އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިރާގުގެ ދާޚިލީ ސިޔާސީ މަސްރަހާ ބެހިވަޑައިގެން، އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ނޫރީ އަލް-މާލިކީ އަލުން ވެރިކަމަށް އައްޔަންކޮށްފި ނަމަ އެމެރިކާގެ އެހީތެރިކަން ކަނޑާލާނެ ކަމުގެ އިންޒާރު ދެއްވައިފިއެވެ. ޓްރަމްޕްގެ މި އިންޒާރާއެކު އިރާގުގެ ސިޔާސީ މަސްރަހަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ.
ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލިކީ އަލުން ބޮޑުވަޒީރުކަމަށް އައްޔަންކުރުމަކީ އިރާގު ފަދަ ގައުމަކުން ނިންމާނެ ވަރަށް ގޯސް ނިންމުމެއް ކަމަށެވެ.
"އޭނާގެ މޮޔަ ސިޔާސަތުތަކާއި ފިކުރުތަކުގެ ސަބަބުން، އޭނާ އިންތިޚާބުވެއްޖެ ނަމަ، އެމެރިކާއިން ދެން އިރާގަށް އެހީއެއް ނުވާނެ،" ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާގެ އެހީތެރިކަން ނެތި އިރާގަށް ކާމިޔާބީއާއި މިނިވަންކަން ހޯދުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އިރާގަށް ބިރުދައްކަވާފައެވެ.
ޓްރަމްޕާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ދެއްވި އިންޒާރުތަކާ ގުޅިގެން، އިރާގުގެ ޕާލަމެންޓުން ވަނީ އާ ރައީސަކު ހޮވުމަށް ނަގަން އޮތް ވޯޓު ފަސްކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުގައި، ވޮޝިންޓަނާ އޮތް ގުޅުން ކެނޑިދާނެތީ، މާލިކީއަށް ތާއީދުކުރި ކުރުދީ އަދި ސުންނީ ޕާޓީތަކުން މިހާރު ދަނީ އެ ނިންމުން އަލުން މުރާޖައާ ކުރަމުންނެވެ.
މާލިކީއާ މެދު އެމެރިކާއިން ކަންބޮޑުވަނީ މާލިކީއަކީ އީރާނާ ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅަކަށް ވުމެވެ. އެއީ އީރާނަށް ފިއްތުންތައް ކުރިމަތިކުރާ ޓްރަމްޕްގެ ސަރުކާރަށް ބަލައިގަނެވޭނެ ކަމަކަށްނުވެއެވެ.
އެމެރިކާގެ މި އިންޒާރަކީ ވަރަށް ނުރައްކާތެރި އިންޒާރެކެވެ. ސަބަބަކީ އިރާގުގެ ތެލުގެ އާމްދަނީގެ ގާތްގަނޑަކަށް 90 އިންސައްތަ ރައްކާކުރެވިފައި ހުންނަނީ ނިއުޔޯކްގެ ފެޑެރަލް ރިޒާވް ބޭންކުގައެވެ. އެމެރިކާއިން އެ ފައިސާ ދޫކުރުން ހުއްޓާލައިފި ނަމަ، އެއް ރޭ ތެރޭގައި އިރާގުގެ އިގްތިސާދު މުޅިން ހުއްޓުމަކަށް އަތުވެދާނެ ކަމަށް މާހިރުން ލަފާކުރެއެވެ.
މި ހަމަނުޖެހުން ފެށިގެން ދިޔައީ އިރާގުގެ އެންމެ ބޮޑު ޝިއައީ ސިޔާސީ ބްލޮކް ކަމަށްވާ 'ކޯޑިނޭޝަން ފްރޭމްވޯކް' އިން ބޮޑުވަޒީރުކަމަށް މާލިކީ ނޮމިނޭޓް ކުރުމާ ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!