ހދ. ކުޅުދުއްފުށީ ޕޯޓުގައި މުދާ ކްލިއާ ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ދޯންޏަކަށް ކޮންޓެއިނަރެއް ވެއްޓި ނުރައްކާތެރި ހާދިސާއެއް ހިނގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ކުޅުދުއްފުށީ ޕޯޓުގައި ކެރޭނެއް ބޭނުންކޮށްގެން ދޯންޏަކަށް ކޮންޓެއިނަރެއް ބަރުކުރުމުގެ ތެރޭގައި ކެރޭނުގެ ވައު ކަނޑައިގެން ދިއުމުގެ ސަބަބުންނެވެ. ނަމަވެސް އެމްޕީއެލް އިން ބުނެފައިވަނީ މިއީ ބާޖް ހޭންޑްލަރެއް ބޭނުންކޮށްގެން ދޯންޏަކުން ކޮންޓެއިނަރެއް ބާލަން އުޅުމުގެ ތެރޭގައި ހިނގި އެކްސިޑެންޓެއް ކަމަށެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުންނާއި އެމްޕީއެލް އިން ދަނީ ތަހުގީގު ކުރަމުންނެވެ.

Ad
rt

މިއަދު ހެނދުނު 10:24 އެހައިކަންހާއިރު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، މި ހާދިސާ ހިނގި ވަގުތު ދޯނީގައި ހުރި ބިދޭސީއަކު، ކޮންޓެއިނަރު ވެއްޓުނު ބާރުމިނުގައި ވިއްސައިގެން ގޮސް މޫދަށް ވެއްޓުނު ކަމަށް މައުލޫމާތު ލިބެ އެވެ. ދޯނީގެ ކެޕްޓަން ބުނި ގޮތުގައި، ކޮންޓެއިނަރު ވެއްޓުނީ ގާތްގަނޑަކަށް 22 ފޫޓު މަތިންނެވެ.

"ފުރަތަމަ 40 ފޫޓުގެ ކޮންޓެއިނަރެއް ނެގުމަށްފަހު، 20 ފޫޓުގެ ކޮންޓެއިނަރު ނަގަން އުޅުމުގެ ތެރޭގައި މިކަމެއް ހިނގީ ކެރޭނުގެ ހޫކުން ނެއްޓިގެން ކަމަށް ބެލެވޭ، ކެރޭނު އޮޕަރޭޓަރަށް މިސްޓޭކެއް ހެދުނީ ކަމަށް ގަބޫލުކުރެވެނީ،" ކެޕްޓަން ބުންޏެވެ.

ގެއްލުން ލިބުނު ދޯންޏަކީ ނޮޅިވަރަންފަރަށް ނިސްބަތްވާ 90 ފޫޓުގެ މުދާ އުފުލާ އޮޑިއެކެވެ. މިއީ އެ ދޯނީގެ ފުރަތަމަ ދަތުރުކަން ފާހަގަކުރަމުން ކެޕްޓަން ބުނީ، މި ހާދިސާގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ލިބިފައިވާ ބައެއް ގެއްލުންތަކުގެ ފޮޓޯ އާއި ވީޑިއޯވެސް މިނޫހާއި ވަނީ ހިއްސާކޮށްފައެވެ. މި ހާދިސާގައި ލިބުނު ގެއްލުމުގެ އަގު މިލިއަނަކަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

ފުލުހުން މި ހާދިސާ ހިނގި ސަރަހައްދަށް ގޮސް ބަލަންޖެހޭ ކަންކަން ބަލާފައިވީ ނަމަވެސް، ފަހުން އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.