން ސިޓީން އިސްތިއުނާފު ކުރާނެ ކަމަށް ބެލެވެއެވެ. މި މައްސަލައާ ގުޅޭގޮތުން ޕްރިމިއާ ލީގުގެ ތަރުޖަމާނަކު ބުނީ، މިއީ ސިއްރު މަރުހަލާއެއް ކަމަށްވާތީ އެއްވެސް ކޮމެންޓެއް ކުރަން ބޭނުންނުވާ ކަމަށެވެ. މިއީ ކުޅިވަރުގެ ތާރީޚުގައިވެސް ނެރެވޭނެ އެންމެ ފާހަގަކޮށްލެވޭ އެއް ނިންމުމަށް ވެގެންދާއިރު، މީގެ ސަބަބުން މާލީ ގަވާއިދުތަކާއި، ވާދަވެރިކަމުގެ ނަޒާހާތްތެރިކަމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!