މަޝްވަރާތައް ހުއްޓިފައިވާތީ އީރާނުން އޭގެ "އަގު އަދާކުރަންޖެހޭނެ" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވުމަށްފަހު، ބުރާސްފަތި ދުވަހުގެ ހެނދުނާ ހަމައަށް އެމެރިކާއިން އީރާނަށް ދެވަނަ ބުރުގެ ވައިގެ ހަމަލާތަކެއް ދީފިއެވެ.
އީރާނުގެ އެކި ސިޓީތަކަށް އަމާޒުކޮށް މި އާ ހަމަލާތައް ދީފައިވަނީ ހަނގުރާމަ ހުއްޓާލުމަށް ކުރާ މަސައްކަތްތައް އަނެއްކާވެސް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ. އީރާނުން ބުނަމުންދަނީ ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ބުރޫއަރައި ތެލުގެ އަގު އުފުލެން މެދުވެރިވި ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާނެ ކަމަށެވެ.
މި ހަމަލާތަކުގެ ބަދަލުހިފާނެ ކަމަށް އީރާނުން އިންޒާރު ދީފައިވާއިރު، އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސްވަނަ ފްލީޓްގެ މައި މަރުކަޒު ހުންނަ ބަހްރޭންގައި ބުރާސްފަތި ދުވަހުގެ ހެނދުނު މިސައިލް ސައިރަންގެ އަޑު ވަނީ އިވިފައެވެ. ނަމަވެސް، ބުދަ ދުވަހު އެމެރިކާއިން ދިން ފުރަތަމަ ބުރުގެ ހަމަލާތަކަށްފަހު އީރާނުން ބަހްރޭން، ކުވެއިތު އަދި އުރުދުންއަށް މިސައިލް ފޮނުވާލި ފޮނުވާލުމާ އަޅާބަލާއިރު، މިފަހަރުގެ ރައްދު ކޮންމެވެސް ވަރަކަށް މަޑުޖެހިފައިވާ ކަމަށް ފެނެއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި އީރާނަށް އިރުއަރަން ކުޑަތަންވެފައި ވަނިކޮށް އެންމެ ފަހުގެ ވައިގެ ހަމަލާތައް ވަނީ "ނިންމާލާފައެވެ". މި ހަމަލާތަކަކީ "އީރާނުން ކުރިއަށްގެންދާ އުދުވާނަށް ރައްދު ދިނުމުގެ ގޮތުން" ދިން ހަމަލާތަކެއް ކަމަށާއި، އަމާޒުކުރީ "އީރާނުގެ އަސްކަރީ ޖާސޫސީ ވަސީލަތްތަކަށާއި، މުއާސަލާތީ ނިޒާމުތަކަށާއި ވައިގެ ދިފާއީ މަރުކަޒުތަކަށް" ކަމަށް އަސްކަރިއްޔާއިން ބުނެއެވެ. އެމެރިކާގެ އެއާފޯސް، މެރިންސް އަދި ނޭވީ ގުޅިގެން ދިން މި ހަމަލާތަކުގައި ލިބުނު ގެއްލުމުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.
މި ހަމަލާތަކުގެ ގޮވާލުންތަކުގެ އަޑު އީރާނުގެ ވެރިރަށް ތެހެރާނުގެ އިތުރުން، ބަނދަރުމަތީ ސިޓީއެއް ކަމަށްވާ ބަންދަރު އައްބާސް އާއި ކަނޑުއޮޅި ކައިރީގައިވާ ދެކުނުގެ އެހެން ސަރަހައްދުތަކުން ވެސް ވަނީ އިވިފައެވެ.
މިއީ ދެ މަސް ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ގޮންޖަހައި، މި ހަފްތާ ތެރޭގައި ދެފަރާތުން ބަދަލުކުރި ތިންވަނަ ހަމަލާއެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާ ސިފައިން ތިބޭ ބަހްރޭން، ކުވެއިތު އަދި އުރުދުންއަށް އީރާނުން އެއް ދުވަސް ވަންދެން ހަމަލާދިނުމަށް ފަހުގައެވެ.
ހަނގުރާމަ ނިންމުމަށް އެއްބަސްވުމެއްގައި ސޮއިކުރުމަށް ޓްރަމްޕް ވަނީ އީރާނަށް ބާރުއަޅުއްވާފައެވެ. އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް މި ހަފްތާގެ ކުރީކޮޅު އޭނާ ވިދާޅުވިއެވެ.
އީރާނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ވިދާޅުވީ، އެއްބަސްވުމެއް ބޭނުންވާނަމަ ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރު ދިނުމުން އެމެރިކާ ދުރުވާންޖެހޭނެ ކަމަށެވެ.
"އީރާނުން ދުވަހަކުވެސް އިންޒާރާއި ފިއްތުންތަކުގެ ދަށުން މަޝްވަރާއެއް ނުކުރާނެ، އަދި އެފަދަ ފިއްތުންތަކަށް ބޯނުލަނބާނެ،" ސަފީރު އާމިރު ސައީދު އިރަވާނީ ބުދަ ދުވަހު އދ. ގެ ސަލާމަތީ މަޖިލީހުގައި ވިދާޅުވިއެވެ.
އެހެންނަމަވެސް، ދެ ގައުމުން ވެސް މަސައްކަތް ކުރަމުންދަނީ މި ހަނގުރާމަ ނިންމާލެވޭނެ ގޮތެއް ހޯދުމަށެވެ. އެއީ އެ ގައުމެއްގެ ރައްޔިތުންނަށް އެއީ ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ދެއްކޭނެ ގޮތަކަށެވެ.
ތަކުރާރުކޮށް ބޮން އެޅި ނަމަވެސް އީރާނުން ދަނީ ސާބިތުކަން ދައްކަމުންނެވެ. އީރާނުން ގަބޫލުކުރާ ގޮތުގައި ތެލާއި ގޭސް އުފުލާ މުހިންމު މަގެއް ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ގާބިލުކަން އެ ގައުމަށް ލިބިފައިވުމަކީ މަޝްވަރާގެ މޭޒުމަތީގައި އެ ގައުމަށް ލިބޭ ވަރުގަދަ ބާރެކެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބޭނުންވަނީ އެއްބަސްވުމަކަށް އައުން ދަތިވާނެ ފަދަ ލަނޑުދަނޑިތަކެއް ހާސިލުކުރުމަށެވެ. އެއީ އީރާނުގެ ދީނީ ސަރުކާރު ވައްޓާލުމާއި، އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ނައްތާލުމާއި، ލުބުނާނުގައި އޮންނަ އީރާނާ ގުޅުން އޮންނަ ހިޒްބުﷲ ޖަމާއަތް ސުންނާފަތި ކުރުމެވެ. ހޯމަ ދުވަހު އީރާނާއި އިސްރާއީލުން ވަނީ އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާދީފައެވެ.
ހޯރްމޫޒް ކަނޑުއޮޅި ފަހަނައަޅައި ސިއްރުން ތެޔޮ ބޭރުކުރަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާއެކު ހަނގުރާމަ ފެށުނު ފަހުން، ދުނިޔޭގެ އިގްތިސާދަށް ވަނީ ލޮޅުން އަރައި، ހަކަތައިގެ އަގު އުފުލި، ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ތަކެތީގެ އަގު ވަނީ ބޮޑުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!