އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ނުރައްކާ އިންތިހާއަށް ބޮޑުވަމުންދާތީ، ސައުދީ އަރަބިއްޔާގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތުން އެ ގައުމުން ފޭބުމަށް ރިޔާދުގައި ހުންނަ އެމެރިކާ އެމްބަސީން އިލްތިމާސްކޮށްފިއެވެ.
ބުރާސްފަތި ދުވަހު ނެރުނު ސަލާމަތީ އިންޒާރެއްގައި އެމްބަސީން ބުނީ، ސަރަހައްދީ މަސްލަހަތު އިންތިހާއަށް ގޯސްވަމުންދާތީ، ރައްކާތެރިކަމާއެކު ފުރޭނެ މަގެއް އޮތް ނަމަ މިހާރުން މިހާރަށް ސައުދީން ފޭބުމަށް ބާރުއަޅާ ކަމަށެވެ. އަދި މެދުއިރުމަތީގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ރައްޔިތުންގެ ސަލާމަތަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު މެދުނުކެނޑި ފޯރުކޮށްދެމުން ގެންދާނެ ކަމަށްވެސް އެމްބަސީން ބުނެފައިވެއެވެ.
ވައިގެ ދަތުރުފަތުރުގެ ހާލަތުއެމެރިކާ އެމްބަސީން ލަފާދީފައިވަނީ މިހާރު އާންމުކޮށް ދަތުރުކުރާ ފްލައިޓްތަކުގައި ގައުމުން ފޭބުމަށެވެ. ސައުދީގެ ވައިގެ ސަރަހައްދު މިވަގުތު ހުޅުވިފައި އޮތް ނަމަވެސް، މިސައިލާއި ޑްރޯން ހަމަލާތަކުގެ ނުރައްކާ އޮތުމުން ބައެއް ފަހަރު ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކާ ކުރިމަތިވާކަން އެމްބަސީން ފާހަގަކުރެއެވެ. ރިޔާދު، ޖިއްދާ އަދި ދަންމާމްގެ އެއާޕޯޓްތައް އޮޕަރޭޝަނަލް ހާލަތުގައި އޮތް ނަމަވެސް، ފްލައިޓްތައް ކެންސަލްވުން ނުވަތަ ލަސްވުން އެކަށީގެންވާތީ، ދަތުރުގެ ކުރިން އެއާލައިންތަކުން މައުލޫމާތު ސާފުކުރުމަށް ވަނީ އިރުޝާދު ދީފައެވެ.
ސަލާމަތީ އިރުޝާދުސައުދީގައި މަޑުކުރަން ނިންމާ ފަރާތްތަކުން އެ ގައުމުގެ "އާލީ ވޯނިންގް ސިސްޓަމް" ނުވަތަ ދުރާލާ އިންޒާރުދޭ ނިޒާމުގެ އިރުޝާދުތަކަށް ފުރިހަމައަށް ސަމާލުވުމަށް އެމްބަސީން އެދިފައިވެއެވެ. ނަމަވެސް، ހާލަތުގެ ގޮތުން އެ ސިސްޓަމުން ދޭ އިންޒާރުތައް ބައެއް ފަހަރު ލަސްވުން އެކަށީގެންވާކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ. މި ހަރުކަށި އިންޒާރު ނެރެފައިވަނީ އީރާނުން ދެމުންދާ ބަދަލުހިފުމުގެ ހަމަލާތަކުގެ އަމާޒަކަށް ގަލްފުގެ ގައުމުތައް ވެފައިވާ ނުރައްކާތެރި ދަނޑިވަޅެއްގައެވެ.
ހަނގުރާމައިގެ ފަސްމަންޒަރުމިދިޔަ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން މުޅި ސަރަހައްދުގެ މަސްލަހަތު ވަނީ ގޯސްވެފައެވެ. އީރާނުން ހާމަކޮށްފައިވާ ގޮތުގައި މި ހަމަލާތަކުގައި މިހާތަނަށް 1,300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި އީރާނުގެ ކުރީގެ ރޫހީ މީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި 150 އަށްވުރެ ގިނަ ކިޔަވާ އަންހެން ކުދިން ހިމެނެއެވެ.
މީގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ދަނީ އިސްރާއީލް، އުރުދުން، އިރާގު އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ޑްރޯން އަދި މިސައިލް ހަމަލާތައް ވަރުގަދަ ކުރަމުންނެވެ. މި ހަމަލާތަކުގެ ސަބަބުން ގިނަ އަދަދެއްގެ މީހުންގެ ފުރާނަ ގޮސް، އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ދުނިޔޭގެ ބާޒާރަށާއި ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ.
ނުރައްކަލުގެ ތެރޭގައި ގަލްފުގެ ގައުމުތައްގަލްފުގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ހަމަލާތައް އަމާޒުވަމުންދަނީ ސައުދީ އަރަބިއްޔާއަށެވެ. އެ ގައުމުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް ފޮނުވާލާ ސަތޭކަޔަށްވުރެ ގިނަ މިސައިލާއި ޑްރޯން ސައުދީގެ ވައިގެ ދިފާއީ ނިޒާމުން ދަނީ ހުއްޓުވަމުންނެވެ. އެމެރިކާ އެމްބަސީން ނެރުނު މި އިންޒާރަކީ ހަނގުރާމަ ހުއްޓުމެއް ނެތި ކުރިއަށްދާތީ، ސަރަހައްދުގައި އޮތް ނުރައްކާ އިންތިހާއަށް ބޮޑުކަން ހާމަކޮށްދޭ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!