އިރާނުން އިސްރާއީލު ސުންނާފަތިކޮށްލާނެކަމަށާއި، ފުރަތަމަ ނެތިގެންދާނީ އިސްރާއީލުކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް ދެއްވި ބަޔާނެއްގައި ވިދާޅުވީ، އިރާނުން އިސްރާއީލު ސުންނާފަތިކޮށްލާނެ ކަމަށާއި، މި ކުރިމަތިލުމުގައި ޝައްކެއްވެސް ނެތް ގޮތުގައި ފުރަތަމަ ނެތިގެންދާނީ އިސްރާއީލު ކަމަށެވެ. އަދި ހަމަގައިމުވެސް އިރާނުގެ ހަމަލާތައް އެމެރިކާއަށް އަމާޒުވާނެ ކަމަށް ވިދާޅުވެ، މިއީ ހަމައެކަނި ސަރަހައްދީ ހަނގުރާމައެއް ނޫން ކަމަށާއި، މިއީ ގައުމެއްގެ ދެމިއޮތުމާ ގުޅިފައިވާ ނުރައްކާތެރި ކަމެއްގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަކުރައްވައިފަ އެވެ.

Ad
rt

މި ބަސްފުޅަކީ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް ކުރިން ގެންގުޅުއްވި ސިޔާސަތު ބަދަލުކުރައްވައި، ނޭޓޯ އާއި ގަލްފުގެ ގައުމުތައް މި ކަމުގެ ތެރެއަށް ވެއްދުމަށް ބާރުއެޅުމުގެ ގޮތުން ފެއްޓެވި އާ މިސްރާބެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެ އެވެ.

އަސްކަރީ ބާރުވެރިކަމަށް ބަލާއިރު، އިސްރާއީލަށްވުރެ އީރާނުގެ ވަރުގަދަކަން ފެންނަން އޮތްނަމަވެސް ޓްރަމްޕް މި ވާހަކަފުޅު ދައްކަވާފައި މިވަނީ އެމެރިކާ އާއި އިސްރާއީލަށް އީރާން ބަލި ނުކުރެވުމުން އެހެން ގައުމުތައް މި ހަނގުރާމަ ތެރެއަށް ވެއްދުމަށް ''ހީލަތްތެރި، ހިޔަޅު ވިސްނުންފުޅެއްގައި'' ކަން ދޭހަވެއެވެ.

އަނެއްކޮޅުން، ޓްރަމްޕް މިފަދަ އިންޒާރެއް ދެއްވަން ޖެހުނީ އިރާނުގެ "ޑަބަލް-ޓެޕް" ގާބިލުކަން ހުރި، އަލަށް ތައާރަފުކުރި "ސައްޖީލް" މިސައިލްތަކުގެ ސަބަބުންކަމަށް ވެދާނެކަމަށް މަޝްރަހް ދިރާސާ ކުރާ ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އެއްވެސް އިންޒާރަކާ ނުލައި ފޮނުވާލެވޭ މި މިސައިލްތަކުގެ ނުރައްކާ ބޮޑުވެފައިވާއިރު، މާރިޗު 15 ގައި ތަލް އަބީބުގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ކައިރިއަށް ވެއްޓުނު މިސައިލްގެ ބައިތަކަށް އިޝާރާތްކުރައްވައި ޓްރަމްޕް ވަނީ އެމެރިކާއަށް އޮތް ނުރައްކާ ހާމަކުރައްވައިފަ އެވެ.

މި ނުރައްކާތަކާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާ (އައިޑީއެފް) އަށް އަބަދުވެސް ތިބެން ޖެހިފައި ވަނީ ތައްޔާރީ ހާލަތުގައެވެ. ރިޕޯޓްތައް ބުނާގޮތުން އިރާނުގެ ފަރުބަދަތަކުގެ ތެރޭގައި ފޮރުވާފައިވާ މިސައިލް މަރުކަޒުތައް ނައްތާލުމަށް އިސްރާއީލުން ވަރުގަދަ ދިނުމަކީ އެކަށީގެންވާ ކަމެކެވެ.

ބަހްރޭނާއި ގަތަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބޮޑު ނުރައްކަލެއް އޮތްކަން ޓްރަމްޕް ފާހަގަކުރެއްވި އެވެ. ޚާއްޞަކޮށް ޔޫ.އޭ.އީ އިން އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން، ރާޑަރު މެދުވެރިކޮށް ދުޝްމަނުންގެ ހަމަލާތައް ދެނެގަތުމަށް އެމެރިކާގެ އަސްކަރިއްޔާއަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ވަނީ ޓްރަމްޕްގެ ވާހަކައަށް ތާއީދުކޮށް، "ކެތްތެރިކަމުގެވެސް ހައްދެއް އޮންނާނެ" ކަމަށް ބުނެފަ އެވެ. ނަމަވެސް، އިސްރާއީލުގެ އާންމުންގެ މެދުގައި އެގައުމުގެ ދިފާއީ ނިޒާމުތައް ކަމަށްވާ Arrow-3 އަދި Iron Beam ގެ ފެންވަރާ މެދު ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.

އެމެރިކާގެ ބައެއް ސިޔާސީ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ޓްރަމްޕް މިފަދަ ބިރުވެރި ވާހަކަތައް ދައްކަވަނީ، ބޮޑު ހަރަދެއް ހިނގާނެ އެއްގަމު ހަނގުރާމައަކަށް އެމެރިކާ ވައްދާށެވެ. މީގެ އިތުރުން، އިސްރާއީލަށް ހަމަލާއެއް އަތުވެއްޖެނަމަ، ދުނިޔޭގެ ތެޔޮ ސަޕްލައިގެ މައިނާރު ކަމަށްވާ ހޯރްމުޒް ކަނޑުއޮޅި ބަންދުވެ، ދުނިޔޭގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އަންނާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ދެއްވި އެވެ.

މިހާރުގެ ހާލަތަށް ބަލާއިރު، އިސްރާއީލުގެ ތަލް އަވީވް އޮތީ ނުރައްކާތެރި ދަރަޖައެއްގަ އެވެ. ތެހެރާނުން ޚަބަރު ލިބޭގޮތުގައި އިރާނުގެ އައި.އާރު.ޖީ.ސީ އިން ދަނީ މޯބައިލް މިސައިލް އުޅަނދުތައް ދިފާއީ މަގާމުތަކަށް ނެރެމުންނެވެ. ހޯރްމުޒް ކަނޑުއޮޅި މިހާރު ބަންދުކޮށްފައިވާއިރު، އެ ސަރަހައްދުން ޗައިނާގެ މަނަވަރުތައް ފެންނަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ދުބާއީ އާއި އަބޫދާބީގެ ވައިގެ ސަރަހައްދު 100 އިންސައްތަ ބަންދުކޮށްފައިވާއިރު، މީހުން ހުސްކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދަނީ ކަނޑުމަގުންނެވެ.