ރާއްޖޭގެ ސިއްހީ ދާއިރާއަށް މި އަހަރު އިތުރަށް 2،000 އެއްހާ މުވައްޒަފުން ނެގުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ވަކިވަކިން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި، ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމްގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރަކު ހިއްސާކުރި ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

Ad
rt

"ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ހުޅުމާލެ ހޮސްޕިޓަލުގެ ޑޮކްޓަރު ވަނީ އެ ހޮސްޕިޓަލުގައި ހުރި ދަތިތަކުގެ ތަފުސީލު ރައީސަށް އަރުވާފައެވެ. އެގޮތުން ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނަ މިންވަރާ އެއްވަރަށް ހޮސްޕިޓަލުގައި މުވައްޒަފުން ނެތުމުގެ ދަތިކަން ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އިތުރަށް ކިޔެވުމުގެ ފުރުސަތުތަކަށް އެދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގިނަ އަދަދެއްގެ މެޑިކަލް އޮފިސަރުން ވަޒީފާއިން ވަކިވުމުން ހިދުމަތް ދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި، އިތުރު މުވައްޒަފުން ނެގުމަށް އޭރު ވެސް އެދިވަޑައިގެންފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ވާހަކަތަކާ ގުޅިގެން ރައީސް ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެހެން ދާއިރާތަކަށް މުވައްޒަފުން އިތުރު ނުކުރި ނަމަވެސް، ސިއްހީ ދާއިރާގެ މުހިންމުކަމުން އެ ދާއިރާއަށް އެކަނި މުވައްޒަފުން އިތުރަށް ނެގުމަށް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން މުޅި ރާއްޖޭގެ ސިއްހީ ދާއިރާއަށް އިތުރަށް 2،000 އެއްހާ މުވައްޒަފުން ނަގާނެ ކަމަށާއި، އިތުރު މުވައްޒަފުން ނެގުމުގެ މަސައްކަތް މިހާރު ވެސް ހިނގަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ހުޅުމާލޭގެ ސިއްހީ ހިދުމަތްތައް ލުއިފަސޭހަކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު ރައީސް ހިއްސާކުރެއްވިއެވެ. އެގޮތުން އާންމު ބަލިތަކާއި ކުދިކުދި ފަރުވާތައް ދިނުމަށްޓަކައި ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި އިތުރު ދެ ޖީޕީ ކްލިނިކް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، ހުޅުމާލޭގައި އަލަށް ގާއިމުކުރާ ދެ ޖީޕީ ކްލިނިކްގެ މަސައްކަތް ނިމި ހިދުމަތް ދޭން ފެށުމުން، ހުޅުމާލެއަށް އިތުރު މުވައްޒަފުން ހަމަޖެހިގެންދާނެއެވެ. މިއީ ސިއްހީ ހިދުމަތް ހޯދާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައްޔިތުންގެ އަޑު" ޕްރޮގްރާމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް، އާންމުންގެ ޝަކުވާތަކާއި ކަންބޮޑުވުން އަދި ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ރައީސް އޮފީހުން ދުރާލާ އިއުލާންކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެ ފުރުސަތަށް އެދި ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ހޮވޭ ފަރާތްތަކަށް ރައީސާއެކު އެ ވާހަކަތައް ދެއްކުމަށް 10 މިނެޓުގެ ވަގުތެއް ލިބެއެވެ. ރޭ ކުރިއަށްދިޔައީ މި ޕްރޮގްރާމުގެ ތިންވަނަ އެޕިސޯޑެވެ.

ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ސިލްސިލާގެ ދަށުން ރައީސްއާ ބައްދަލުކުރެއްވުމަށް އެދި ހުށަހެޅެނީ، ރައީސް އޮފީހުން އިޢުލާންކުރައްވާ މުއްދަތުތަކުގައި، އެކަމަށް ޚާއްޞަކުރެވިފައިވާ ޕޯޓަލް މެދުވެރިކޮށެވެ.

ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަޤުޞަދުގައި މިފަދަ ޕްރޮގްރާމެއް ފަށްޓަވާނެކަން ރައީސް މުޢިއްޒު އިޢުލާންކުރެއްވީ މިއަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ.