ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި 36 އަހަރުގެ މެދުކެނޑުމަކަށްފަހު އޮސްޓްރިއާއިން ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފިއެވެ. އަންގާރަ ދުވަހު ކުޅުނު ގްރޫޕް ޖޭގެ މެޗުގައި އޮސްޓްރިއާއިން އުރުދުންގެ މައްޗަށް ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. މިއީ އުރުދުން ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ރޮމާނޯ ޝްމިޑް ވަނީ އޮސްޓްރިއާއަށް ލީޑު ނަގައިދީފައެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވަނީސް، 50 ވަނަ މިނެޓުގައި އުރުދުންގެ އަލީ އޮލްވާން ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. އޮސްޓްރިއާއަށް އަލުން ލީޑު ލިބުނީ 76 ވަނަ މިނެޓުގައި އުރުދުންގެ ޑިފެންޑަރު ޔަޒަން އަލް އަރަބް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ތަޖުރިބާކާރު ފޯވާޑް މާކޯ އަރްނައުޓޮވިޗް ވަނީ އޮސްޓްރިއާގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.

Ad
rt

މެޗަށްފަހު ވާހަކަދައްކަމުން އޮސްޓްރިއާގެ ކޯޗު ރާލްފް ރަންގްނިކް ބުނީ، "މިއީ ވަރަށް ފޯރިގަދަ އިދިކޮޅު ޓީމަކާ ދެކޮޅަށް ކުޅުނު މެޗެއް. އުރުދުންއިން ވަރަށް މޮޅަށް ކުޅެ އަހަރެމެންނަށް އުނދަގޫތަކެއް ކުރިމަތިކުރުވި. އެންމެ ފަހުން އަހަރެމެންނަށް މޮޅު ހައްގުވި ނަމަވެސް މިއީ ވަރަށް އުނދަގޫ މޮޅެއް،" ކަމަށެވެ.

އުރުދުންގެ ކޯޗު ޖަމާލް ސައްލާމީ ބުނީ، އެޓީމުން ދައްކާލި ހިތްވަރުގަދަ ކުޅުމަކީ އެމީހުން ދޭން ބޭނުންވި މެސެޖު ކަމަށެވެ. "އަހަރެމެން މިހާ ހިތްވަރާއެކު، ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައިގެން ކުޅޭނެ ކަމަށް އެއްވެސް ބަޔަކު އުންމީދެއް ނުކުރޭ،" ސައްލާމީ ފާހަގަކުރިއެވެ.

މިއީ 1990 ވަނަ އަހަރު އެމެރިކާ ބަލިކުރި ފަހުން ވޯލްޑް ކަޕްގައި އޮސްޓްރިއާއިން ހޯދި ފުރަތަމަ މޮޅެވެ. މި މެޗުގައި އޮސްޓްރިއާގެ ސްޓެފަން ޕޮޝްގެ ދަތްދޮޅިއަށް އަނިޔާވެފައިވާއިރު، ކުރިއަށް އޮތް މެޗުތަކުގައި އޭނާއަށް ކުޅެވޭނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ގްރޫޕް ޖޭގެ ދެވަނަ މެޗުގައި އަންނަ ހޯމަ ދުވަހު އުރުދުން ނުކުންނާނީ އަލްޖީރިއާއާ ދެކޮޅަށެވެ. ހަމަ އެ ދުވަހު އޮސްޓްރިއާ ނުކުންނާނީ ލިއޮނަލް މެސީގެ އާޖެންޓީނާއާ ދެކޮޅަށެވެ.