މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު (ޑެޕިއުޓީ ސީއީއޯ) ގެ މަޤާމަށާއި، އެ ކުންފުނީގެ ބޯޑު މެންބަރުކަމުގެ މަޤާމަށް އިބްރާހިމް ޒިޔަތު އައްޔަނުކޮށްފިއެވެ.

މިކަން ހާމަކޮށް އެމްޕީއެލް އިން އިއްޔެ ވަނީ ޒިޔަތަށް މަރުޙަބާ ކިޔާފައެވެ. އެ ކުންފުނިން ބުނި ގޮތުގައި ޒިޔަތު އެ މަޤާމަށް އައްޔަންކުރީ، 16 މާރިޗު 2026 ގައެވެ.

Ad
rt

ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގެނައި މި ބަދަލާއެކު، ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ޒިޔަތަށް ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.

އިބްރާހިމް ޒިޔަތަކީ ރާއްޖޭގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އިސް މަޤާމުތަކެއް ފުރުއްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން، ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖޫން 2016 އިން 2018 އަށް އޭނާ ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) ގެ ސީއީއޯގެ މަޤާމު ފުރުއްވާފައެވެ. އޭނާގެ ދައުރުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ބަނދަރު ހެދުމާއި، ގދ. މާވަރުލު އެއަރޕޯޓްގެ ރަންވޭ އެޅުން ފަދަ އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން، އެމްޓީސީސީގެ "ކަށަވަރު" ޝޯރޫމްގެ ޚިދުމަތްތައް ފުޅާކުރުމާއި، ގަލްފް ކްރާފްޓް އަދި އަލްޝާލީ މެރިން ފަދަ ކުންފުނިތަކާއެކު ސްޓްރެޓީޖިކް ޕާޓްނަޝިޕްތައް ޤާއިމުކުރުމުގައި ޒިޔަތު މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އެމްޓީސީސީއާ ގުޅުމުގެ ކުރިން އޭނާ ވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ބޯޑު މެންބަރެއްގެ މަޤާމުވެސް ފުރުއްވާފައެވެ.

ޒިޔަތަކީ ސިޔާސީ ގޮތުން ފާހަގަކޮށްލެވޭ އާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާއަކީ ކުރީގެ އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތުގެ ކޮއްކޮއެވެ.