ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ސިފައިންގެ ޚާއްޞަ އަސްކަރީ ހުށަހެޅުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައްލަވާލައްވައިފިއެވެ.
މި ޙަރަކާތް ބެއްލެވުމަށްޓަކައި ރައީސް ގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން، އެ ދެކަނބަލުންނަށް މަރުޙަބާ ދަންނަވައި އިސްތިޤްބާލުކުރެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
ޖުމްހޫރީ މައިދާނުގައި ކުރިއަށްދިޔަ މި ޙަރަކާތްތައް ރަސްމީ ގޮތުން ފެށުމުގެ ގޮތުން، އެންމެ ފުރަތަމަ އޮތީ ރައީސްގެ ޝަރަފުގައި އެމަނިކުފާނަށް ރިޔާސީ ކުރުނީހެއް އެރުވުމެވެ.
ރިޔާސީ ކުރުނީޝަށްފަހު، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ސިފައިން ތައްޔާރުކޮށްފައިވާ ޚާއްޞަ އަސްކަރީ ހުށަހެޅުންތައް ވަނީ ދައްކާލާފައެވެ. ސިފައިންގެ ޤާބިލުކަމާއި ތަމްރީނު ދައްކުވައިދިން މި ޢަސްކަރީ ހުށަހެޅުމަށްފަހު، ދެން ކުރިއަށްދިޔައީ ސިފައިންގެ މިލިޓަރީ ބޭންޑުން ތައްޔާރުކޮށްގެން ހުށަހަޅައިދިން ފުރިހަމަ މިއުޒިކީ ހުށަހެޅުމެކެވެ.
މި ޙަރަކާތްތައް ނިންމާލުމުގެ ގޮތުން، މިއަދުގެ އަސްކަރީ ޙަރަކާތުގައި ޢަމަލީ ގޮތުން ބައިވެރިވި ސިފައިންނާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ފޮޓޯއެއް ނަންގަވާފައެވެ.
ޖުމްހޫރީ މައިދާނުގައި ބޭއްވި މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އާއި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދުގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި އިސްވެރިންނާއި ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!