އީރާނުގައި ވައްޓާލި އެމެރިކާގެ ''އެފް-15 އީ'' މަތިންދާބޯޓުގެ ފަޅުވެރިން ސަލާމަތްކުރުމަށް ހިންގި ސިއްރު އޮޕަރޭޝަނުގެ ތަފްސީލީ ރިޕޯޓެއް ޝާއިއުކުރުމާ ގުޅިގެން، ރައީސް ޑޮނަލްޑް ޓްރަމްޕް ނިއުޔޯކް ޓައިމްސްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ކޯފާވެ ހުންނަވާ އިންޒާރު ދެއްވައިފިއެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި ބްރީފިންގްގައި ޓްރަމްޕް ވިދާޅުވީ، އެ ނޫހުން ހާމަކުރި މައުލޫމާތުތަކުގެ ސަބަބުން އީރާނަށް އޮޅުވާލުމަށް ސީ.އައި.އޭ އިން ހިންގަމުންދިޔަ ހާއްސަ ކެމްޕޭނަކަށް ހުރަސް އެޅި، އެކަން އީރާނަށް ފަޅާއެރިކަަމަށް ޓްރަމްޕް ވިދާޅުވެފަވެއެވެ.

Ad
rt

ޓްރަމްޕް ހާމަކުރެއްވި ގޮތުގައި، ދެވަނަ ފަޅުވެރިޔާ (ވެޕަންސް ސިސްޓަމްސް އޮފިސަރު) އީރާނުން ބޭރުކޮށްފައިވާ ކަމަށް ދެއްކުމަށް އެމެރިކާއިން ކުރި މަސައްކަތް ކާމިޔާބުވަމުން ދަނިކޮށް، ނިއުޔޯކް ޓައިމްސްއިން ވަނީ އޭނާ ހުރި ތަނުގެ ތަފްސީލު ހާމަކޮށްފައެވެ. އެ ރިޕޯޓުގައިވާ ގޮތުން އެ އޮފިސަރު ހުރީ 7,000 ފޫޓު އުސް ފަރުބަދައެއްގެ ތެރޭގައި ފިލައެވެ. މީގެ ސަބަބުން، އޭނާ ހޯދުމުގެ މަސައްކަތް މަޑުޖައްސާލާފައި އޮތް އީރާނުގެ އަސްކަރިއްޔާއަށް އޭނާ އަދިވެސް އެ ގައުމުގައި ހުރިކަން އެނގިގެންދިޔަ ކަމަށް ޓްރަމްޕް ތުހުމަތު ކުރެއްވިއެވެ.

މީޑިއާއަށް ދެއްވި ހަރުކަށި އިންޒާރު

މި ހާދިސާއާ ގުޅިގެން ޓްރަމްޕް ވަނީ "ގައުމީ ސަލާމަތް، އެ ހާމަނުކުރޭ، ނޫނީ ޖަލަށް ދޭ!" މިފަދަ މޭރުމަކުން ވާހަކަ ދައްކަވައި، ލީކުތަކާ މެދު ގެންގުޅޭ "ޒީރޯ ޓޮލަރެންސް" ސިޔާސަތު ތަކުރާރު ކުރައްވާފައެވެ. މިއީ މިއަހަރުގެ ޖެނުއަރީ މަހު ވޮޝިންގްޓަން ޕޯސްޓްގެ ރިޕޯޓަރެއްގެ ގެ ރޭޑުކުރި ހާދިސާއަށްފަހު، މީޑިއާއާ މެދު އެމެރިކާ ސަރުކާރުން ގެންގުޅޭ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން އައި އިންޒާރެކެވެ.

މައުލޫމާތު ލީކުވި ނަމަވެސް، 170 އަށްވުރެ ގިނަ މަތިންދާބޯޓު ބޭނުންކޮށްގެން ހިންގި ކާމިޔާބު އޮޕަރޭޝަނެއްގައި އެ ކާނަލް ސަލާމަތްކޮށްފައިވާކަމަށް އެމެރިކާއިން ވަނީ ބުނެފަވެއެވެ. އީރާނުގެ ހަނގުރާމަވެރިންގެ ކިބައިން ސަލާމަތްވުމަށް ދެ ދުވަސް ވަންދެން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާތަކަށް އޭނާއަށް މިހާރު ކުވެއިތުގައި ދަނީ ފަރުވާ ދެމުންނެވެ. މި އޮޕަރޭޝަނުގެ ތެރޭގައި އެމެރިކާގެ ދެ ސީ-130 ބޯޓު އީރާނުގެ އަތްދަށަށް ދިޔަނުދިނުމަށްޓަކައި ގޮއްވާލަން ޖެހުނު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އީރާނަށް ދީފައިވާ މުހުލަތު

މީޑިއާއަށް އަމާޒުކުރި މި ފާޑުކިޔުންތައް އައިސްފައިވަނީ އީރާނަށް ޓްރަމްޕް 48 ގަޑިއިރުގެ މުހުލަތެއް ދެއްވާފައިވާ ނުތަނަވަސް ދަނޑިވަޅެއްގައެވެ. އަންގާރަ ދުވަހުގެ ރޭގެ ކުރިން ހޯރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އަންގަވައި، އެކަން ނުކޮށްފިނަމަ އީރާނުގެ އިންޖީނުގެތަކާއި ފާލަންތައް ފަދަ މުހިންމު ތަންތަން "ފުނޑުފުނޑުކޮށްލާނެ" ކަމަށް ޓްރަމްޕް ވަނީ ވައުދުވެވަޑައިގެންފައެވެ.

މުހައްލިލުން ދެކޭ ގޮތުގައި، މީޑިއާގެ "ލީކުކުރާ ފަރާތްތަކަށް" ޓްރަމްޕް އަމާޒުކުރައްވާ މި ފާޑުކިޔުންތަކަކީ، ކުރިއަށް އޮތް ތަނުގައި އަސްކަރީ ގޮތުން ދިމާވެދާނެ އެއްވެސް ނާކާމިޔާބީއެއްގެ ޒިންމާ ނޫސްވެރިންގެ ބޮލުގައި އެޅުވުމަށް ކުރައްވާ މަސައްކަތެކެވެ.