އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މެންބަރުންނަށް ލިބިދީފައިވާ ވީޓޯ ކުރުމުގެ ބާރު އުވާލުމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ގޮވާލައްވައިފިއެވެ.
އދ. ގެ އާންމު މަޖިލީހުގައި ބުދަ ދުވަހު ތަގުރީރު ކުރައްވަމުން ސަންޗޭޒް ވިދާޅުވީ، ދުނިޔޭގެ އެކި ސަރަހައްދުތަކަށް އިންސާފުވެރި ތަމްސީލުވުމެއް ކަށަވަރުކުރުމަށްޓަކައި ސެކިއުރިޓީ ކައުންސިލް އިސްލާހުކުރަން ޖެހޭ ކަމަށެވެ. އަދި އެ ކައުންސިލްގެ ދާއިމީ މެންބަރުންގެ އަތުގައި އޮންނަ ވީޓޯ ކުރުމުގެ ހައްގު އުވާލަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އދ. ގެ މަންޝޫރުގައި ބަޔާންކޮށްފައިވާ ގޮތުން، ކިތަންމެ ބާރުގަދަ ގައުމެއް ކަމުގައި ވީނަމަވެސް، އެ ގައުމެއްގެ އަމިއްލަ މައްސަލައެއްގައި ފަނޑިޔާރަކަށް ނުވެވޭނެ ކަމަށް ސަންޗޭޒް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ބައިނަލްއަގުވާމީ ނިޒާމު ބިނާވެފައިވާ އަސާސްތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ވެސް އިތުރުވަމުންދާ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.
ސަންޗޭޒް ވިދާޅުވި ގޮތުގައި، ދުނިޔެ އަނދިރި މާޒީއަކަށް އަނބުރާ ގެންދިއުމަށް މަސައްކަތްކުރާ ސިޔާސީ ފަރާތްތަކާއި ސަރުކާރުތަކުން ދަނީ ސުލްހައާއި، ދެމެހެއްޓެނިވިކަމާއި، އަދި ހަމަހަމަ ފުރުސަތުތަކަށް ހަމަލާދެމުންނެވެ.
"އެއީ ކޮން ބައެއްކަމާއި އެމީހުން އަމަލުކުރާ ގޮތް އަހަރެމެން އެންމެންނަށްވެސް އެނގެއެވެ. އެހެންކަމުން އެފަރާތްތަކަކީ ކޮބައިކަން ވަކިން ފާހަގަކުރާކަށް ނުޖެހޭނެއެވެ،" އޭނާ ވިދާޅުވިއެވެ.
މުޅި ދުނިޔޭގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ދެކޮޅަށް ސްޕެއިންއިން ދެމުންދާ ރައްދުތަކާ މެދު ވާހަކަދައްކަވަމުން ސަންޗޭޒް ވިދާޅުވީ، އދ. ގެ މަންޝޫރާ ހިލާފަށް ހިންގާ އަމަލުތަކާ ދެކޮޅަށް މެޑްރިޑުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްފައިވާނެ ކަމަށެވެ.
މިގޮތުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން އިސްރާއީލުގެ ސަރުކާރަށް ހަތިޔާރު ވިއްކުން މަނާކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ސަންޗޭޒް ފާހަގަކުރެއްވިއެވެ. އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާގައި އަދިވެސް ހިންގަމުންދާ ގަތުލުއާންމު، ސްޕެއިންއިން އެއްވެސް އޮޅުމެއް ނެތް ގޮތެއްގައި ކުށްވެރިކުރާ ކަން އޭނާ ވަނީ ތަކުރާރުކުރައްވާފައެވެ.
ދުނިޔޭގެ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް މެނޭޖްކުރުމަށް އެންމެ ރަނގަޅު ގޮތަކީ ގުޅިގެން މަސައްކަތްކުރުން ކަމަށް ސަންޗޭޒް ވަކާލާތު ކުރެއްވިއެވެ. އަދި އދ. އަށް އޮތް އިތުބާރު އާކޮށް، އެ ތަން ވަރުގަދަކުރުމަށްޓަކައި މަސައްކަތްތަކެއް ކުރުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!