ހދ. މަކުނުދޫ ސްކޫލްގެ ދަރިވަރުން ދިރިއުޅުމުގެ ޢަމަލީ މައިދާނުގެ ކަންކަން އުނގެނި ދަސްކޮށްދިނުމަށް ފަންނީ ހުނަރު ދަސްކޮށްދިނުމުގެ މުޙިއްމު ޕްރޮގްރާމްތަކެއް ފަށައިގެން ކުރިއަށް އެބަދެއެވެ.
މިއީ އެ ސްކޫލްގެ "ލައިފް އެންޑް ސޯޝަލް ސްކިލްސް ޕްރޮގްރާމް"ގެ ދަށުން އެ ސްކޫލްގެ ގްރޭޑް 7 ން 9 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ ޚާއްޞަ ޕްރޮގްރާމްތަކެކެވެ.
މި ޕްރޮގްރާމްގެ މެންޓަރ އަދި މަކުނުދޫ ސްކޫލްގެ ލީޑިންޓީޗަރ ނަޒްލާ ޢަބްދުލް ޢަލީމް "ތިލަދުން"އަށް ވިދާޅުވި ގޮތުގައި، އެ ސްކޫލްގެ ޝިޔާރަކީ "ދިރިއުޅެން ދަސްކުރާށެވެ."ކަމަށްވާތީ، ޕްރޮގްރާމްތަކުގެ މައިގަނޑު މަޤްޞަދަކީ ދެ ޖިންސުގެ ދަރިވަރުންނަށް ވެސް ދިރިއުޅުމުގެ ޢަމަލީ މައިދާނަށް ބޭނުންވާ، މުޙިންމު، އަތްމަތީ ހުނަރުތަކެއް އުނގަންނައިދިނުންކަމަށެވެ.
ފިރިހެން ދަރިވަރުންނަށް، ޚާއްޞަކޮށްގެން ކުރިއަށް ގެންދާ "ޖޫނިއާރ އިލެކްޓްރީޝަން" ޕްރޮގްރާމާއި އަންހެން ދަރިވަރުންނަށް ޢަމާޒުކޮށްފައިވާ "ޖޫނިއަރ ބޭކިންގ" ޕްރޮގްރާމަކީ އެއް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދެވޭ ތަމްރީނުތަކެކެވެ.
މަކުނުދޫ ސްކޫލްގެ އަންހެން ދަރިވަރުންނަށް ޢަމާޒުކޮށްފައިވާ "ޖޫނިއަރ ބޭކިންގ" ޕްރޮގްރާމްގެ ތެރެއިން، ފޮޓޯ: މަކުނުދޫ ސްކޫލް
ނަޒްލާ މަޢުލޫމާތު ދެއްވި ގޮތުގައި މި ތަމްރީނުތައް ކުރިޔަށް ގެންދިޔުމުގައި، މަކުނުދޫގެ ހަތަރުވަނަ ދައުރުގެ ކައުންސިލާއި، ސްކޫލާއި، ބެލެނިވެރިންގެ މާލީ އެހީތެރިކަން ލިބިފައިވެއެވެ.
ކުރިއަށް އޮތްތާ ވެސް، މި ފަދަ ޕްރޮގްރާމްތައް ހިންގުމަށް، މާލީއެހީތެރިކަން މިފަރާތްތަކުން ދެއްވުމަކީ އެ ސްކޫލްގެ އެދުމެކެވެ.
އޭގެއިތުރުން އެ ސްކޫލުން މަޢުލޫމާތުދޭ ގޮތުގައި "ޖޫނިއަރ އިލެކްޓްރީޝަން" ޕްރޮގްރާމްގައި، ޢަމަލީ އަދި ތިއަރީ ކްލާސްތައް ނަންގަވައިދެއްވަނީ މަކުނުދޫ ފެނަކަ ބްރާންޗްގެ މުވައްޒަފުންނެވެ. އަދި "ޖޫނިއަރ ބޭކާސް" ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ ލީޑިން ޓީޗަރ ނަޒްލާ މިސްއެވެ.
"މި ޕްރޮގްރާމްތަކާމެދު، ދަރިވަރުން ވަރަށް ބޮޑަށް ޝައުޤުވެރިވޭ. އަމިއްލަ ފައިމައްޗަށް ތެދުވެ ދިރިއުޅުމުގެ މައިދާނަށް ނިކުންނައިރު މި ފަދަ ހުނަރެއް ދަސްވެފައި ހުރުމަކީ ވަރަށް މުޙިއްމުކަމެއް." ނަޒްލާ ވިދާޅުވިއެވެ.
މަކުނުދޫ ސްކޫލްގެ ފިރިހެން ދަރިވަރުންނަށް ޢަމާޒުކޮށްފައިވާ "ޖޫނިއަރ އިލެކްޓްރީޝަން" ޕްރޮގްރާމްގެ ތެރެއިން، ފޮޓޯ: މަކުނުދޫ ސްކޫލް
މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި މާލީއެހީތެރިކަން ދެއްވި ހަތަރުވަނަ ދައުރުގެ ކައުންސިލަށް ސްކޫލުންވަނީ ޝުކުރު ދަންނަވާފައެވެ. މީގެއިތުރުން، މި ޕްރޮގްރާމް ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށް މަކުނުދޫ ފެނަކަ ބްރާންޗްގެ މުވައްޒަފުންނަށާއި، ލީޑިންޓީޗަރ ނަޒްލާމިސް އަދި ބޭކިން ޕްރޮގްރާމަށް، ސްކޫލްގެ ޕްރައިމަރީ ޓީޗަރ އާއިޝަތު ފާލިހާ ދެއްވާ އެހީތެރިކަން އެ ސްކޫލުން ޝުކުރުވެރިކަމާއެކު ފާހަގަކޮއްފައިވެއެވެ.
މީގެއިތުރުން، އިލެކްޓްރީޝަން ޕްރޮގްރާމަށް ސްކޫލްގެ އެޑްމިނިސްޓްރޭޓަރ މުޙައްމަދު ވަޙީދުގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި، ކްލަބްގެ މުދައްރިސުންނާއި ސްކޫލްގެ ބެލެނިވެރިން މިކަމަށް ދެއްވާ އެއްބާރުލެއްވުން ފާހަގަކޮށް، ސްކޫލުން ވަނީ ޝުކުރުދަންނަވާފައެވެ.
ކުރިއަށް ހުރި އަހަރުތަކުގައިވެސް މި ފަދަ ޕްރޮގްރާމްތައް ހިންގުމަކީ އެ ސްކޫލްގެ އަމާޒެއްކަމުގައި ސްކޫލުން މަޢުލޫމާތުދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!