ށ. މަރޮށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) އިން އިސްނަގައިގެން، "ޤުރުއާން ތިލާވަތު ވަ ތަޖުވީދު ވެބިނަރ 2026" މި މަހު އެ ރަށުގައި ކުރިއަށް ގެންދިއުމަށް ނިންމައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއީ "ޕްރޮގްރެސް ޓު އަ ޤުރްއާނިކް ލައިފްސްޓައިލް"ގެ ފަރާތުން ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެން ކުރިއަށް ގެންދިއުމަށް ތާވަލުކޮށްގެން ހިންގާ ޤުރުއާނާ ބެހޭ ޚާއްޞަ އޮންލައިން ޕްރޮގްރާމެކެވެ.
މަރޮށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ޢާންމުކޮށްފައިވާ އިޢުލާނުގައިވާ ގޮތުން، މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ ޢުމުރުން 13 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. އަދި އޭގެ އިތުރުން، ކީރިތި ޤުރުއާން ރަނގަޅަށް ބަލައިގެން ކިޔަވަން އެނގުމަކީ ވެސް މި ވެބިނާގައި ބައިވެރިވުމަށް ކަނޑައަޅާފައިވާ މުހިންމު ޝަރުޠެކެވެ.
މި ހިނގާ ނޮވެމްބަރު މަހުގެ 15 އިން 21 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ވެބިނާ އޮންނާނީ ކޮންމެ ދުވަހެއްގެ ރޭގަނޑު 19:45 އިން 21:45 އަށް އޮންލައިންކޮށެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި ކޮންމެ ބައިވެރިއެއްގެ އަތުން -/150 ރުފިޔާގެ ފީއެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޮމިޓީން މަޢުލޫމާތު ދެއެވެ.
މި ވެބިނާގައި ބައިވެރިވާން އެދޭ ފަރާތްތަކުން 10 ނޮވެމްބަރު 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން ނަންނޯޓު ކުރަންޖެހެއެވެ. ނަންނޯޓު ކުރުމުގެ ކަންކަން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް މަރޮށީ ކައުންސިލްގެ ފޯނު ނަންބަރު 6541521 އަށް ގުޅައިގެންނެވެ.
ކޮމިޓީން ބުނެފައިވާ ގޮތުގައި ނަންނޯޓު ކުރައްވާ ފަރާތްތަކުން އެ ބޭފުޅެއްގެ ވައިބަރ ނަންބަރު ޙިއްޞާކުރަން ޖެހޭނެއެވެ. އަދި ބައިވެރިވުމަށް އެދޭ ފޯމު ފޮނުވޭނީ ވައިބަރ މެދުވެރިކޮށެވެ. މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ނަންބަރުތައް ކަމަށްވާ 9186595، 9976559 އަދި 9753359 އަށް ގުޅުއްވުމަށް ވެސް އެ ކޮމިޓީން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!