އިސްރާއީލަށް އެމެރިކާއިން ދެމުން އަންނަ މާލީ އެހީތެ މިއަހަރު ނިމުމުމާއެކު ހުއްޓާލުމަށް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ފޮސް ނިއުސްގެ "ފޮސް އެންޑް ފްރެންޑްސް" ޕްރޮގްރާމަށް ދެއްވި އިންޓަވިއެއްގައި ޓްރަމްޕް ވިދާޅުވީ، އިސްރާއީލަށް މިހާރު އެފަދަ މާލީ އެހީތެރިކަމެއް ބޭނުން ނުވާ ކަމަށާއި، އަދި ބައެއް ޑިމޮކްރެޓުންނާއި ވާތު ފިޔައިގެ ސިޔާސީ ފަރާތްތަކުން އެމެރިކާގެ މާލީ އެހީތެރިކަން ރިޕަބްލިކަން ޕާޓީއަށް ފާޑުކިޔުމަށް ބޭނުންކުރަމުންދާ ކަމަށެވެ.
"އިސްރާއީލަށް ފައިސާ ދިނުމާ ގުޅޭގޮތުން، ބީބީ ނެތަންޔާހޫއާއި އަޅުގަނޑާ ދެމީހުން ވަނީ އެއްބަސްވުމަކަށް އާދެވިފައި. އަޅުގަނޑުމެން އިސްރާއީލަށް އަހަރަކު 4 ބިލިއަން ޑޮލަރު ދެމުން އަންނަ އިރު، އެ އެހީ ހުއްޓާލުމަށް މީގެ މަސްތަކެއް ކުރިން ވާނީ އެއްބަސްވެފައި،" ޓްރަމްޕް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން އިސްރާއީލަށް ފައިސާ ދިނުން ހުއްޓާލުމަށް ކުރިންވެސް އެއްބަސްވެފައިވާ ކަމަށެވެ. އަދި އިސްރާއީލަށް ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި އެހީތެރިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން ނަތަންޔާހޫގެ އޮފީހުން ވަގުތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ޓްރަމްޕް އެ އިޝާރާތް ކުރެއްވީ ކޮން ފައިސާއަކަށް ކަން ވަގުތުން ސާފުވެފައި ނުވި ނަމަވެސް، އިސްރާއީލަށް އަހަރަކު 3.8 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ފޯރުކޮށްދޭ އެއްބަސްވުމުގެ މުއްދަތު 2028 ވަނަ އަހަރަށް ހަމަވާން އަންނަ ކަން ފާހަގަކުރެވެއެވެ.
"އެމީހުން ބޭނުން އެއްޗެއް ގަނެވޭނެ. ޔޫރަޕަށްވެސް އެކަން ކުރެވޭނެ. އަޅުގަނޑުމެން އުފައްދަނީ ދުނިޔޭގައިވާ އެންމެ މޮޅު ހަތިޔާރު،" ޓްރަމްޕް ވިދާޅުވިއެވެ.
މިދިޔަ މެއި މަހު ސީބީއެސް އަށް ދެއްވި އިންޓަވިއުއެއްގައި ނަތަންޔާހޫ ބުނެފައިވަނީ، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އެމެރިކާގެ އަސްކަރީ އެހީތެރިކަމާ ނުލައި އުޅެވޭ ފެންވަރަށް އިސްރާއީލު ތަނަވަސްކަން ހޯދޭނެކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ޖޫން މަހު އެމެރިކާގެ ކޮންގްރެސް މެންބަރަކަށް ފޮނުއްވި ސިޓީއެއްގައި އޭނާ ބުނެފައިވަނީ، އިސްރާއީލަކީ އެހީ ލިބިގަންނަ ޤައުމަކަށްވުމުގެ ބަދަލުގައި ބައިވެރިއަކަށް ވާންޖެހޭ ވަގުތުޖެހިއްޖެ ކަމަށެވެ.
ޣައްޒާ ހަނގުރާމަ ފެށުނީއްސެ، ޚާއްސަކޮށް ޑިމޮކްރެޓުންގެ މެދުގައި އިސްރާއީލަށް އެމެރިކާ ރައްޔިތުންދޭ ތާއީދު ވަނީ ދަށަށް ގޮސްފައެވެ. ޖޫން މަހު ކްނިޕިއެކް ޔުޓީން ނެގި ޕޯލަކުން ދައްގޮތުގައި، އެމެރިކާއިން އިސްރާއީލަށް މާބޮޑަށް ތާއީދުކުރާ ކަމަށް ޤަބޫލުކުރާ މީހުންގެ ނިސްބަތް ވަނީ އިތުރުވެފައެވެ.
"ވާތު ފިޔައިގެ މީހުން އެންމެނަށް އެނގޭ 4 ބިލިއަން ޑޮލަރުގެ ފައިސާ، އިންސާފުވެރި ނޫން ކަމުގެ ހެއްކެއްގެ ގޮތުގައި ބޭނުންކުރޭ. އަޅުގަނޑުމެންނަށް އެކަމަށް ޖާގައެއް ނުދެވޭނެ،" ޓްރަމްޕް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެމީހުންނަށް 4 ބިލިއަން ދެމުން އައީ، އަދިވެސް ދެމުން އެބަދަން، އެކަމަކު އަހަރު ނިމުމުން އެކަން ހުއްޓާލާނެ. ކީއްވެ؟ އެމީހުންނަށް އެ ބޭނުން ނުވާތީ."
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!