ސަޢުދީ އަރަބިއްޔާގެ އަލް އިމާމު މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީން ދިވެހިރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް ހަދިޔާކޮށްފި އެވެ.
މިކަމަށްޓަކައި މިއަދު ވަނީ އިސްލާމީ މަރުކަޒުގައި މިކަމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.
މި ރަސްމިއްޔާތުގައި އެ ޔުނިވާސިޓީގެ ފަރާތުން ފޮތްތައް ހަވާލުކޮށްދެއްވީ ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަޢުދީ ސަފީރު ހިޒް އެކްސެލަންސީ ޔަޙްޔާ ހަސަން އަލްޤަހްތާނީ އާއި އެ ޔުނިވާސިޓީގެ ޑިރެކްޓަރ ޑރ. ޞާލިޙް ބިން ސުލައިމާން އަލް ޢަރަޖާއެވެ. މި ފޮތްތަކާ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ހަވާލުވެލެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ، "މިއީ އަޅުގަނޑުމެންގެ އަޚްވަންތަ ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ މުހިއްމު ކަމެއް" ކަމަށާއި، މިއީ ދިވެހިރާއްޖޭގެ ޢިލްމު އުނގެނޭ ދަރިވަރުންނާއި ދިރާސާކުރާ ފަރާތްތަކަށް ޚިދުމަތްކުރުމަށާއި، ޢިލްމާއި މަޢުރިފާ އާލާކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ދެއްވާ އަހައްމިއްޔަތުކަމުގެ ހެއްކެއްކަމަށެވެ.
އިތުރަށް ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ސަޢުދީ ސަރުކާރުން ދިވެހިރާއްޖެއާމެދު ބަހައްޓަވާ ގާތްގުޅުމަށްޓަކައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނަށް އަދި ސަޢުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާކަމަށެވެ.
މި ހަދިޔާއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. އަދި މިއާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދު ތަންފީޒު ކުރުމަށް އިތުރު ފަހިކަމެއް ލިބިގެންދާނެކަން ފާހަގަކުރެވެއެވެ.
އެ ޔުނިވާސިޓީގެ ފަރާތުން ވެދެއްވި ދީލަތި އެހީގެ އަގުވަޒަންކުރައްވާ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ހާއްސަ ހަނދާނީ ލިޔުމެއް އެ ޔުނިވާސިޓީއަށް އަރުވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!