އަންގާރަ ދުވަހު އީރާނަށް ދިނުމަށް ރާވާފައިވާ އަސްކަރީ ހަމަލާ، ގަލްފުގެ ގައުމުތަކުގެ ލީޑަރުންގެ އެދުމުގެ މަތިން މަޑުޖައްސާލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފިއެވެ.

މިކަން ޓްރަމްޕް ހާމަކުރެއްވީ މިއަދު އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ 'ޓްރުތު ސޯޝަލް' މެދުވެރިކޮށް ދެއްވި ބަޔާނެއްގައެވެ.

Ad
rt

މި ހަމަލާ މަޑުޖައްސާލުމަށް ނިންމެވީ ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލްޘާނީ އާއި، ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަދި ޔޫއޭއީގެ ރައީސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން ވޮޝިންގޓަނަށް ގުޅުއްވައި އެދިވަޑައިގަތުމުންނެވެ. އެ ލީޑަރުން ވިދާޅުވި ގޮތުގައި، ޕާކިސްތާނުގެ މެދުވެރިކަމާއެކު ކުރިއަށްދާ މަޝްވަރާތަކުން ސުލްހަވެރި ހައްލެއް ފެނުމުގެ ފުރުސަތު ބޮޑެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި ގަލްފުގެ ލީޑަރުން ވަނީ "ސީރިއަސް މަޝްވަރާތަކެއް" މިހާރުވެސް ކުރިއަށްދާ ކަމަށާއި، އެމެރިކާއަށް ގަބޫލުކުރެވޭ ފަދަ އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ އީރާނަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު ނުދިނުމެވެ.

ނަމަވެސް، ޓްރަމްޕް ވަނީ މިއީ ހަމަލާ މުޅިން ހުއްޓާލުން ނޫން ކަމަށާއި، މިއީ ހަމައެކަނި ޑިޕްލޮމެޓިކް މަގުން މަސައްކަތް ކުރުމަށް ދެވުނު ފުރުސަތެއް ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް އަދި އަސްކަރީ ކޮމާންޑަރުންނަށް ވަނީ، މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ، "ވަގުތުން ވަގުތަށް" އީރާނަށް ވަރުގަދަ ހަމަލާއެއް ދިނުމަށް ތައްޔާރުވެ ތިބުމަށް އަމުރު ކުރައްވާފައެވެ.

މި ނިންމުން އައިސްފައިވަނީ ސަރަހައްދީ މަސްރަހު ވަރަށް ބޮޑަށް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ. އޭޕްރީލް މަހުގެ މެދުތެރެއިން ފެށިގެން އޮތް ބަލިކަށި ސުލްހައިގެ އެއްބަސްވުން އުވުމުގެ ބިރު އޮތްއިރު، މިދިޔަ އާދީއްތަ ދުވަހު ޔޫއޭއީގެ ބަރަކާ ނިއުކްލިއާ ޕަވަރ ޕްލާންޓަށް ދިން ޑްރޯން ހަމަލާއާއެކު މަސްރަހު ވަނީ އިތުރަށް ގޯސްވެފައެވެ.