ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، ކުރިއަށް އޮތް ވޯލްޑް ކަޕްގެ ޓިކެޓްތަކުގެ އަގުތަކުގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. އޭނާ ވިދާޅުވީ ޓިކެޓް ވިއްކުމުގައި ފީފާއިން ގޯހެއް ހަދާފައިވާނަމަ، އުތުރު އެމެރިކާގައި ޓިކެޓް ވިއްކާ އެންމެންވެސް ހަދަނީ ގޯސް ކަމަށެވެ.
48 ގައުމު ބައިވެރިވާ އަދި 104 މެޗު ކުޅޭ މި މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ޓިކެޓްތައް 140 ޑޮލަރަށް ލިބެން ހުރި ނަމަވެސް، ނިއުޔޯކްގައި ކުޅޭ ފައިނަލް މެޗުގެ އާދައިގެ ސީޓެއްގެ އަގު ވަނީ 8,680 ޑޮލަރަށް އުފުލިފައެވެ. އަދި ހޮސްޕިޓާލިޓީ ސީޓްތަކުގެ އަގު 73,200 ޑޮލަރަށް އަރާއިރު، ފައިނަލް މެޗުގެ ބައެއް ޓިކެޓްތަކުގެ އަގު ފަހުން ވަނީ 32,970 ޑޮލަރަށް ބޮޑުކޮށްފައެވެ. މީގެ ހަތަރު އަހަރު ކުރިން ގަތަރުގައި ބޭއްވި މުބާރާތުގެ ޓިކެޓް އަގުތައް ހުރީ 69 ޑޮލަރާއި 1,607 ޑޮލަރާ ދެމެދުގައެވެ.
އަގުތަކާ ގުޅޭގޮތުން އިންފަންޓީނޯ ވިދާޅުވީ، އަގު ހެޔޮކޮށް ޓިކެޓް ވިއްކި ނަމަ ކަޅު ބާޒާރުގައި މާ ބޮޑު އަގުގައި އެ ޓިކެޓްތައް ވިކިގެންދާނެ ކަމަށެވެ. "އަގު ހެޔޮކޮށް ވިއްކިނަމަ، މި މާކެޓްގައި އެ ޓިކެޓްތައް ކަޅު ބާޒާރުގައި މާ ބޮޑު އަގުގައި ވިކިގެންދާނެ. އޭރުން އެ ފައިސާ ލިބޭނީ ފުޓްބޯޅައަކަށް ނޫން،" އޭނާ ވިދާޅުވިއެވެ. އިންފަންޓީނޯ އިތުރަށް ވިދާޅުވީ މުބާރާތުގެ އެވްރެޖް އަގު ހުރީ 500 ޑޮލަރަށް ވުރެ ދަށުގައި ކަމަށާއި، މިއީ އެމެރިކާގެ އެހެން ކުޅިވަރުތަކުގެ ޕްލޭއޮފް މެޗުތަކާ އަޅާބަލާއިރު އެކަށީގެންވާ އަގެއް ކަމަށެވެ.
ރެފްރީއަށް އެމެރިކާއަށް ނުވަދެވުނު މައްސަލަ
ސޯމާލިއާގެ ރެފްރީ އުމަރު އަރުތާންއަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުލިބުނު މައްސަލައިގައި އިންފަންޓީނޯ ވިދާޅުވީ، ފީފާއަކީ މުޅި ދުނިޔެ ކޮންޓްރޯލް ކުރާ ބައެއް ނޫން ކަމަށެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި އެމެރިކާގެ ކަސްޓަމްސް އިން ނިންމާ ނިންމުންތަކަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށާއި، މިކަމުގައި "ހަމަޖެހިލައިގެން" ތިބުމަށް އޭނާ އެދިވަޑައިގަތެވެ.
އީރާންގެ ބައިވެރިވުން
އެމެރިކާއާ ސިޔާސީ ގޮތުން ނުތަނަވަސްކަން އޮތް އީރާންގެ ގައުމީ ޓީމު މި މުބާރާތުގައި ބައިވެރިވުމަށް މަގުފަހިކޮށްދެވުމަކީ ފީފާއަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އިންފަންޓީނޯ ސިފަކުރެއްވިއެވެ. އީރާން ޓީމުން މިހާރު ވަނީ އެމީހުންގެ ޓްރެއިނިން ކޭމްޕް މެކްސިކޯއަށް ބަދަލުކޮށްފައެވެ. އިންފަންޓީނޯ ވިދާޅުވީ މިއީ އިންސާނީ ތާރީޚުގައިވެސް ބޭއްވޭނެ އެންމެ ބޮޑު ހަރަކާތަށް ވެގެންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!