މާދަމާ ރޭ ފަށާ ފީފާ ވޯލްޑް ކަޕް 2026 ގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ސަޕޯޓުކުރައްވަނީ އާޖެންޓީނާއަށް ކަމަށް އެމަނިކުފާނު މިއަދު ހާމަކުރައްވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ ވޯލްޑް ކަޕުގެ ރަސްމީ ބޯޅަތަކެއްގައި ސޮއިކުރުމަށް ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ޙަރަކާތެއްގެ ތެރެއިންނެވެ.

Ad
rt

ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނަކީ ވަރަށް ކުޑައިރުއްސުރެ އާޖެންޓީނާގެ ސަޕޯޓަރެއް ކަމަށެވެ.

"އަޅުގަނޑު މިއީ ވަރަށް ކުޑައިރުއްސުރެ އާޖެންޓީނާގެ ސަޕޯޓަރެއް،" ރައީސް ވިދާޅުވިއެވެ.

އާޖެންޓީނާއަށް ތާއީދު ކުރައްވަން ފެއްޓެވީ އެ ޤައުމުގެ ފުޓުބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ ކުޅުމަށް ހިތްޖެހުނު ހިސާބުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އާޖެންޓީނާގެ އިތުރުން އިނގިރޭސިވިލާތަކީ ވެސް ރައީސަށް ވަރަށް ކަމުދާ ޓީމެކެވެ. ރައީސް ވިދާޅުވި ގޮތުގައި އިނގިރޭސި ޓީމަށް ސަޕޯޓްކުރައްވަން ފެއްޓެވީ އެ ޤައުމުގައި މަތީ ތަޢުލީމު ހާސިލުކުރައްވަން އުޅުއްވި ދުވަސްވަރު އެވެ. ރައީސަކީ އިނގިރޭސި ކްލަބް މެންޗެސްޓަރ ޔުނައިޓެޑުގެ ވެސް ވަރަށް ބޮޑު ސަޕޯޓަރެކެވެ. އާޖެންޓީނާ މުބާރާތުން ވަކިވާން ޖެހިއްޖެ ހާލަތެއްގައި ދެން އެމަނިކުފާނު ތާއީދު ކުރައްވާނީ އިނގިރޭސިވިލާތަށެވެ.

މިފަހަރުގެ މުބާރާތާ މެދު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މިފަހަރު ސަޕްރައިޒިން ނަތީޖާތަކެއް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެމަނިކުފާނު ލަފާކުރައްވާ ގޮތުގައި ފްރާންސަކީ ވަރަށް ވަރުގަދަ ޓީމެކެވެ. އަދި ނެދަލެންޑްސް (ހޮލެންޑް) އަކީ ވެސް ތަށި ނެގުމުގެ ފުރުސަތު އޮތް ޓީމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މެޗުތައް ކުޅޭ ގަޑިތަކުގެ ގޮތުން ހުރިހާ މެޗެއް ބެއްލެވުމަށް ދަތިތަކެއް ހުރި ނަމަވެސް، މުހިންމު މެޗުތައް ބެއްލެވުމަށް ވަގުތު ހުސްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހި ރައްޔިތުންނަށް ވޯލްޑް ކަޕްގެ ފޯރި ގެނެސްދިނުމުގެ ގޮތުން، ޕީއެސްއެމް އާއި މީޑިއާނެޓް މެދުވެރިކޮށް މެޗުތައް ބެލޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.